އަލީ ވަހީދު
އަލީ ވަހީދު
މިހާރު ހިންގަމުން ގެންދާ ހުރިހާ ކަމަކީ ވެސް ރޭވިގެން ހިންގާ ޖަރީމާއެއް ކަމަށާއި ހުރިހާ ތުހުމަތުތަކަށް އިންކާރު ކުރައްވާ ކަމަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއްކޮށް، ވަޒީރު ކަމުން ދުރުކޮށްފައިވާ އަލީ ވަހީދު މިރޭ ވިދާޅުވެއްޖެއެވެ.

އަލީ ވަހީދުގެ މައްޗަށް ކުރާ ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކާއި ގުޅިގެން މިރޭ ފުލުހުންގެ ތަޙްޤީޤަށް ހާޒިރުވުމަށް ފަހު ނޫސްވެރިންނާއި ބައްދަލު ކުރައްވާ އަލީ ވަހީދު ވިދާޅުވީ އޭނާގެ މައްޗަށް ކުރާ ތުހުމަތު ތަކަކީ "ރޭވިގެން ހިންގާ ޖަރީމާއެއް" ކަމަށާއި ހުރިހާ ތުހުމަތަކަށް އޭނާ އިންކާރު ކުރައްވާ ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ މިއީ ސިޔާސީ ނުފޫޒު އެކުލެވިގެންވާ މައްސަލައެއް ކަމަށެވެ. ފުލުހުންގެ ތަޙްޤީޤަށް އެއްބާރުލުން ދެއްވަމުން ގެންދަވާނެ ކަމަށާއި މިރޭ ފުލުހުން ކުރި ސުވާލުތަކަށް ވެސް ޖަވާބު ދެއްވާފައި ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައީސްގެ ނިންމެވުމަށް އަޅުގަނޑު އިހްތިރާމް ކުރަން. މިމައްސަލައިގައި އިންސާފުވެރި ތަޙްޤީޤެއް ހިނގާނެ ކަމަށް އުއްމީދު ކުރަން. ދިވެހި ރައްޔިތުންނަށް ވެސް އަދި ރައީސް އަށް ވެސް މިތުހުމަތުތައް ސާފުވާން އަޅުގަނޑު ބޭނުން." އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ މިސަރުކާރަކީ އޭނާ ވެސް ވަރަށް ބުރަ މަސައްކަތް ކޮށްގެން ގެނައި ސަރުކާރެއް ކަމަށާއި ކަންތައްތައް ދިމާވި ގޮތުން ވަރަށް ދެރަވެފައި ހުންނެވި ކަމަށެވެ. އޭނާ ވަޒީރު ކަމުގައި ހުންނެވި އިރު ވެސް އަދި އެހެން ސިޔާސީ މަސައްކަތްތައް ކުރެއްވި އިރުވެސް އެކަންކަން ކުރީ ވަރަށް އިހްލާސްތެރިކަމާއި އެކު ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ރައީސް ކަމުން މިހާތަނަށް އިސްތިއުފާ ނުދެއްވާ ހުންނެވީ ވެސް އަދި ވަޒީރު ކަމުން އިސްތިއުފާ ނުދެއްވީ ވެސް ކުރެވިފައިވާ ތުހުމަތުތަކަކީ ހަޤީޤަތެއް ނެތް ތުހުމަތުތަކަކަށް ވާތީއެވެ.

"އަޅުގަނޑަށް އިންސާފު ލިބޭނެ ކަމަށް އުއްމީދު ކުރަން. މިކަމުގައި ހުރިހާ މުއައްސަސާތަކަށް އަޅުގަނޑު އެއްބާރުލުން ދޭނަން. ތޫފާންގެ ވައި އަބަދު މިހެން ނޯންނާނެ." އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދުގެ މައްޗަށް ކުރާ ތުހުމަތުތަކާއި ގުޅިގެން ފުލުހުން މީގެ ކުރިން ވަނީ 15 މީހެއްގެ ބަޔާން ނަގާފައެވެ. އަދި އަލީ ވަހީދުގެ ފޯނާއި ލެޕްޓޮޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަލީ ވަހީދު ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުން ތަކަކަށް ޖިންސީ ފުރައްސާރައާއި ޖިންސީ ގޯނާކޮށް ބަދުއަޚުލާގީ އަމަލުތަކެއްގެ ތުހުމަތުކޮށް ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް އެކަން ގެނަސްފައި ވަނީ އެ މިނިސްޓްރީގެ މުވައްޒަފުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން