ވިއްސާރައިގެ ސަބަބުން މަގުތަކުގައި ބޮޑުވާ ފެންގަނޑު ހިންދުމުގައްޔާއި، ސާފުކުރުމުގައި ހަރަކާތްތެރިވާއިރު ރައްކާތެރިވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އިލްތިމާސް ކޮށްފިއެވެ.

އެޗްޕީއޭއިން މިއަދު ބުނީ، މި ދުވަސްވަރަކީ ރާއްޖެއަށް ވިއްސާރަ ދުވަސްވަރަކަށް ވުމާއެކު، މަގުތަކުގައި ބޮޑުވާ ފެން ހިންދައި އެހިސާބު ސާފުކޮށް ނިމެންދެން ފެނުގެ އަސަރުކޮށްފައިވާ ހިސާބަށް ކުޑަކުދިން ގާތްވިޔަ ނުދިނުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި، ނަރުދަމާ، ޖަންކުޝަން، ނުވަތަ ސެޕްޓިކް ޓޭންކު ފުރިގެން ބޭރުވެފައިވާ ނަމަ، ސާފުކުރުމުގެ ކުރިން ޕަބްލިކް ހެލްތް ޔުނިޓުގެ އެހީތެރިކަން ހޯދަން އެޗްޕީއޭ އިން ވަނީ އެދިފައެވެ.

އޭގެއިތުރުން ހަމުގައި ފާރުގަނޑެއް ހުރި ނަމަ، ފެންގަނޑުގައި ޖެހުނަ ނުދިނުމަށާއި، ފެން ހިންދުމުގައްޔާއި ސާފުކުރުމުގައި ހަރަކާތްތެރިވާން ޖެހިއްޖެ ނަމަ، ފެން ނުވަންނާނޭހެން މަލަން އަޅައި ފާރުގަނޑު ނިވާކުރުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ.

ހަމައެއާއެކު ފެންހިންދުމުގެ މަސައްކަތުގައި ބޭނުންކުރާ އަންގިއާއި މާސްކު ފަދަ ތަކެތި އެ މަސައްކަތް ނިމުމުން ކޮތަޅެއްގައި ބަންދުކުރުމަށް ފަހު، ރައްކާތެރިކަމާ އެކު އުކާލުމަށް ސަމާލުކަން ދިނުމަށް ވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ.

ރާއްޖެއަށް މިދުވަސްވަރު ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަމުން އަންނައިރު މާލެއާއި ރަށްރަށުގެ މަގުތަކުގައި ފެންބޮޑުވެ، ޕަންޕު ޖަހައިގެން ފެން ހިއްކުން ވަނީ ޢާއްމުކަމަކަށް ވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން