ރާއްޖޭގެ އިގުތިސާދީ ސަރަހައްދުގައި ވަގަށް މަސްވެރިކަން ކުރި ބޭރުގެ 20 ބޯޓު ޖޫރިމަނާކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީން ރޭ ބުނީ 2019 ވަނަ އަހަރު ފާސްކުރި މަސްވެރިކަމުގެ އާ ގާނޫނުގެ ދަށުން އެ 20 ބޯޓު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އެގޮތުން އެ 20 އުޅަނދު ޖޫރިމަނާ ކޮށްފައިވަނީ ކުރި ކުށަށް ބަލައި އެކި އަދަދުތަކުން ކަމަށެވެ.

ޖޫރިމަނާކުރި ބޯޓުތަކުގެ ތެރޭގައި ރާއްޖޭގެ އިޤުތިޞާދީ ސަރަޙައްދަށް ހުއްދަނެތި ވަދެ، މަސްވެރިކަން ކުރަމުން ދިޔަކަމުގެ ތުހުމަތުގައި 18 ސެޕްޓެންބަރުގައި ކޯސްޓްގާޑުން ހިފެހެއްޓި ސްރީލަންކާގެ 5 މަސްބޯޓުވެސް ހިމެނެއެވެ. އެ އުޅަނދުތަކަށް ކޮށްފައިވާ ޖޫރިމަނާ ދެއްކުމުން މި 5 އުޅަނދު މިހާރު ވަނީ އަނބުރާ ފޮނުވާލާފައެވެ. އެއިން ކޮންމެ ބޯޓެއް 100،000 ރުފިޔާއިން ވަނީ ޖޫރިމަނާ ކޮށްފައެވެ.

މި ބޯޓުތައް ހިފަހައްޓާފައިވަނީ ރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދުގައި ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަކަމަށް ބެލެވިގެން ކޯސްޓްގާޑުންނެވެ.

މި މަސްބޯޓުތަކުގެ ތެެެެެރެއިން 4 ބޯޓް ފެނިފައިވަނީ ސެޕްޓެންބަރު މަހުގެ 18 ވަނަ ދުވަހު އެމްއެންޑީއެފް ކޯސްޓްގާޑްގެ ޕެޓްރޯލް ކްރާފްޓް "ނޫރައްދީން" ޕެޓްރޯލް ކުރަމުން ދަނިކޮށް ކ.ކާށިދޫގެ އިރުން ގާތްގަނޑަކަށް 85 މޭލު ބޭރުންނެވެ. އަދި 5 ވަނަ ބޯޓް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ސެޕްޓެންބަރު 18 ވަނަ ދުވަހުގެރޭ އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީ ޕެޓްރޯލް ކުރަމުން ދަނިކޮށް ޅ.އަތޮޅުގެ އިރުން ގާތްގަނޑަކަށް 74 ނޯޓިކަލް މޭލު ބޭރުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން