އަންނަ ޑިސެމްބަރުގެ ނިޔަލަށް ބޭނުންވާ ސާމާނު ހުރިހާ ހޮސްޕިޓަލެއްގައިވެސް އެބަހުރި ކަމަށް ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.

ހެލްތު މިނިސްޓްރީން މިކަން ހާމަކޮށްފައިމިވަނީ ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗަށް ކަނޑައަޅާފައިވާ ބަޖެޓުގެ ތެރެއިން މިއަހަރުގެ ބާކީ މުއްދަތަށް ފައިސާ ހަމަޖެހިފައިވަނީ ހަމައެކަނި މުވައްޒަފުންގެ މުސާރައަށް ބޭނުންވާ މިންވަރަށް އެކަނިކަމަށް އިންތިޤާލީ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލު ވިދާޅުވުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ހެލްތު މިނިސްޓްރީން ބުނެފައިވަނީ ޑިސެމްބަރު މަހުގެ ނިޔަލަށް ހޮސްޕިޓަލްތައް ހިންގަން ބޭނުންވާ ވަރަށް ތަކެތި އެބަހުރި ކަމަށާއި އޭގެ ފަހަށް ބޭނުންވާ ތަކެތި ގަތުމަށް ބޭނުންވާ ފައިސާވެސް ހަމަޖެހޭނެ ކަމަށެވެ.

އޭގެ އިތުރުން ހޮސްޕިޓަލްތައް ނުހުއްޓި ހިނގާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި މިހާރު އެޕްރޫވް ނުވެހުރި ފައިސާވެސް ހަމަޖެހޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.

ފިރުޒުލް މިއަދު ވިދާޅުވީ ސިއްޙީ ދާއިރާގެ ބަޖެޓު ހަމަޖެހިފައި ނެތުމުން ބައެއް ހޮސްޕިޓަލްތަކުގެ އިމާރާތާއި މެޝިނަރީޒްގެ މަރާމާތުވެސް ހުއްޓުމަކަށް އައިސްފައިވާކަމަށެވެ.

އެގޮތުން ހޮސްޕިޓަލްތަކަށް ބޭނުންވާ ތަކެތި އާންމުކޮށް ގަންނަނީ ގަނޑުކޮށް އަހަރަކު ދެ ފަހަރު ކަމަށާއި، މިއަހަރުގެ ފަހު ހަމަހަށް ބޭނުންވާ ސާމާނު ގަތުމަށް އަދިވެސް އޯޑަރު ކޮށްފައި ނުވާއިރު، ބައެއް ހޮސްޕިޓަލްތަކުގައި މިހާރު ބޭނުންކުރަނީ ކުއްލި ހާލަތްތަކުގައި ބޭނުންކުރަން ހުރި ތަކެތިކަމަށްވެސް ފިރުޒުލް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން