އެންމެ ކުޑަކޮށް ފަތުރުވެރިކަން ތަރައްޤީވެފައިހުރި ސަރަހައްދުތަކުން ޓެކްސް ނެގުމުގައި ލުއިތަކެއް ދިނުމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ހުށައަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މެންބަރު ސަލީމް ހުށައަޅުއްވާފައިވަނީ، ފަތުރުވެރިކަން ފުޅާވެފައިނެތް ސަރަހައްދުތަކުގައި އިންވެސްޓުކުރާ ފަރާތްތަކަށް 10 އަހަރުގެ މުއްދަތަކަށް އިމްޕޯޓު ޑިއުޓީ ކަނޑައިދިނުމާއެކު، ޓެކުސްތަކުގެ 50 އިންސައްތަ ކަނޑައިދިނުމަށެވެ.

ސަލީމް ވިދާޅުވީ މާލޭ ސަރަޙައްދުގައި ފަތުރުވެރިކަން ފުޅާވެފައިވަނީ، ފަތުރުވެރިކަން ތަޢާރަފްވި ދުވަސްވަރު އިންވެސްޓްކުރި ފަރާތްތަކުގެ އަތުން ޓެކްސްތަކެއް ނުނެގުމުން ކަމަށެވެ. އެހެންކަމުން މުޅި ރާއްޖެއަށް އެއްހަމައެއްގައި ޓެކުސް ތަންފީޒުކުރަމުން ދިއުމަކީ އެންމެ ކުޑަކޮށް ފަތުރުވެރިކަން ތަރައްޤީވެފައިހުރި ސަރަޙައްދުތަކުގައި އެ ވިޔަފާރި ފުޅާކުރުމަށް އޮތް ގޮންޖެހުމެއް ކަމަށް ސަލީމް ވިދާޅުވިއެވެ.

"މާލެ ސަރަހައްދަށް މި އެޕްލައިކުރާ ޓެކުސް ފަތުރުވެރިކަން ވަރަށް ކުޑަކޮށް ތަރައްޤީވެފައި ހުރި ސަރަހައްދުތަކަށް އެޕްލައިކުރީމާ އެ ސަރަހައްދުތަކަށް އިންވެސްޓަރުން ޝައުޤުވެރިއެއް ނުވޭ." ސަލީމް ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ސަލީމް އިތުރަށް ވިދާޅުވެފައިވަނީ، ރިސޯޓެއް ހެދުމުގެ ނިޔަތުގައި ރަށެއް ނެގިނަމަވެސް، 16 ވަރަކަށް އަހަރު ފާއިތުވާއިރުވެސް ރިސޯޓުތައް ތަރައްޤީ ނުކުރެވެނީ މާލޭ ސަރަޙައްދުގައި އިންވެސްޓް ކުރުމަށްވުރެ ރާއްޖޭގެ އެހެން ހިސާބުތަކަށް ކުރަންޖެހޭ އިންވެސްޓްމަންޓްގެ އަގު އިންތިހާއަށް ބޮޑުވުމުން ކަމަށެވެ.

އެހެންކަމުން އޭނާގެ ހުށަހެޅުމަކީ ރާއްޖޭގައި އެންމެ ކުޑަކޮށް ފަތުރުވެރިކަން ތަރައްޤީވެފައިވާ އެންމެ އުތުރާއި އެންމެ ދެކުނަށް ޓެކުސްގެ ޚާއްޞަ ލުއިތަކެއް ދިނުން ކަމަށާއި، ސަރުކާރުން ހުށަހަޅާފައިވާ ފަތުރުވެރިކަމުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލުގެ ބަހުސްގެ މަރުހަލާގައި އެކަމަށް މެންބަރުން ވިސްނުން ގެންގުޅުއްވުމަށް ސަލީމް ވަނީ އެދިލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-1

އިއްބެރެޑް

25-Oct-2023

ވީމާ މާލެ ނޫން ހުރިހާރަށެއްގަ ކުރާ ވިޔަފާރިތަކައް ގެންނަ މުދަލުންވެސް ކީއްތޯވާނީ 10 އަހަރުދުވަހައް ޑިއުޑީ ކަނޑާލަދިނުމާއި, ޓެކްސްމާފްކޮއްދިނުން.... އަދިވެސް ކުލިނުދައްކާ ޓެކްސްނުދައްކާ މަހުޖަނުންނައްތޯ ލުއިދޭއްވީ ...އަޅެ ހައިރާނެއްނުވާނެތަ? މިހާރުވެސް މި19ވަނަ މިޖިލީހުގެ އެތައްބަޔެއް އެބައޮތް ފަޅުރައްތައްނަގާފަ މިޖަހާސަކަރާތަކީ މިމީހުންގެ ރައްތައް ކުޑަ އަގެއްގަ ހާދާލުން...



ޓްރެންޑިން