ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން
ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން
ކުރީގެ ސަރުކާރުން ރޭވި ގޮތަށް ހިޔާ މަޝްރޫއު ކުރިއަށް ގެންދިޔަ ނަމަ ރައްޔިތުންނަށް އެންމެ ހައްގު މިންވަރު ދެވުނީސް ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތަކާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ކުރީގެ ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި މި ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވަނީ ހާޒިރުކޮށްފައެވެ. އެކޮމެޓީގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ.މުއިއްޒު ވިދާޅުވީ، ކުރީގެ ސަރުކާރުން ރޭވި ގޮތަށް ހިޔާ މަޝްރޫއު ކުރިއަށް ގެންދިޔަ ނަމަ ރައްޔިތުންނަށް އެންމެ ހައްގު މިންވަރު ދެވުނީސް ކަމަށާއި އެ މިންވަރު އުނިވާ ގޮތަށް މަޝްރޫއަށް މި ސަރުކާރުން ބަދަލުތައް ގެނެސްފައިވާ ކަމަަށެވެ.

"އަޅުގަނޑުމެންގެ ސަރުކާރުން ރާވާފައިވާ ގޮތުންނަމަ ފްލެޓްގެ އަގު މިއަށްވުރެ ކުޑަކޮށް އެބަ ޖެހޭ، ފިނިޝިން މަސައްކަތް ވެސް ނިންމާ ގޮތަށް އޮތީ، ޓައިލްސްއާއި ފަންކާއާއި ދޮރާ ހުރިހާ ކަމެއް ނިންމާފައިދޭ ގޮތަށް، އެހެން ނަމަވެސް މި ސަރުކާރުން އެ ބަޔަށް އުނިތަކެއް ގެނައިމަ މިހާރު ދެން ހައްގު މިންވަރަކަށް ނޫން އެ ދެވެނީ." މުއިއްޒު ވިދާޅުވި އެވެ.

ކޮމިޓީގައި މިނިސްޓަރު އަސްލަމް ވިދާޅުވީ، 527 އަކަ ފޫޓަށް ފްލެޓްތައް ހެދިއިރު އެއީ ރައްޔިތުންނަށް އެންމެ ހައްގު މިންވަރު ނޫން ކަމަށެވެ. އެއީ ސޯޝަލް ހައުސިންގައި އާންމުކޮށް އޮންނަ ޖާގައިގެ މިންގަނޑަށްވުރެ ވެސް ކުޑަ މިންގަނޑެއް ކަމަށް އޭނާ ވިދާޅުވިއެވެ. މުޅި މަޝްރޫއު ވެސް ހަވާލު ކުރީ އަގު ހެޔޮކޮށް ކުރެވެން އޮއްވައި ބޮޑު އަގުގައި ކަން އަސްލަމް ފާހަގަކުރެއްވިއެވެ.

ކުރީގެ ސަރުކާރުން 7،000 ޔުނިޓް އެޅުމަށް ޗައިނާގެ ކުންފުންޏާ ހަވާލުކުރެވުނުއިރު، ނިމިފައި އޮތީ 6،720 ޔުނިޓް ކަމަށާއި އެ އަދަދު އުނިވި ސަބަބަކާ ގުޅޭ ގޮތުން ބައެއް މެންބަރުން ކުރެއްވި ސުވާލަށްޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ އޭނާ ފްލެޓްތަކަށް ޒިޔާރަތް ކުރުމުން ތިރީ ފަންގިފިލާގައި އެއްވެސް ފްލެޓެއް ނެތްކަން ފާހަގަކުރެވުނު ކަމަށާއި އޭގެ ސަބަބުން ފްލެޓްތަކެއް މަދުވާނެ ކަމަށެވެ.

"އަޅުގަނޑުމެން ވެސް ފްލެޓްތަކަށް ޒިޔާރަތް ކުރުމުން ފާހަގަކުރެވުނު އެންމެ ގްރައުންޑް ފްލޯގައި އެއްވެސް ހައުސިން ޔުނިޓްއެއް ނެތް ކަން، ދެން އެ ތަނުގައި އޭރު ތިބި އެޗްޑީސީގެ މުވައްޒަފުން ކައިރިން ސާފުކުރުމުން އެނގުނީ އެއީ މި ސަރުކާރުން ގެނައި ބަދަލަކުން ގްރައުންޑް ފޯލާގައި ޔުނިޓްތައް ނެތި ހުސްކުރީ ކަމަށް." މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒުގެ އެ ވާހަކަތައް މިނިސްޓަރު އަސްލަމް ވަނީ ދޮގުކުރައްވާފައެވެ. އަސްލަމް ވިދާޅުވީ ފްލެޓްގެ މަސައްކަތްތައް ކުރިއަށް ގޮސްފައި ވަނީ މިދިޔަ ސަރުކާރުން ކޮންޓްރެކްޓަރާއި މަސައްކަތް ހަވާލު ކުރި ގޮތަށް ކަމަށެވެ. އޭގައި ފްލެޓްތަކުގެ ފިނިޝިން މަސައްކަތްތަކެއް ނުހިމެނޭ ކަމަށެވެ.

"ނޫން، އެއީ މި ސަރުކާރުން ނިންމި ކަމެއް ނޫން، ކުރީގެ ސަރުކާރުން ހަވާލުކުރި ގޮތަށް އެ އޮތީ ގެންގޮސްފައި." ހައުސިން މިނިސްޓަރ އަސްލަމް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު


13

ބަންޑޭރި

17-Jul-2020

ކުރަންޖެހޭ މަސައްކަތާއި އެ މަސައްކަތުގެއަގާއި ކުރެހުމާއި އެމަސައްކަތް ނިންމަންޖެހޭ މުއްދަތު ސަރުކާރާއި ކޮންޓަކްޓަރާއި ދެމެދު އެއްބަސްވެވި ސޮއިކޮށްފައިވާ އެގްރިމެންޓް އާއި ބީ.އޯ.ކިއު އިން ސާފްވާންޖެހޭނެ. އެގްރީމެންޓާއި ބީ.އޯ.ކިއު އާއްމު ކޮށްލުން ބުއްދިވެރި. އެކަކު މާމަދޭ އަނެކަކު މާގިނަޔޭ ކިޔަކިޔާނުތިބެ ނިކަންކެރިގެން ހާމަކޮށްލަބަލަ.



ޓްރެންޑިން