އޭސީސީގެ މެންބަރުން
އޭސީސީގެ މެންބަރުން
އިންތިޤާލީ މަރުޙަލާގައި ހުޅުމާލޭން ބިންތަކެއް ވިއްކުމަށް މަސައްކަތް ކުރަމުންދާނަމަ އެކަން މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީން އާބަންކޯއަށް އަންގައިފިއެވެ.

އޭސީސީން މިފަދަ އެންގުމެއް އަންގާފައިވާއިރު އިންތިގާލީ މަރުޙަލާގައި، "އަރބަންކޯ"އިން ހުޅުމާލޭގެ ބިންތަކަކާ ގުޅޭ ވިޔަފާރީގެ މުޢާމަލާތްތަކެއް ނިންމުމުގެ މަސައްކަތް ކުރަމުންދާ ކަމަށްބުނެ އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ރޭ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އޭސީސީން ބުނީ، ހުޅުމާލެއިން ބިންތަކެއް ވިއްކުމުގެ މުއާމަލާތްތަކެއް ކުރަމުންދާ ކަމުގެ ޝަކުވާ ލިބިފައިވާތީ އެބިންތައް ވިއްކުމާ ގުޅޭ އެއްވެސް މުއާމަލާތެއް ނުކުރުމަށް އާބަންކޯއަށް އެެ ކޮމިޝަނުން އަންގާފައިވާނެ ކަމަށެވެ.

އާބަންކޯއަށް އޭސީސީން އަންގާފައި ވަނީ ފަރުކޮޅުފުށި ހިމެނޭ ގޮތަށް ބިންތަކެއް ވިއްކުމާއި، ކުއްޔަށް ދިނުމުގެ މުއާމަލާތްތަކެއް ހުއްޓާލުމަށެވެ. އަދި ވެރިކަން ބަދަލުވުމުގެ މަރުހަލާގައި މިފަދަ ކަންކަން ނުކުރުމަށްވެސް އެ ކޮމިޝަނުން ވަނީ އިލްތިމާސް ކޮށްފައެވެ.

އޭސީސީން މިފަދަ އެންގުމެއް އަންގާފައިވާއިރު އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރު ބަދަލުވުމުގެ މަރުހަލާ ހިނގަމުންދާ މި ދަނޑިވަޅުގައި، އަރބަންކޯއިން ހުޅުމާލޭގެ ބިންތަކަކާ ގުޅޭ ވިޔަފާރީގެ މުޢާމަލާތްތަކެއް ނިންމުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އެކި މުޢާމަލާތްތަކާ ގުޅޭ ތަފާތު 40 އައިޓަމެއް އަރބަންކޯ ބޯޑުގެ ދެން އޮންނަ ބައްދަލުވުމަށް އެޖެންޑާކޮށްފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށެވެ.

ހަމައެއާއެކު ހުޅުމާލޭގެ ބިންތަކަކީ، ދިވެހި ދައުލަތުގެ ރައުސްމާލުގައި ހިމެނޭ އެންމެ އަގުބޮޑު 'އެސެޓް'ތައް ކަމަށާއި، މި މަރުޙަލާގައި އަވަސް އަރުވާލައިގެން، އެ ބިންތަކާ ގުޅޭ ވިޔަފާރީގެ މުޢާމަލާތްތައް ހިންގުމަކީ ކަންބޮޑުވާ ކަމެއްކަން ފާހަގަ ކޮށްފައިވެއެވެ.

އެހެންކަމުން މި މަރުޙަލާގައި މިފަދަ މުޢާމަލާތްތައް މަޑުޖައްސާލައި، ހުރިހާ އިދާރާތަކާއި މުއައްސަސާތަކާއި ކުންފުނިތަކުން، އިންތިޤާލީ މަރުޙަލާގެ ރޫޙާ އެއްގޮތަށް ޢަމަލުކުރުމަށް އިންތިޚާބީ ރައީސްގެ އޮފީހުން ރޭވަނީ އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން