ފެނަކައިގެ 71.9 މިލިއަން ރުފިޔާގެ ތަފާތު 31 މައްސަލަ އޭސީސީގައި އެބައޮތް ކަމަށް ރައްޔިތުން މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ފެނަކައިން ކުދި ވިޔަފާރިތަކަށް ދައްކަންޖެހޭ ފައިސާ ދެއްކޭނެ އިންތިޒާމުތަކެއް ތަރުތީބުކޮށް، ފައިސާ ދެއްކުމަށް ގޮވައިލާ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ހުށަހަޅުއްވާފައިވާ ޤަރާރުގެ ބަހުސްގައި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ވިދާޅުވީ، ފެނަކައިގެ 71.9 މިލިއަން ރުފިޔާގެ ކޮރަޕްޝަން މައްސަލަތައް އޭސީސީގައި ތަހުގީގުނުކުރެވި ހުއްޓިފައި އޮތުމަކީ އެފަދަ ކޮރަޕްޝަން ހިންގުމަށް އިތުރަށް ހިތްވަރު ލިބޭކަމެއް ކަމަށެވެ.

ޙަސަން ވިދާޅުވީ ފެނަކައިގެ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވަނީ ކުންފުނީގެ މުވައްޒަފުން ކަމަށެވެ.

"ކުންފުންޏަށް ނިސްބަތްވާ 71.9 މިލިއަން ރުފިޔާގެ ކޮރަޕްޝަންގެ ތަފާތު 31 މައްސަލަ އޭސީސީގައި އެބައޮތް. އެ މައްސަލަތަކަކީ ބެލެންޖެހޭނެ މައްސަލަތައް." ޙަސަން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޙަސަން ވަނީ، އިންތިޒާމީ ގޮތެއްގައި މިސްމެނޭޖުކޮށްފައިވާ ދައުލަތުގެ ކުންފުނިތަކުގެ އޮޑިޓެއް މިހާރުން މިހާރަށް ހެދުމަށްވެސް ގޮވާލައްވާފައެވެ. ހަމައެއާއެކު އާދައިގެ ކުދި ވިޔަފާރިތަކަށް ދަޢުލަތުގެ ކުންފުނިތަކުން ދައްކަންޖެހޭ ފައިސާ ދައުލަތުގެ މާލިއްޔާއިން ދެއްކޭނެ ގޮތެއް ހޯދައިދޭންޖެހޭކަން ޙަސަން ފާހަގަކުރެއްވިއެވެ.

ކުދި ވިޔަފާރިތަކަކީ އިޤުތިޞާދުގެ މައިބަދަކަން ފާހަގަ ކުރަށްވައި ޙަސަން ވިދާޅުވީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބަނގުރޫޓުވާން ދޫކޮށްލުމުން އިޤުތިޞާދު ކުރިއަރުވާނެ އެހެން ގޮތެއް ނޯންނާނެ ކަމަށެވެ.

ފެނަކަ ކޯޕަރޭޝަނުން އެކި ޕްރޮޖެކްޓްތަކަށް ނުލިބި 300 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް އެބަ ހުރި ކަމަށް މިދިޔަ މަހުގެ ތެރޭގައި ކޮންޓްރެކްޓަރުންތަކެއް ވަނީ ބުނެފަ އެވެ.

ދާދިފަހުން 19 ކޮންޓްރެކްޓަރަކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވަނީ ފެނަކައިން ފައިސާ ނުލިބޭ ކުންފުނިތަކުގެ ޢަދަދު 100 އަށްވުރެ ގިނަވާނެ ކަމަށާއި، ބިލުތަކަށް ފައިސާ ނުދައްކާތާ 500 ދުވަހާއި 300 ދުވަސް ވެފައިވާ ކަމަށެވެ. ހަމައެއާއެކު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އާންމުކޮށްފައިވާ ކުންފުނިތަކުގެ މާލީ ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ އަހަރު ނިމުނުއިރު ފެނަކައިން އެކި ފަރާތްތަކަށް ދައްކަން ހުރި ދަރަނި 2.22 ބިލިއަން ރުފިޔާއަށް އަރައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން