އެމްޑީޕީގެ ޖަލްސާއެއްގައި ޝުއައިބް، ފޮޓޯ:އެމްޑީޕީ
އެމްޑީޕީގެ ޖަލްސާއެއްގައި ޝުއައިބް، ފޮޓޯ:އެމްޑީޕީ
ވެރިކަމަށް އައުމަށް އެމްޑީޕީން ރައްޔިތުންނަށް ވެފައިވާ ވައުދުތަކުގެ މަތީން މިއަދު ހަނދާން ނެތިފައިވާކަމަށްބުނެ، އެމްޑީޕީ އުފެއްދުމަށް އެންމެ އިސްކޮށް ހަރަކާތްތެރިވި ޝުއައިބް އަލީ (ފުރަހަނި ޝުއައިބް) ވަރަށްބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް އެމްޑީޕީން ވެފައިވާ ވައުދުތައް ޓުވީޓްކޮށް ތަކުރާރުކޮށް ފާޑުވިދާޅުވަމުންދާ ޝުއައިބް ވަނީ، ވައުދާއި ހުވާކޮށް، އެވައުދުތަކުގެ މަތީން މިއަދު ހަނދާނެތިފައިވާކަމަށް ވިދާޅުވެ އެލަވަ ޓްވިޓާގައި ހިއްސާކުރައްވާފައެވެ. މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދުމަށް ހުއްޓުމެއްނެތި ވަކާލާތު ކުރައްވާ ޝުއައިބު ވިދާޅުވީ ބޯހިޔާވަހިކަމުގެ ވައުދަކީ އެމްޑީޕީން ތަކުރާރުކޮށް ރައްޔިތުންނަށް ވަމުންދާ ވައުދެއްކަމަށެވެ.

އެވައުދު ނުފުއްދި، ރައްޔިތުންގެ ރުޅިވެރިކަން މިއަދު ސަރުކާރަށް އޮތްކަމީ ގަބޫލުކުރަންޖެހޭ ހަގީގަތެއްކަމަށް އޭނާ ވިދާޅުވިއެވެ. މާލޭގެ ބޯހިޔާވަހިކަމަށް ހައްލު ހޯދުމަށް އެމްޑީޕީން އޭރުގެ ސަރުކާރާއި ދެކޮޅަށް އަޑުއުފުލައި ކުރި އިހުތުޖާޖުތައްވެސް އޭނާވަނީ ޓްވިޓާގައި ހިއްސާކުރައްވާފައެވެ. އަދި މިއަދު ވެރިކަންލިބި މިހައްގުތައް ހޯދައި ދިނުމަށް ވަކާލާތު ކުރިކުރުމުގެ މަތީން ހަދާންނެތުމަކީ ހިތާމަކުރައްވާ ކަމެއްކަމަށް ޝުއައިބު ވިދާޅުވިއެވެ.

މާލެ ރައްޔިތުންގެ ހުރި ބޯހިޔާވަހިކަމުގެ ކަންބޮޑުވުންތައް އޭނާވަނީ ސަރުކާރަށާއި، މަޖިލިސް މެމްބަރުންނަށާއި، ދައުލަތުގެ ކަމާއި ގުޅުންހުރި ވަޒީރުންނަށް އަމާޒުކުރައްވާފައެވެ. އަދި މިކަންބޮޑުވުންތަކުގައި ހިމެނޭ ގިނަ ސުވާލުތަކެއް އޭނާވަނީ މާލޭގެ ރައްޔިތުންގެ ނަމުގައި ހިއްސާ ކުރައްވާފައެވެ.

ޝުއައިބުގެ ކަންބޮޑުވުންތަކާއިއެކު ކުރިމަތިކުރުވާފައިވާ ސުވާލުތަކުގެ ތެރޭގައި މާލެ ސަރަހައްދުގެ ލޭންޑްޔޫސް ޕްލޭން ނިންމާފައިވާނަމަ އެކަންކުރީ ކޮންބަޔެއްގެ މަޝްވަރާއާއި ލަފާގެ މަތީކަން ހާމަކޮށްދިނުމަށް ވަނީ އެދިވަޑައިގެންފައެވެ. އަދި 2009 ވަނަ އަހަރުގައި ޕްލޭނިންގ މިނިސްޓަރ އަސްލަމްގެ ވަޒީރުކަމުގައި ތިލަފުށްޓަށް ހަދާފައިއޮތް ޕްލޭން ކޮބައިތޯއާއި، ދައުލަތުގެ ބަޖެޓުން ތިލަފުށްޓަށް ކޮށްފައި ހުރި ޚަރަދުގެ ތަފްޞީލު ދެއްވުމަށްވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.

މާލެ ރައްޔިތުންނަށް ގޯތިދޭން ސަރުކާރާއި އެޖެންޑާ 19 އިން ވައުދުވެ ޑޮކިމަންޓްތަކުގައި ލިޔެ ޤަރާރުކޮށްފައި ވަނިކޮށް، ސޯޝަލް ބެނިފިޓް ޤުރުބާންކޮށްފައި ދައުލަތަށް އެކޮނޮމިކް ބެނިފިޓް ހޯދަން ނިންމީ ކިހާ ޑޮލަރެއްގެ ފައިދާ ހިސާބުކޮށް އަދަދުކޮށްފައިތޯއާއި، އެ ހިސާބު އަކުރުން އެ އަދަދުތައް ވިދާޅުވެ ދެއްވުމަށް އޭނާ ވަނީ އަސްލަމަށް ގޮވާލައްވާފައެވެ.

ޝުއައިބަކީ އެމްޑީޕީ އުފެއްދުމުގައި ރައީސް ނަޝީދާއި، އެމްޑީޕީގެ ލީޑަރޝިޕްގެ ގިނަ ބޭފުޅުންނާއިއެކު ވަރަށްބުރަ ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އެމްޑީޕީގެ ޅަފަތުން ފެށިގެން އިސް ހަރަކާތްތެރިއެއްގެ ގޮތުގައި ހަރަކާތްތެރިވެ ވަޑައިގެން ޖަލުގެ ގޮޅިތަކުގެ ތަޖުރިބާތައްވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ޝުއައިބުގެ މިކަންބޮޑުވުންތަކަށް އެމްޑީޕީގެެވެސް އަދި ސަރުކާރުގެވެސް އެއްވެސް ބޭފުޅަކު އިޖާބަ ނުދެއްވުމުން އޭނާދަނީ ވައުދުތަކާއި އަހުދުތަކުގެ މަތީން ހަދާން ނައްތާލައި، ރައްޔިތުންނާއި ދުރު، ވެރިކަމެއް ކުރަމުންދާކަމަށް ވިދާޅުވެ ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން