ޤައްސާން މައުމޫން، ފޮޓޯ:ޕީޕީއެމް
ޤައްސާން މައުމޫން، ފޮޓޯ:ޕީޕީއެމް
އިންސާފުގެ ދަތުރުގެ ނަމުގައި އެމްޑީޕީން ރާއްޖޭގެ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ދައުލަތުގެ ތިންބާރު ހިސޯރުކޮށް، ޤާނޫނު އަސާސީގެ ބާރު ކަނޑުވާލަމުންދާކަމުގައި އިދިކޮޅު ޕީޕީއެމްގެ ނާއިބް ރައީސް ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި "ގައިދުރު ޖަލްސާ"ގައި ވާހަކަ ދައްކަވަމުން ރައީސް މައުމޫންގެ ދަރިކަލުން ޣައްސާން މައުމޫން ވިދާޅުވީ އެމްޑީޕީން ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ރާއްޖޭގެ ވެރިކަމުގެ ނިޒާމު އޮޅުން ބޮޅުން އަރުވާލާކަމަށެވެ. ދައުލަތުގެ ހިންގުމުގެ ނިޒާމުގެ ތެރެއަށް އަތްބާނައި، ނުފޫޒާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށް، ދައުލަތުގެ ހިންގުން ހުދުމުހުތާރު ނިޒާމަކަށް ގެންދިއުމަށް މަސައްކަތް ކުރާކަމަށް ގުރައުދޫ ދާއިރާގެ މަޖިލިސް މެންބަރު ވިދާޅުވިއެވެ.

"އެމްޑީޕީ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ދިވެހިންގެ އިގްތިސާދު ފުޑުފުޑުވެ ރައްޔތުން ބިކަހާލުގައި ޖައްސާ. އިސްލާމްދީނަށް ފުރައްސާރަކޮށް، ޝަރުއީ ނިޒާމަށް ހަމަލާ ދެމުންދަނީ. މުޅި އޮޑީގައި ހަސަނުގެ ދެފައި އޮންނަ އުސޫލަކުން ކަންކަން ކުރާ މަންޒަރު ދަނީ ފެންނަމުން. މިއަދު ސަރުކާރު އޮތީ އޮޅިބޮނޑިވެ، އޮޅުން ބޮޅުން އަރާފައިވާ ކަންވާރަކަށްވެފަ." ޣައްސާން ވިދާޅުވިއެވެ.

އެމްޑީޕީން ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ރައްޔިތުންނަށް ވިއްކާ ކަންތައްތަކަކީ އިންސާފުގެ ދަތުރުގެ ނަމުގައި ރާއްޖޭގެ މުވައްސަސާތަކަށް ހަމަހަމަ ބާރުދީ، ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށްދޭނެ ވާހަކަ ކަމުގައި ޣައްސާނު ވިދާޅުވިއެވެ. ނަމަވެސް ވެރިކަން ލިބުމުން ކަންކަން ކުރާ ގޮތް ރަށްޔިތުންނަށް މިވަނީ ދެ ވަނަ ފަހަރަށް ތަޖުރިބާ ކުރަން ޖެހިފައިކަން ޣައްސާނު ފާހަގަ ކުރެއްވިއެވެ. "މިމީހުންނަށް އިތުރު ފުރުސަތެއް ނުދިނުމަށް އަޒުމް ކަނޑައަޅަން ޖެހޭ" ކަމުގައި ވެސް ޣައްސާނު ވިދާޅުވިއެވެ.

"މިއަދު މިފެންނަކީ ތިންބާރު ނަގަން މަސައްކަތް ކުރާ މަންޒަރު. އިންސާފުގެ ދަތުރޭ، ޖުޑިޝަރީ މިނިވަންކުރާނަމޭ ވިދާޅުވެ ކޮންމެ ފަހަރަކު ވެރިކަމަށް އަންނަނީ. މިއަދު މިފެންނަކީ މަޖިލިސް މެޖޯރިޓީ ނަހަމަ ގޮތުގައި ބޭނުންކޮށް، ޖުޑީޝަރީއަށް އަތްބާނައި ޖުޑިޝަރީ ހިސޯރުކޮށްގެން، ބާރު އޮތް މިންވަރު ދައްކާލާ މަންޒަރު. މިކަން އިރާދާކުރެއްވިއްޔާ އަޅުގަނޑުމެން ހުއްޓުވާނަން." ޣައްސާން ވިދާޅުވިއެވެ.

މިއަދު ރާއްޖޭގެ ރައްޔިތުންގެ ތަނަވަސްކަން ނެތި، އަތްމަތި ދަތިވެ، ދަތިހާލުގައި ޖެހެމުންދާ މަންޒަރު ފެންނަމުންދާކަމަށް ޣައްސާން ވިދާޅުވިއެވެ. ޤައުމުގެ އިޤްތިޞާދު ދަަށްވެ އިޤްތިޞާދު ކޮޅަށް ޖަހާނެ ގޮތެއް ނެތި ގޮތް ހުސްވެފައިވާ ސަރުކާރެއްގެ މަންޒަރު މިއަދު ދައުލަތުން ފެންނަމުންދާކަަމަށާއި، މިކަން ހަމަމަގަށް އަޅުވައި ޤައުމު އަމާން ބަނދަރަކަށް ގެންދެވޭނީ 2023 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް ރައީސް ޔާމީން ގެނެސްގެންކަމަށް ޣައްސާން ވިދާޅުވިއެވެ. އަދި އެކަން ކުރުމުގައި ދިވެހި ރައްޔިތުންނާއެކީ ނުކުމެވަޑައިގެން ކާމިޔާބް ކުރައްވާނެކަމަށް ޣައްސާން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


0

ލަތިފު

19-Jul-2020

އާތިއްޔޯލަ ޕީއެންސީ ކޯލިސަނުގެ 2023 ގެ ކެންޑިޑޭޓޯލަ



ޓްރެންޑިން