އެޗްއާރުސީއެމް އިން ވަކިކުރަން ނިންމި ޒާހިދުއާއި، މޫސާ ( ފޓޯ:ރަސް އޮންލައިން)
އެޗްއާރުސީއެމް އިން ވަކިކުރަން ނިންމި ޒާހިދުއާއި، މޫސާ ( ފޓޯ:ރަސް އޮންލައިން)
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެމްބަރުންގެ ތެރެއިން ދެ މެމްބަރަކު މަޤާމުން ވަކިކުރުމަށް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ނިންމައި ތަޅުމަށް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން، ކޮމިޝަނުން ވަކިކުރުމަށް ނިންމާފައިވަނީ ކޮމިޝަންގެ ނައިބު ރައީސް މުޙައްމަދު ޒާހިދާއި ކޮމިޝަނުގެ މެންބަރު މޫސާ ޢަލީ ކަލޭފާނެވެ. މިދެބޭފުޅުން ކޮމިޝަނުން ވަކިކުރުމުގެ ކުރިން ކޮމިޓީންވަނީ ދެބޭފުޅުންނަށްވެސް ޖަވާބުދާރީވުމަށް ފުރުސަތު ދެއްވާފައެވެ.

މި މެމްބަރުން މަގާމުން ވަކި ކުރުމަށް ކޮމިޓީން ނިންމުމުގައި ބެލި ކަންތައްތަކުގެ ތެރޭގައި ގިނަ ތުހުމަތުތަކެއްކޮށް މަސައްކަތުގައި ފަރުވާކުޑަކޮށް މައްސަލަތައް ބަލާފައި ނުވާކަން ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި އަނިޔާވެރިކޮށް މަރާލާފައިވާ ބްލޮގަރ، ޔާމިން ރަޝީދުގެ މައްސަލައިގައި، އޭނާއަށް ދީފައިވާ މަރުގެ އިންޒާރުގެ މައްސަލަތައް ފުލުހުން ނުބެލި މައްސަލަ ޔާމީން ރަޝީދުގެ ޢާއިލާއިން ކޮމިޝަނަށް ހުށަހެޅުމުން އެ މައްސަލަ ބެލުމުގައި ވެސް އިހުމާލު ވެފައިވާކަން ފާހަގަކޮށްފައިވެއެވެ.

ކޮމިޝަނުން ވަކިކުރުމަށް ނިންމާފައިވާ މޫސާ އަލީކަލޭފާނުގެ މައްޗަށް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ 24 މިލިއަން ރުފިޔާގެ ކޮރަޕްޝަން ތުހުމަތަކެއް ވަނީ ކުރެވިފައެވެ. މިމައްސަލާގައި ވާހަކަ ދެއްކެވި މެމްބަރުންވަނީ މޫސާ އަލީ ކަލޭގެފާނުގެ މައްޗަށް ކޮރަޕްޝަން ތުތުމަތުތަކެއް ކުރެވޭއިރު އޭނާ މިނިވަން މުއްސަތަގިއްލު ކޮމިޝަނެއްގެ މެމްބަރުކަމުގެ މަޤާމުގައި ހުންނެވުމަކީ އެ ކޮމިޝަނެއްގެ މުސްތަގިއްލުކަމާއި، ނަޒާހާތްތެރިކަންވެސް ގެއްލޭނެކަމެއްކަމަށް ވެސް ވިދާޅުވެފައެވެ.

އެޗްއާރުސީއެމްގެ 5 މެމްބަރުންގެ ތެރެއިން 2 މެމްބަރަކު މީގެކުރިން ވަނީ ޤާމުން އިސްތިއުފާ ދެއްވާފައެވެ. ކޮމިޝަންގެ ރައީސާ އާމިނަތު އީނާސާއި އެކޮމިޝަނުގެ މެންބަރު ޢާއިޝަތު އަފްރީން މުޙަޢްމަދު މަޤާމުން އިސްތިއުފާ ދެއްވުމާއެކު ކޮމިޝަންގައި މިވަގުތު ތިއްބެވީ 3 މެމްބަރުންނެވެ. އޭގެ ތެރެއިން 2 މެމްބަރެއް މަޤާމުން ވަކިކުރަން ނިންމާފައިވާއިރު، އަނެއް މެމްބަރު ހުންނެވީ މެޓާނިޓީ ލީވްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން