ރަށަކަށް ޒިޔާރަތްކުރި ފަތުރުވެރިންތަކަކަށް މަރުޙަބާ ކިޔަނީ
ރަށަކަށް ޒިޔާރަތްކުރި ފަތުރުވެރިންތަކަކަށް މަރުޙަބާ ކިޔަނީ
ރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާ ފަތުރުވެރިން އިތުރުވެ ޗައިނާ މާކެޓް ދެވަނައަށް ޖެހިލައިފިއެވެ.

ޗައިނާގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުން އިތުރުވާން ފަށާފައިވާއިރު ސަރުކާރުން އަމާޒު ހިފާފައިވަނީ މި އަހަރު 1.8 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށެވެ. އަދި ޗައިނާ މާކެޓަށް ބޮޑު ކުރިއެރުމެއް ލިބިފައިވާތީ މި އަދަދަށް ވުރެ 10 އިންސައްތަ އިތުރަށް ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ސަރުކާރުން މިހާރު ލަފާކުރެއެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް 1.48 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު އޭގެ ތެރޭގައި ހިނގަމުންދާ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުން 25 ވަނަ ދުވަހުގެ ނިޔަލަށް ޒިޔާރަތްކުރި 120،833 ފަތުރުވެރިން ހިމެނެ އެވެ.

އަހަރުގެ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ރަޝިއާ، ޗައިނާ އަދި އިންޑިއާއިންނެވެ. އެންމެ ބާރަށް ކުރިއަރަމުން އަންނަ މާކެޓަކަށް ޗައިނާވެފައިވާއިރު އެޤައުމުން އެވަރެޖުކޮށް ދުވާލަކު 5،035 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރެއެވެ.

ރާއްޖެއަށް މިހާރު 22 ގައުމަކުން 31 އެއާލައިނަކުން ދަތުރުތައް ކުރާއިރު ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ ގަދަ 10ގައި ހިމެނޭ ގައުމުތަކުގެ ތެރެއިން އަށް ގައުމަކުން ރާއްޖެއަށް މިހާރު ސީދާ ދަތުރުތައް ކުރެއެވެ. ތަފާސްހިސާބުތައް ދައްކާގޮތުން އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ 10 ގައުމުގެ ތެރެއިން ރާއްޖެއަށް ސީދާ ދަތުރުތައް ނުކުރާ ދެ ގައުމަކީ އެމެރިކާ އާއި ސްޕެއިނެވެ.

ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 1،268 ފެސިލިޓީއެއް ހިންގަމުންދާއިރު އޭގެ ތެރޭގައި 174 ރިސޯޓާއި 918 ގެސްޓްހައުސްގެ އިތުރުން 162 ސަފާރީ އަދި 14 ހޮޓާ ހިމެނެ އެވެ.

މޯލްޑިވްސް އިމިގްރޭޝަނުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2022 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 1،675،303 ފަތުރުވެރިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން