ޕީޖީ ޙުސައިން ޝަމީމް
ޕީޖީ ޙުސައިން ޝަމީމް
މަޤާމާއި ހަވާލުވެ ވަޑައިގެންނެވުމުގެ 9 މަސް ކުރިން، ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމު، އެސްއޯއެފް ގެ ހަރަދުގައި އިނގިރޭސިވިލާތަށް ދަތުރުކުރެއްވި ކަމަށް ބުނާ މައްސަލައަކާއި އިތުރު އެހެން މަައްސަލަތަކެއް ބާ ކައުންސިލަށް ހުށައަޅައިފިއެވެ.

އަމިއްލަ ފަރާތަކުން މޯލްޑިވްސް ބާ ކައުންސިލަށް ހުށަހަޅާފައިވާ މައްސަލައެއްގައި ބުނެފައިވަނީ އެމްއެމްޕީއާރުސީ ހިޔާނާތުގައި ބައިވެރިވިކަމަށް ތުހުމަތުކުރެވޭ ގ.އޮއިވާލި މުހައްމަދު ހުސައިންގެ ވަކީލެއްގެ ގޮތުގައި ޝަމީމް މަސައްކަތް ކުރައްވާފައިވާ ކަމަށެވެ. މިގޮތުން 2019 ވަނަ އަހަރުގެ މާޗު މަހު ފުލުހުންނާއި ވާހަކަ ދައްކަވައިގެން މުހައްމަދު ހުސެއިންގެ މައްޗަށް ދައުވާ ނުކުރާ ގޮތަށް ހެދި ޕްލީ ބާގެއިން އެއްބަސްވުން ތައްޔާރުކޮށް ހެކިބަސް ދިނުމުގެ ގޮތުން މުހައްމަދު ހުސެއިން ބަޔާނެއް ދީފައިވާއިރު، އެ ބަޔާނުގައި މުހައްމަދު ހުސެއިންގެ ވަކީލެއްގެ ގޮތުން ސޮއިކުރައްވާފައިވަނީ ވެސް މިހާރުގެ ޕީޖީ ހުސެއިން ޝަމީމްކަމަށް އެ މައްސަލާގައި ބުނެފައިވެއެވެ. އަދި އެ ބަޔާން ނެގުމަށް، އިނގިރޭސިވިލާތަށް ދަތުރު ކުރައްވަން ޝަމީމުގެ ޓިކެޓާއި، ލަންޑަނުގައި 5 ތަރީގެ ހޮޓަލެއްގައި ހުންނެވުމާއި، ލަންޑަނުގެ ސައިޓް ސީން ހަރަދުގެ އިތުރުން މަސައްކަތުގެ އަގުގެ ގޮތުގައި 20،000 ޕައުންޑު ހުސެއިން ޝަމީމް ނަންގަވާފައިވާ ކަމަށް އެމައްސަލައިގައި ބުނެފައިވެއެވެ.

މި ފައިސާ ހުސެއިން ޝަމީމަށް ދީފައިވަނީ އެސްއޯއެފް މެދުވެރިވެގެން ކަމަށް ވާއިރު އެ ފައިސާ އަކީވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާކަމަށް ތުހުމަތުކުރެވޭ ކަމަށް މައްސަލައިގައި ބުނެ އެވެ. އަދި މި މައްސަލާގައި މުހައްމަދު ހުސެއިންގެ ވަކީލުކަންކުރައްވައި، މިހާރު ޕީޖީ އަކަށްވެވަޑައިގެންނެވުމަށްފަހު މުހައްމަދު ހުސެއިންއަށް ފައިދާ ވާނެ ހެން ހުސެއިން ޝަމީމް އަމަލު ކުރައްވަމުން ގެންދަވާ ކަމަށް ޕީޖީ އޮފީހުގެ ބައެއް ޕްރޮސެކިއުޓަރުންވެސް ފާހަގަ ކުރާ ކަމަށް އެމައްސަލައިގައި ބުނެފައިވެއެވެ.

އެމްއެމްޕީއާރުސީގެ އެއްވެސް މައްސަލައެއްގައި ވަކީލުކަން ކުރައްވާފައި ނުވާނެ ކަމަށް ޕީޖީ ޝަމީމް މީގެ ކުރިން ވިދާޅުވެފައި ވީނަމަވެސް އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރަކަށްހުރެ ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވި ކަމުގެ ތުހުމަތު ކުރެވޭ އެކުންފުނީގެ ކުރީގެ އެމްޑީ ޢަބްދުﷲ ޒިޔާތުގެ ވަކީލެއްގެ ގޮތުގައި، ޕީޖީގެ މަޤާމާ ހަވާލުވެވަޑައިގަތުމާ ހަމައަށް ޙުސައިން ޝަމީމް މަސައްކަތްކުރެއްވި ކަމަށް ވެސް މައްސަލައިގައި ތުހުމަތުކޮށްފައިވެއެވެ.  

އެސިޓީގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ޚިޔާނާތަށް މަގުފަހިވާ ގޮތަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ރަށްތަކެއް ދޫކުރި ކަމުގެ ތުހުމަތުގައި ޒިޔަތު ހައްޔަރުކުރުމަށާއި ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން 2015 ވަނަ އަހަރު އަމުރު ކުރި ކަމަށް ފާހަގަކޮށްފައިވެއެވެ. އަދި މިއަމުރާމެދު ހިތްހަމަނުޖެހިގެން ޒިޔަތުގެ ފަރާތުން އެއަމުރު އިސްތިއުނާފަށް ހުށަހެޅި ފޯމުގައި ސޮއިކުރައްވާފައިވަނީވެސް ޙުސައިން ޝަމީމް ކަމަށް އެ ސިޓީގައިވެއެވެ. އަދި އެމައްސަލާގައި ކޯޓުގައި ވަކާލާތުކުރެއްވުމަށްފަހު އަޑުއެހުން ނިންމަވައިލެއްވުމަށްފަހު މީޑިޔާއަށްވެސް ހުސައިން ޝަމީމް ބަސްދީގަތުންތަކެއް ދެއްވިކަން އެސިޓީގައި ބުނެފައިވެއެވެ.

ރައީސް ޔާމީނުގެ ސަރުކާރު ބަދަލުވުމަށްފަހު ޢަބްދުﷲ ޒިޔާތުގެ މައްޗަށް އެމްއެމްޕީއާރުސީ މައްސަލާގައި ތުހުމަތުވާ ކަންކަން ތަހުގީގުކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދިޔައިރު، 2019 ވަނަ އަހަރުގެ މެއި މަހުން ފެށިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ މަޤާމާ ހަވާލުވެވަޑައިގަތުމާ ހަމައަށްވެސް ޢަބްދުﷲ ޒިޔަތުގެ ފަރާތުން ފުލުހަށް ހާޒިރުވެވަޑައިގެން ވަކީލެއްގެ ގޮތުގަިއ ޝަމީމް މަސައްކަތްކުރައްވާފައިވާ ކަމަށް ބާ ކައުންސިލަށް ހުށައެޅި ސިޓީގައި ބުނެފައިވެއެވެ. އެގޮތުން އެދުވަސްވަރު ސުވާލުކުރުމަށް ފުލުހަށް ހާޒިރުކުރުމަށްފަހު، ފުލުހުން ދީފައިވާ ޤާނޫނީ އިންޒާރު ފޯމުތަކުގައި ޝަމީމު ސޮއިކުރައްވާފައިވާ ކަމުގައިވެސް އެސިޓީގައި ބުނެފައިވެއެވެ.

ހަމައެހެންމެ އެމްއެމްޕީއާރުސީ މައްސަލާގައި ޒިޔަތުގެ މައްޗަށް އިއްވާފައިވާ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް މިދިޔަ އަހަރު ހުށަހަޅާފައިވާއިރު، ސުޕްރީމް ކޯޓުގައި އެމައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅި ފޯމުގައިވެސް ސޮއިކުރައްވާފައިވަނީ ޙުސައިން ޝަމީމު ކަމަށް މިސިޓީގައި ބުނެފައިވެއެވެ. ނަމަވެސް އެމްއެމްޕީއާރުސީ މައްސަލާގައި ތުހުމަތުވާ އެއްވެސް މީހެއްގެ ވަކީލުކަން ކުރައްވާފައިނުވާނެ ކަމަށް ޕީޖީ ޝަމީމް ވަނީ ވިދާޅުވެފައެވެ.

ޕީޖީ އޮފީހުގެ ވަކީލުން ހަވާލުވެގެން ނުވާނެ ބާވަތުގެ މައްސަލަތައް އެ ގާނޫނުގައި ބަޔާންކޮށްފައިވާއިރު، އޭގެ ތެރެއިން، މިނިވަންކަމާއެކު މަސައްކަތް ކުރަން ހުރަސްއެޅިދާނެ ފަދަ މައްސަލައަކާ ހަވާލުވެގެން ނުވާނެ ކަމަށް ބުނާ މާއްދާއާއި، ހަވާލުވާ މައްސަލައިގައި ހިމެނޭ އަނެއް ފަރާތަކީ މައްސަލައާ ގުޅިގެން ކުރިން ގާނޫނީ ލަފާ ދީފައިވާ ފަރާތަކަށް ނުވަތަ މައްސަލައިގެ މައުލޫމާތު ހިއްސާކޮށްފައިވާ މީހަކަށްވާ ފަދަ މައްސަލަތަކާ ހަވާލުވެގެން ނުވާނެ ކަމަށް ބުނާ މާއްދާއާވެސް ހިލާފުވެ އެކަން ބަލައިދިނުމަށްވެސް ޝަމީމާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި ވަނީ އެދިފައެވެ.

ޝަމީމްގެ އެފަދަ އަމަލުތަކުގެ ތެރޭގައި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށާއި، ޝަހްސު އޮޅުވާލުމުގެ ކުށާއި، އަދުލުއިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ކުށާއި، ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުން ކުރުމުގެ ކުށާއި، މަނީ ލޯންޑަރިންގެ ކުށް ފަދަ ކުށްތައް ހިމެނޭ ކަމަށް ފެންނަ ކަމަށް ބުނެ އެ މައްސަލަތައް ޖިނާއީ ތަހުގީގު ހިންގާ އިދާރާއަކަށް ހުށަހެޅުމަށްވެސް ބާ ކައުންސިލަށް ހުށަހެޅި މައްސަލައިގައި އެދިފައިވެއެވެ.

ޕީޖީ ޝަމީމާއި ގުޅިގެން މިފަދަ މައްސަލަތަކެއް ބާ ކައުންސިލަށް ހުށައަޅާފައިވާއިރު ދާދިފަހުން އެމްއެމްޕީއާރުސީގެ މައްސަލަ ބަލާ ޕޮރެސެކިއުޓަރުން ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އެންމެ ފުނަށް ގޮސް، އިންސާފު ގާއިމްކުރުމަށް އެކަށީގެންވާ މާހައުލެއް ނެތް ކަމަށް ބުނެ، އެ މައްސަލަ ރަނގަޅަށް ބަލައި އިންސާފު ހޯދައިދެވޭނޭ މާހައުލެއް ގާއިމްކޮށް ދިނުމަށް އެ މައްސަލައިގެ ތަހުގީގު ޓީމުގައި ހިމެނޭ ދައުލަތުގެ ޕްރޮސިކިއުޓަރުންގެ ޓީމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި އެދިފައެވެ.

އެސެޓް ރިކަވަރީ ކޮމިޝަނާއި އޭސީސީ އަދި ފުލުހުން ގުޅިގެން ހިންގާ އެ ތަހުގީގުގައި ޕީޖީގެ އޮފީހުގެ ފަރާތުން ހަރަކާތްތެރިވާ ޕްރޮސިކިއުޓަރުންގެ ޓީމުން ސޮއިކޮށް އިއްޔެ ރައީސް ސޯލިހަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގާފައިވާ ހިޔާނާތާއި ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ އަމަލުތަކާ ގުޅޭ ޖިނާއީ ތަހުގީގުތަކަކީ 2015 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ ތަހުގީގުތަކަކަށް ވާއިރު، މި މައްސަލައިގެ ތަހުގީގާ، ދައުވާ ކުރުމާއި ޝަރީއަތުގެ މަރުހަލާތަކާމެދު އާންމުންގެ ގިނަ ބައެއްގެ ސުވާލުތަކެއް އަދިވެސް އުފެދިފައިވާ ކަމަށެވެ. ޕީޖީ އޮފީހުން މި މައްސަލައިގައި ބަލަން ޖެހޭ ކަންކަން ބަލައި އިރުޝާދު ދީ، ދައުވާ ކުރަން ޖެހޭ ފަރާތްތަކަށް ދައުވާ ކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށްވެސް ސިޓީގައިވެ އެވެ. ނަމަވެސް އެކަމުގެ ނަތީޖާ ފެންނަމުން ނުދާ ކަމަށް ޕްރޮސިކިއުޓަރުން ރައީސްއަށް ފޮނުއްވި ސިޓީގައި ފާހަގަ ކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން