ޒަހީނުއްދީން ސަޢީދު   19 ޖުލައި 2020 - 16:16
އުމަރު ނަސީރު
އުމަރު ނަސީރު
ތަބަކަށް ލާފައި ދީގެން ރިޔާސީ ޓިކެޓް ބޭނުންނުވާ ކަަމަށާއި، ޕީޕިއެމުން ފުރުސަތު ނެތް ކަމަށް ބުނަނީ އޭނާއަކީ ސިޔާސީ ވަރުގަދަ ލީޑަރެއް ކަމަށް ގަބޫލު ކުރާތީ ކަމަށް، އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިއްމަވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެއެވެ.

އުމަރު ނަސީރު ވިދާޅުވީ 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަ ނުކުރައްވާނެ ހާލަތެެއް ނާންނާނެ ކަމަށެވެ. ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި އެ ފުރުސަތު ހޯއްދަވާނީ އަމިއްލަ މަސައްކަތުން ކަމަށް ވެސް އުމަރު ވިދާޅުވިއެވެ. އުމަރު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިއްމާފައިވާ ބޭފުޅަކަށް އެއްވެސް ޕާޓީއަކުން ފުރުސަތު ނުދޭނެ ކަމަށެވެ.

ޕީޕިއެމުން އުމަރު ނަސީރަށް ފުރުސަތު ނެތް ކަމަށް ބުނަނީ އޭނާއަކީ ސިޔާސީ ލީޑަރެއް ކަން އެޕާޓީން ގަބޫލުކުރާތީ ކަމަށް އުމަރު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑު ދަންމަރު ނަގާނަން. އެއްވެސް މީހަކު ނުޖެހޭނެ އަޅުގަނޑަކަށް ސިޔާސީ ދަންމަރު ދޭކަށެއް. ބައެއް ބޭފުޅުން ވިދާޅުވޭ އުމަރު ބުންޏޭ ތަބަކަކަށްލާފައި ދޭށޭ. ނޫން، ނޫން. ތަބަކަކަށްލުން އެއީ އަޅުގަނޑު އިންކާރުކުރާ ކަމެއް ފުރަތަމަ ކަމަކަށް. 'ތަބަކަކަށްލާފައި، މި ލަފުޒު ސިޔާސީ މައިދާނަށް ފުރަތަމަ ގެނައި މީހަކީ ވެސް އަޅުގަނޑު. އެހެންވީމަ ތަބަކަކަށްލާފައި ގެންނަ އެއްވެސް އެއްޗެއް އަޅުގަނޑު ބޭނުމެއް ނޫން. އަޅުގަނޑު ބޭނުންވަނީ އޮޕޮޗިއުނިޓީ އޮތުން. އޭރުން އަޅުގަނޑު ނަގާނަން. އެތެރެއިން ނުލިބިއްޖެނަމަ ބޭރުން ވެސް އަޅުގަނޑު ދަންމަރު ނަގާނަން،" 2013 ގައި ޕީޕިއެމްގެ ރިޔާސީ ޓިކެޓަށް ރައީސް ޔާމިނާއި ވާދަކުރައްވައި ނާކާމިޔާބުވެ ވަޑައިގެންނެވި އުމަރު ނަސީރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ޕީޕީއެމުން ފުރުސަތު ނުލިބިއްޖެނަމަ އިންތިހާބުގައި ވާދަ ކުރައްވާނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ކަމަށެވެ. އަދި އިންތިހާބު ކާމިޔާބު ކުރެއްވިއްޖެނަމަ 2024 ވަނަ އަހަރު އޮންނަ މަޖިލީސް އިންތިހާބަށް އާ ޕާޓީއެއް އުފެއްދުމަކީ އެކަށީގެންވާ ކަމެއް ކަމަށް އުމަރު ވިދާޅުވިއެވެ.

އޭނާގެ ސަޕޯޓްބޭސްއެއް މިހާރު ވެސް އެބައޮތް ކަމަށާ 2023 ވަނަ އަހަރު އަންނައިރު އަމިއްލަ ޕްލެޓްފޯމެއް ވެސް އޮންނާނެ ކަމަށް އުމަރު ވިދާޅުވިއެވެ. ޕީޕީއެމްގެ ދޮރު މިވަގުތު ބަންދު ކޮށްގެން ތިބި ނަމަވެސް އެންމެ ފަހު ވަގުތު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަތްޕުޅުން ވެސް ޕީޕީއެމްގެ ދޮރު ހުޅުވައި ދިނުމަކީ ވެދާނެ ކަމެއް ކަމަށް އުމަރު ވިދާޅުވިއެވެ.

"ޕީޕީއެމްގެ، އޭ ކެޓަގަރީގެ ކެންޑިޑޭޓް މިވަގުތު އޮންނެވީ ޖަލުގައި. މިވަގުތު ތިބީ ބީ ކެޓަގަރީ ސީގެ ކެންޑިޑޭޓުން. އެހެންވީމަ އެބޭފުޅުން ބޭނުންވާނެ އޭ ކެޓަގަރީގެ ކެންޑިޑޭޓެއް. ވީމަ އެ ދޮރު ނުހުޅެވޭނެ ކަމަށް އަޅުގަނޑު ނުދަންނަވާނަން. ހުދު ރައީސް ޔާމީން ވެސް އެމަނިކުފާނު އަމިއްލަ އިސްނެންގެވުމަށް ދައުވަތު ނުދެއްވާނެ ކަމަށްވެސް އަޅުގަނޑު ގަބޫލެއް ނުކުރާނަން،" އުމަރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން