ބ. އޭދަފުށީ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ (ފޮޓޯ: އޭދަފުށީ ޓައިމްސް)
ބ. އޭދަފުށީ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ (ފޮޓޯ: އޭދަފުށީ ޓައިމްސް)
ބ އަތޮޅު އޭދަފުއްޓާއި، ށ އަތޮޅު ފުނަދޫ ގައި ޤާއިމުކޮށްފައިވާ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީތައް ރަސްމީކޮށް ހުޅުވައިފިއެވެ.

މި ފެސިލިޓީތައް ރަސްމީކޮށް ހުޅުވައިދެއްވީ މިނިސްޓަރ އޮފް ހައުސިންގ، ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމްއެވެ. މި ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރ އަބްދުﷲ އަމީނާއި، އެޗްއީއޯސީގެ އިސް ބޭފުޅުންގެ އިތުރުން، ށ ފުނަދޫ އަދި ބ އޭދަފުށީ ސިއްޙީ ދާއިރާގެ އިސް ވެރިންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އޮންލައިންކޮށް ރޭ ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ނަޔާޒް އަހުމަދު ވިދާޅުވީ މިހާތަނަށް ކޯވިޑް-19 ގެ ބަލި މީހުންނަށް ރާއްޖޭގައި ފަރުވާ ދެމުން އައީ ހަމައެކަނި މާލޭގައި ކަމަށާއި ނަމަވެސް މިރޭ ހުޅުވި ދެ ފެސިލިޓީއާއެކު އަތޮޅުތެރޭގައި ވެސް ފަރުވާ ލިބެން ފަށާނެ ކަމަށެވެ.

ށ ފުނަދޫގައި ޤާއިމުކޮށްފައިވާ ފެސިލިޓީގައި 20 އައިސީޔޫ އެނދާއި، 37 އައިސޮލޭޝަން އެނދު ހުންނާނެ ކަމަށާއި، ބ އޭދަފުށީގައި ޤާއިމުކޮށްފައިވާ ފެސިލިޓީގައިވެސް 20 އައިސީޔޫ އެނދާއި، 37 އައިސޮލޭޝަން އެނދު ހުންނާނެކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި މި ފެސިލިޓީތައް ޤާއިމު ކުރުމާއެކު، ކޯވިޑް-19 ޖެހިގެން ޙާލު ބޮޑުވާ ބަލި މީހުންވެސް މާލެ އަންނަން ނުޖެހި، އަތޮޅު ތެރެއިން ފަރުވާ ލިބޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

އަތޮޅުތެރޭގައި 7 ފެސިލިޓީއެއް ގާއިމް ކުރުމުގެ މަސައްކަތްތައް ހެލްތް މިނިސްޓްރީން ކުރިއަށްގެންދާއިރު، އޭގެ ތެރޭގައި ހިމެނެނީ 5 މެއިން ފެސިލިޓީއާއި 2 ޓްރާންސިޓް ފެސިލިޓީކަމަށް އެޗްއީއޯސީން މީގެ ކުރިން ބުނެފައިވެއެވެ. އެގޮތުން ލ. އަތޮޅާއި އައްޑޫ ސިޓީގައި ގާއިމް ކުރާ ފެސިލިޓީތައްވެސް ޚިދުމަތް ދެވޭ ފެންވަރަށް ތަރައްޤީކުރެވި، ހުޅުވަން ތައްޔާރުވަމުންދާކަން އެޗްއީއޯސީން ހާމަ ކޮށްފައިވެއެވެ.

ރާއްޖޭގެ 5 ޒޯނެއްގައި ކޮވިޑް ޓްރީޓްމަންޓް މެއިން ފެސިލިޓީތައް ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އޭގެ ތެރޭގައި ހިމެނެނީ އަލަށް ހުޅުވާފައިވާ ށ ފުނަދޫއާއި ބ އޭދަފުށީ ސެންޓަރުގެ އިތުރުން، ލ. ގަމާއި، ގއ. ވިލިނގިލި އަދި އައްޑޫ ސިޓީގައި ޤާއިމުކުރާ ފެސިލިޓީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން