ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން، ފޮޓޯ:ރައީސް އޮފީސް
ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން، ފޮޓޯ:ރައީސް އޮފީސް
ފަނޑިޔާރަކު ކުރެއްވި ހުކުމެއް ޤާނޫނާއި ހިލާފްކަމަށްބުނެ އިސްތިއުނާފްކޮށްފައި ވަނިކޮށް ޖޭއެސްސީ އިން އެމައްސަލައަށް ގޮތްނިންމުމަކީ މައްސަލައަށް ނުފޫޒުފޯރުވުން ކަމުގައި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ވިދާޅުވެއްޖެއެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުގެ މައްޗަށް ދައުލަތުން ހުށައެޅި ހަތް ދައުވާ ކްރިމިނަލް ކޯޓުން ބޭރުކުރަން ނިންމެވި ގާޒީ އިސްމާއިލް ރަޝީދުގެ މައްސަލަ އިސްތިއުނާފް ކޮށްފައި ވަނިކޮށް އެމައްސަލަ ޖޭއެސްސީ އިން ތަހުގީގު ކުރަން ފަށާފައިވާތީ އެކަމަށް ފާޑުވިދާޅުވެ ކުރީހެ ޕީޖީ މުހުތާޒް ވިދާޅުވީ މިއީ ސީދާ މައްސަލައަށް ނުފޫޒު ފޯރުވުމަށް ހިންގޭ އަމަލެއްކަމަށެވެ.

"ފަނޑިޔާރަކު ކުރެއްވި ހުކުމަކީ ގާނޫނާއި ހިލާފް ހުކުމެއްކަމަށްބުނެ އިސްތިއުނާފް ކޮށްފައި ވަނިކޮށް މަތީކޯޓުން ހުކުމެއް ކުރުމުގެ ކުރިން މައްސަލަ ބެލި ފަނޑިޔާރު ހުކުމަށް ވާސިލުވީ ގާނޫނާއި ޚިލާފަށްކަމަށް ޖޭ.އެސް.ސީ އިން ކަނޑައަޅުއްވުމަކީ އިސްތިއުނާފީ މައްސަލައަށް ނުފޫޒުފޯރުވުން." މުހުތާޒު ވިދާޅުވިއެވެ.

އަދީބުގެ މައްސަލަތައް ބޭރުކޮށްލި ގާޒީ އިސްމާއިލް ރަޝީދުގެ މައްސަލަ ޕީޖީ އޮފީހުންވަނީ އިސްތިއުނާފްކޮށްފައެވެ. އަދި މި މައްސަލަތައް ޖޭއެސްސީން ބަލަން ނިންމާފައިވަނީ މައްސަލައާއި މެދު ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެންބަރުންނާއި އަދި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ހިތްހަމަ ޖެހިވަޑައިނުގެން ގާޒީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ މައްސަލަ ބަލާނެ ކަމުގެ އިންޒާރު ދެއްވާފައި ވަނިކޮށެވެ. ރައީސް ނަޝީދަކީ ޖޭއެސްސީގައި އިންނަވާ ބޭފުޅެކެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން، މިި ސަރުކާރުގައި އެސެޓް ރިކަވަރީ ކޮމިޝަނާއި، އޭސީސީއާއި، ފުލުހުންގެ ގުޅިގެން ހިންގި ތަހުގީގަށް ފަހު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ގާޒީ އިސްމާއިލް ރަޝީދު ބާތިލުކުރެއްވީ އަދީބާއެކު ދައުލަތުން ހެދި އިއުތިރާފު އެއްބަސްވުންތަކާ ބެހޭގޮތުން ނިއްމެވި ނިއްމެވުމުގައެވެ. އެ ނިންމެވުމާ ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވަނީ ގާޒީ އިސްމާއިލް ރަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އަދި ގާޒީ އެ ނިންމެވުން ނިންމެވީ ހުށަނާޅާ މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް، އަމިއްލައަށް ފެންނަ ފެނުމަކަށް ކަމަށް ވިދާޅުވެ، އޭނާގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށްވެސް ޝަމީމް ވަނީ ވިދާޅުވެފައެވެ.

އިސްމާއިލް ރަޝީދުގެ މައްސަލަ ވަނީ ޖޭއެސްސީއަށް ހުށަހަޅާފައެވެ. ޖޭއެސްސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްމާއިލް ރަޝީދާ ދެކޮޅަށް ހުށަހެޅި މައްސަލައަކީ އަދީބުގެ ހަތް ދައުވާގެ މައްސަލައިގައި، އޭނާ، ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުން އަމަލު ކުރަން ޖެހޭ ސުލޫކީ މިންގަޑާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލައެއް ކަމަށެވެ. ޖޭއެސްސީއިން ބުނީ އެ މައްސަލަ ބަލަން ނިންމައި، އެކަމަށް ތަހުގީގު ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.

އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާއަކީ އިއުތިރާފުވާން ޝަރުތުކޮށް ލުއިކޮށް ކޮށްފައިވާ ހަތް ދައުވާއެއް ކަން ފާހަގަކޮށްލެވެއެވެ. އެއީ ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދެ ދައުވާއާއި، މަނީ ލޯންޑަރިންގެ ދެ ދައުވާއާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ. އަދީބުގެ މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލަ މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.

އަދީބުގެ މި މައްސަލަ ތަކުގައި މިހާރު ދައުލަތުން ދައުވާ ކުރުމުގެ އިސްކޮށް ހުންނެވި ޕީޖީ ހުސެން ޝަމީމަކީ އަދީބުގެ މައްސަލަތައް ފެށިގެން އައިއިރު އަދީބުގެ ވަކީލުންގެ ޓީމުގައި ހިމެނި އަދީބުގެ ދިފާޢީ ވަކީލެއްގެ ގޮތުގައި ކޯޓުތަކަށް ޖަވާބުދާރީވެ މީޑިއާތަކަށް އަދީބުގެ ފަރާތުން މައުލޫމާތު ދެއްވައި އަދީބުގެ އަތުގައި ހުރި ފައިސާއަކުން އޭނާގެ ޚިދުމަތަށް އަގު ނަންގަވަމުން ގެންދެވި ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ. އެހެންކަމުން މިއަދު އަދީބާ ދެކޮޅަށް އިސްވެ ދައުވާ ކުރައްވާ ބޭފުޅެއްގެ ގޮތުގައި ޝަމީމު ހުންނެވުމަކީ ގިނަ ބަޔަކު ސުވާލު އުފައްދަމުންދާ އަދި މަސްލަހަތު ތަކެއް ހިމެނިދާނެ ކަމެއް ކަމަށް ގިނަ ބަޔަކު ފާހަގަ ކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު


-3

އަބޫމުޙައްމަދު

19-Jul-2020

މިހާރުގެ ޕީޖީ ނޫސްކޮންފަރެންސް ބާއްވައިގެން ގާޒީއަށް ފާޑު ވިދާޅުވުމަކީ ވެސް މައްސަލައަށް ނުފޫޒު ފޯރުވުން. އެހެންނޫނީ ދައުލަތަށް އޮންނާނީ އެ މައްސަލަ އިސްތިއުނާފުކުރުން. މިއަދު ރާއްޖޭގެ "ޖުޑިޝަރީ" މިއޮތީ މީގެ އެތައް ހާސް އަހަރެއްގެ ކުރީން ޞަދޫމް ސަހަރުގައި އޮތް އަދުލު އިންސާފުގެ ނިޒާމު ކަމަށް ރައްޔިތުން ގަބޫލުކުރޭ. "ތާރީޚު އޭގެ އމިއްލަ ނަފުސު އަލުން އަނބުރައި އިޢާދަކުރެޔޭ" ބުނާ ބަހުގެ ސާބިތު ދަލީލެއް. މިއަދު ސަރުކާރަކީ ވެސް ޖުޑިޝަރީއަކީ ވެސް މަޖިލީހަކީ ވެސް ރައީސުންގެ ރައީސް ނަޝީދާއި ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވި އިބްރާޙީމް މުޙައްމަދު ޞާލިޙު. ނަޝީދަކީ އެ ދެ ބޭފުޅުންގެ "އެޖެންޑާ19" ތަންފީޒު ކުރުމުގައި ޢަމަލީ މަސައްކަތް ހަވާލުވެފައިވާ ފަރާތް. ރ.އ.މ.ޞ. ހުންނަވާނީ ހަނު. މިއީ އެއްބަސްވެވިފައިވާ ގޮތް.



ފަހުގެ ލިޔުންތައް

ޓްރެންޑިން