ގާޒީ އިސްމާއިލް ރަޝީދު
ގާޒީ އިސްމާއިލް ރަޝީދު
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލި ދައުވާތައް ބޭރުކޮށްލެއްވި، ގާޒީ އިސްމާއިލް ރަޝީދަށް ކުރާ ސުލޫކީ މައްސަލައިގެ ތުހުމަތާ ގުޅިގެން އޭނާ 60 ދުވަހަށް ސަސްޕެންޑު ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން ނިންމައިފިއެވެ.

ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ ޤާޟީ އިސްމާޢީލް ރަޝީދު، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ފާޅުކަންބޮޑު ގޮތެއްގައި ކަނޑައެޅިގެން ޚިލާފަށް ޢަމަލު ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލަ ކޮމިޝަނުން ތަހުޤީޤު ކުރަމުންދާ ކަމަށެވެ.

އޭގެ އިތުރުން، މައްސަލައިގެ ބާވަތާއި، މައްސަލައާ ގުޅިގެން ހުށައެޅިފައިވާ ހެކިތަކަށް ބަލާއިރު، ޤާޟީ އިސްމާޢީލް ރަޝީދު ފަނޑިޔާރުކަމުގެ މަސައްކަތުގައި ދެމިހުރެއްޖެނަމަ މައްސަލަ ތަޙުޤީޤުކުރުމަށް އެޅިދާނެ ހުރަހަށާއި، ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، ޖުޑީޝަލްސާރވިސް ކޮމިޝަންގެ ޤާނޫނު ގެ 25 ވަނަ މާއްދާގެ (ނ) އަދި (ކ)އާ ޙަވާލާދީ، ޤާޟީ އިސްމާޢީލް ރަޝީދު، ވަގުތީގޮތުން 60 (ފަސްދޮޅަސް) ދުވަހަށް ފަނޑިޔާރުކަމުގެ މަސައްކަތުން ދުރުކުރުމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެއެވެ.

ޖޭއެސްސީން ބުނީ، މި މައްސަލާގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ކުރިކަމަށް ތުހުމަތު ކުރެވޭ އަމަލުތަކުގެ ތަފްޞީލް ތަޙްޤީޤުކޮށް ނިމުމުން ކަނޑައެޅިފައިވާ އުޞޫލުގެ މަތިން ޢާންމު ކުރެވޭނެ ކަމަށެވެ.

އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކްރިމިނަލް ކޯޓުން ބާތިލް ކުރުމާއި ގުޅިގެން ޕީޖީ ހުސައިން ޝަމީމް ވަނީ، މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ރަޝީދުގެ ނިންމެވުމަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އަދި މައްސަލަ ސާބިތު ކުރި ސަބަބެއް އަދި ހަވާލާދިން ގާނޫނުގެ މާއްދާއެއް ހުކުމުގައި ބަޔާންކޮށްފައި ނުވާ ކަމަށް ވެސް ޝަމީމް ފާހަގަކުރެއްވިއެވެ. އަދި ގާޒީ އިސްމާއިލް ރަޝީދު މި މައްސަލައިގައި އަމަލު ކުރެއްވި ރަނގަޅަށްތޯ ނުވަތަ ނޫންތޯ ނިންމަވާނީ ޖޭއެސްސީންކަމަށް ވިދާޅުވެ، މި މައްސަލަ ޕީޖީ ވަނީ ޖޭއެސްސީއަށް އަށް ހުށައަޅުއްވާފައެވެ.

އަދީބުގެ މައްޗަށް އުފުލިފައިވާ ދައުވާތަކާ ގުޅިގެން ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި، ދައުވާތައް ބާތިލް ކުރި ސަބަބުތަކުގެ ތެރޭގައި އަދީބާއެކު ދައުލަތުން ވެފައިވާ އިއުތިރާފުގެ އެއްބަސްވުމުގެ ސައްހަކަން ހިމެނެއެވެ. އެގޮތުން، އެއީ އަދީބު ލައްވާ މަޖުބޫރުން ސޮއިކުރުވި އެއްބަސްވުމެއް ކަމަށް ގާޒީ ވަނީ ނިންމަވާފައެވެ. ގާޒީ އިސްމާއިލް ރަޝީދު ކްރިމިނަލް ކޯޓުގެ ގާޒީގެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ، 2018 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.

އެމްއެމްޕީއާރްސީގެ މައްސަލަތަކުގައި ދަޢުވާ ކުރުމަށް ޕީޖީ ކޯޓަށް މައްސަލަތަކެއް ހުށައަޅާފައިވާއިރު އެމްއެމްޕީއާރްސީގެ ޚިޔާނާތާ ގުޅޭ ހައްސާސް ތުހުމަތުތަކެއް ޕީޖީ ޝަމީމުގެ މައްޗަށް ކުރެވި އެމައްސަލަތައް ބެލުމަށް ބާ ކައުންސިލަށްވެސް އަމިއްލަ ފަރާތަކުން ވަނީ މައްސަލައެއް ހުށައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން