ޒުވާނުން ރާއްޖޭގައި ހުރި ވަޒީފާގެ ފުރުޞަތުތަކުގެ ބޭނުންހިފުމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހް މިއަދު އިލްތިމާސްކުރައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް އިލްތިމާސްކުރައްވާފައިވަނީ، ރައީސުލްޖުމުހޫރިއްޔާގެ ޚާއްސަ ސޮކްލަޝިޕް ހަވާލު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ސޯލިހް ވިދާޅުވީ، މިއީ އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތްކޮށް، ޤައުމުގެ އިޤްތިޞާދު ކޮޅަށް ޖެހުމަށްޓަކައި ތެދުވަންވީ ވަގުތު ކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަން ހުއްޓިގެންދިޔަ ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިއީ ރާއްޖޭގައި ފަތުރުވެރިކަން ފެށި ފަހުން، މި ޞިނާޢަތް މެދުކެނޑިގެންދިޔަ ފުރަތަމަ ފަހަރު ކަމަށެވެ. "މިކަމުގެ ސަބަބުން، އިޤްތިޞާދީ ގޮތުން މިއިން ޒަމާނެއްގައިވެސް ނުލިބޭހާ ބޮޑު ގެއްލުމަކާ ރާއްޖެ މިވަނީ ކުރިމަތިލާން ޖެހިފައި." އެމަނިކުފާނު ވިދާޅުވިއެވެ.

މިކަން އެންމެ ފުރިހަމައަށް ކުރެވޭނީ، ޤައުމުގެ އިޤްތިޞާދީ ޙަރަކާތްތަކާއި، ވަޒީފާގެ މާޙައުލުގައި ޙަރަކާތްތެރިވާ ދިވެހިންގެ ޢަދަދު، މިހާރަށްވުރެ އިތުރުކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ. "ޚާއްޞަކޮށް ތިޔަފަދަ، ދިވެހި ޒުވާނުންގެ ތާޒާ ލޭގެ ހޫނުން، ޤައުމުގެ އިޤްތިޞާދަށް ދިރުން ލިބިގެން." ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު މިއަދު ވަނީ ދިވެހި ޒުވާނުންނަށް ރާއްޖޭގައި ހުރި ވަޒީފާގެ ފުރުޞަތުތަކުގެ ބޭނުންހިފުމަށް އިލްތިމާސް ކުރައްވާފައެވެ. ޒުވާނުން ވަޒީފާގެ މާހާއުލުގައި ހަރަކާތްތެރިވުމަކީ އިޖުތިމާޢީ ވަރަށް ގިނަ މައްސަލަތަކެއްގެވެސް ޙައްލު ކަން ރައީސް ފާހަގަކުރެއްވިއެވެ.

"މިއީ، ބިދޭސީ މަސައްކަތު މީހުންގެ ސަބަބުން، ރާއްޖެއިން ބޭރުވެގެންދާ ބޭރު ފައިސާގެ މިންވަރު މަދުކުރުމަށްޓަކައިވެސް ވަރަށް މުހިންމު ކަމެއް." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ދަރިވަރުންވެސް މިހާރު އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ، ޤައުމަށް ބޭނުންތެރި، ޤައުމަށް ބޭނުންހިފޭފަދަ ޝަޚްޞިއްޔަތެއް، ކޮންމެ ދަރިވަރެއްގެ ކިބައިގައި އުފެއްދުމަށް ކަމަށެވެ.

"ތިޔަ ދަރިވަރުން ވިސްނަންވީ، ޤައުމު ތިޔަ ދަރިވަރުންގެ ކިބައިން އެދެނީ ކޮން ކަމަކަށްތޯ؟ ޤައުމަށްޓަކައި، ތިމާގެ ކިބައިގައި ތަރައްޤީ ކުރަންވީ، ކޮން ދާއިރާއަކުން، ކޮންކަހަލަ ހުނަރެއްތޯ؟" ރައީސް ސޯލިހް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން