އައިޖީއެމްއެޗުން ބޭރުގެ ދެކުންފުންޏަކަށް ދައްކަންޖެހޭ 5.3 މިލިއަން ޑޮލަރުގެ ބިލްތަކެއް ނުދައްކާ އެބަހުރިކަމަށް އިންތިޤާލީ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.

ފިރުޒުލް މިކަން ހާމަކުރެއްވީ އިންތިގާލީ މަރުހަލާގެ މަސައްކަތްތަކާއި ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވީ، އައިޖީއެމްއެޗުގެ ހިތުގެ ބަލީގެ ސެންޓަރާއި، ނާރުގެ ސެންޓަރަށް ހިދުމަތް ފޯރުކޮށްދެމުންދާ ކުންފުންޏަށް ދައްކަންޖެހޭ 5.3 މިލިއަން ޑޮލަރުގެ ބިލްތަކެއް އެބަހުރި ކަމަށެވެ. އެހެންނަމަވެސް އައިޖީއެމްއެޗަށް ކަނޑައަޅާފައިވާ ބަޖެޓުގެ ތެރެއިން މިއަހަރުގެ ބާކީ މުއްދަތަށް ފައިސާ ހަމަޖެހިފައިވަނީ ހަމައެކަނި މުވައްޒަފުންގެ މުސާރައަށް ބޭނުންވާ މިންވަރަށް އެކަނިކަން ފިރުޒުލް ފާހަގަ ކުރެއްވިއެވެ.

ހަމައެއާއެކު ބަޖެޓު ހަމަޖެހިފައި ނެތުމުން އިމާރާތާއި މެޝިނަރީޒްގެ މަރާމާތު ވެސް ހުއްޓުމަކަށް އައިސްފައިވާކަން ފިރުޒުލް ފާހަގަ ކުރެއްވިއެވެ. އެގޮތުން ހޮސްޕިޓަލްތަކަށް ބޭނުންވާ ތަކެތި އާންމުކޮށް ގަންނަނީ ގަނޑުކޮށް އަހަރަކު ދެ ފަހަރު ކަމަށާއި، މިއަހަރުގެ ފަހު ހަމަހަށް ބޭނުންވާ ސާމާނު ގަތުމަށް އަދިވެސް އޯޑަރު ކޮށްފައި ނުވާއިރު، ބައެއް ހޮސްޕިޓަލްތަކުގައި މިހާރު ބޭނުންކުރަނި ކުއްލި ހާލަތްތަކުގައި ބޭނުންކުރަން ހުރި ތަކެތިކަމަށްވެސް ފިރުޒުލް ވަނީ ވިދާޅުވެފައެވެ.

"މީގެތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އެކުންފުނިތަކުން ނުވަތަ ހޮސްޕިޓަލްތަކުން ފޯރުކޮށްދީފައިވާ އެކިއެކި ކޮންސިއުމެބަލްސްއާ ގުޅޭ ބިލްތައް." ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ، ރާއްޖޭގެ ސިއްޙީ ނިޒާމު ހަމަޖެހިފައިއޮތް ގޮތުން އައިޖީއެމްއެޗް ހިނގަމުން ދަނީ ހެލްތް މިނިސްޓްރީގެ މާ ބޮޑު ދައުރެއް ނެތި، ރައީސްގެ ގަރާރަކުން އެކުލަވާލައްވާފައިވާ ވަކި ބޯޑަކުން ކަމަށެވެ. އެހެންކަމުން އާއްމު ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ހިދުމަތްތަކެއް މިފަދަ ކަމަކާ ގުޅިގެން ހުއްޓުމަކަށް އައުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް މިއަދު ވިދާޅުވީ، ހޮސްޕިޓަލްތަކުން ފޯރުކޮށްދޭ ހިދުމަތްތަކަށް ޖަވާބުދާރީވާންޖެހޭ ފަރާތަކީ ހެލްތް މިނިސްޓަރު ކަމަށްވީ ނަމަވެސް ހެލްތް މިނިސްޓްރީގެ މެންޑޭޓުން ބޭރުން ހޮސްޕިޓަލްތަކުގެ ހިންގުން ކުރިއަށްދާނަމަ އެކަންކަމަށް ޖަވާބުދާރީވުމަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން