ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް
ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް
އެމްޑީޕީގެ ސަރުކާރު ވެރިކަމަށް އައީ ބޭރު ގައުމުތަކުން ފައިސާ ނަގައިގެން ރައްޔިތުންނަށް ގެއްލުންވާ އެތައް އެގްރިމެންޓްތަކެއްގައި ސޮއިކޮށްގެން ކަމަށް ޕީޕިއެމްގެ ނާއިބް ރައީސް، ނައިފަރު ދާއިރާގެ އަހުމަދު ޝިޔާމް ރޭ ވިދާޅުވެއްޖެއެވެ.

ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމިން މިނިވަން ކުރުމަށް ގޮވާލާ ޕްރޮގުރެސިވް ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނައިފަރު ދާއިރާގެ އަހުމަދު ޝިޔާމް ވިދާޅުވީ، ބިދޭސީންނަށް ރަށްވެހިކަން ދިނުމަކީ މިއަދު ފަށައިގެން އުޅޭ ކަމެއް ނޫންކަމަށާއި، މީގެ ކުރިންވެސް އެމްޑީޕީގެ ލީޑަރ ޝިޕްގެ އިސްބޭފުޅުން އެވާހަކަ ދައްކަމުން އައި ކަމަށެވެ. އަދި އެކަމާ ގުޅިގެން އެމްޑީޕީގެ އިސްބޭފުޅުން މީގެ ކުރިން ކުރައްވާފައިވާ ޓުވީޓްތަކުން އެކަން ހާމަވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"މިއީ މިމީހުން ( އެމްޑީޕީ) ވެރިކަމަށް އައުމަށްޓަކައި މިފަދަ ނުރައްކާތެރި އެގްރިމެންޓްތަކުގައި ސޮއިކޮށްގެން މި ތިބީ، މިފަދަ ނުރައްކާތެރި ކަންތައްތައް ކުރުމަށްޓަކައި އެތިބީ އައިސް، އެގައުމުތަކުން ފައިސާ ނަގައިގެން މިމީހުން މިތިބީ ވެރިކަމަށް އައިސް، މިގައުމު ހަލާކޮށްލަން، މިއީ މިވާގޮތަކީ." ޝިޔާމް ވިދާޅުވިއެވެ.

އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލް އެ ކޮމިޓީން ދިރާސާކޮށް، ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމަން ފޮނުވުމުން ރައީސް ނަޝީދު ވަނީ ރާއްޖޭގައި 10 އަހަރަށް ވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށް ރެޒިޑެންޓް ވިސާ ދޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހެއް ގެންނަން އެދިވަޑައިގެން އެބިލު އަނބުރާ ކޮމިޓީއަށް ފޮނުވާލައްވާފައެވެ. އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޝިޔާމް ވިދާޅުވީ، މަޖިލީހުގެ ކޮމެޓީއަކުން ބިލެއް ވަކިގޮތަކަށް ނިއްމައި ތަޅުމަށް ފޮނުވުމުން މަޖިލީހުގެ ރައީސް ބޭނުންފުޅުވާ އިސްލާހެއް ހިމަނަން ކޮމެޓީ އަށް އަނބުރާ ފޮނުވުމަކީ މަޖިލީހުގެ ގަވާއިދު ތަންދޭ ކަމެއް ނޫންކަމަށެވެ. އެއީ މަޖިލީހުގެ ގަވާއިދާއި ޚިލާފަށް ރައީސް ނަޝީދު ކުރެއްވި ކަމެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"ކޮމެޓީއަކުން ނިއްމާ ރިޕޯޓެއް އަނެއްކާ ކޮމެޓީއަށް އަނބުރާ ފޮނުވައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އެ ކޮމެޓީއަށް، އެބިލަށް ތިން ހަތަރު އިސްލާހެއް މިއޮތީ ހުށައަޅާފަ، މިގައުމުގެ ރައްޔިތުންނާއި އިނދެގެން އުޅޭ ބިދޭސީންނަށް މިހާރު ވެސް އޮވެޔޭ، ރަށްވެހިކަން ދީފައި. އެކަމަކު އަހަރުން އަހަރަށް އާ ކުރަންޖެހޭ، އޯކޭ އަހަރުން އަހަރަށް އާކުރަން މިޖެހޭ ޖެހުން، އެކަމަށް އުނދަގޫވާނަމަ އެކަމަށް ލުޔެއް ހޯދަންވީ އެއް ނޫންތޯ. މިއުޅެނީ އެކަން ކުރާކަށް ނޫނޭ، މިއުޅެނީ މި މީހުން ތާ އަބަދު މިތަނުގައި ވެރިކަމުގައި ތިބެން." ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން ޝިޔާމް ވިދާޅުވީ ރައީސް ޔާމިން ސަލާމަތް ކުރުމަށް ކުރާ މަސައްކަތަކީ ދިވެހި ގައުމު ސަލާމަތް ކުރުމަށް ކުރާ މަސައްކަތެއް ކަމަށެވެ. އަދި ރައީސް ޔާމިން ސަލާމަތް ކުރުމަށް ކުރާ މަސައްކަތުގައި ބަައިވެރިވުމަށް ޝިޔާމް ވަނީ އެދިވަޑައިގެންފައެވެ. ގައުމުގެ މުސްތަގުބަލް ނަގާލައި ދީނަށް ބުރޫ އަރާކަންކަމަށް ޕްރޮގުރެސިވް ކޯލިޝަނުން ޖާގަ ނުދޭނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"ސަރުކާރު ޖަވާބުދާރީ ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް އިހުނަށްވުރެ ވަރުގަދަކޮށްގެން މިހާރު މިއުޅެނީ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ބޭނުންވަނީ ޕާޓީގެ ބޭފުޅުންގެ އިތުރުން ދިވެހި ލޮބުވެތި ރައްޔިތުން، މިއީ މިގައުމުގެ ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތްތައް، އަންނަން އޮތް ޖީލުތަކަށް މިގައުމު މިއޮތްގޮތަށް ފޯރުކޮށްދޭން ބޭނުންވޭ." ޝިޔާމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން