ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ނުބަލާނެ އޮތީ ހަމަ އެންމެ ގޮތެއް ކަމަށާ އެއީ ޖުޑިސަލް ސާވިސް ކޮމިޝަން، ޖޭއެސްސީން ލިޔެފައި ދޭ ހުކުމް ޝަރީއަތުގައި އިއްވުން ކަމަށް ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ކްރިމިނަލް ކޯޓްގެ ގާޒީ އިސްމާއީލް ރަޝީދު ސަސްޕެންޑު ކުރަން ޖުޑީސަލް ސާވިސް ކޮމިޝަނުން ނިންމީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ބާތިލު ކަމަށް ކަނޑައެޅުއްވައި ނެރުއްވި ހުކުމަކާއި ގުޅިގެންނެވެ. ޕީޖީގެ މަގާމާއި ހަވާލު ވެޑައިގެންނެވުމުގެ ކުރިން އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ތުހުމަތު ކުރެވޭ ބައެއް މީހުންގެ ދިފާޢީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި މިހާރުގެ ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވަނީ ގާޒީގެ އެނިންމުމާއި ވަރަށް ބޮޑަށް ހިތްޕުޅާނުވެ، ގާޒީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި އެ ނިންމުން ނިންމެވި ގާޒީ އިސްމާއީލް ރަޝީދުގެ މައްސަލަ ބެލުމަށް ޖޭއެސްސީއަށް ހުށައަޅުއްވާނެ ކަމުގެ އިންޒާރު ދެއްވުމަށް ފަހު އެ މައްސަލަ ވަނީ ޖޭއެސްސީއަށް ހުށަހަޅުއްވައިފަ އެވެ. އަދި ޕީޖީ ހަމަ ހުށައެޅުއްވުމާއެކު އެމްޑީޕީގެ އިސްބޭފުޅުން މިހާރު އިސްކޮށް ތިއްބަވާ ޖޭއެސްސީން ވަނީ ގާޒީ މައްސަލަ ބަލަން ފަށައި އޭނާ ސަސްޕެންޑްވެސް ކޮށްފައެވެ.

އެކަމަށް ފާޑުވިދާޅުވެ ހައިލަމް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ނުބަލާނެ އޮތީ އެންމެ ގޮތެއް ކަމަށާ އެއީ ޖުޑިސަލް ސާވިސް ކޮމިޝަނުން ލިޔެދޭ ހުކުމް ޝަރީއަތުގައި އިއްވުން ކަމަށެވެ.

"ގާޒީން ސުލޫކީ ނުވާނެ ހަމައެކަނި ގޮތަކީ ޖޭއެސްސީން ލިޔެދޭ ހުކުމެއް ޝަރީއަތުގައި އިއްވައިގެން." ސުލޫކީ މައްސަލަ އެއްގައި ކަމަށް ބުނެ މިހާރުގެ ޖޭއެސްސީން މަގާމުން ވަކިކުރަން ނިއްމުމުން މަގާމުން އިސްތިއުފާ ދެއްވާފައިވާ ހައިލަމް ވިދާޅުވިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގާޒީ އިސްމާއީލް ރަޝީދު 60 ދުވަހަށް ފަނޑިޔާރުކަމުގެ މަސައްކަތުން ދުރު ކުރުމަށް ނިންމީ، އޭނާއާ ދެކޮޅަށް ހުށަހެޅިފައިވާ ހެއްކަށް ރިއާއަތްކޮށް، މަގާމުގައި ދެމިހުރެއްޖެނަމަ ތަހުގީގަށް ހުރަސް އެޅިދާނެ ކަމަށް ފެންނާތީ ކަމަށެވެ. އަދި ގާޒީ އިސްމާއިލްގެ ސުލޫކީ މައްސަލަ ބެލުމަށްފަހު، އެކަމުގެ ތަފްސީލުތައް ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން ހާމަ ކުރާނެ ކަމަށް ޖޭއެސްސީން ބުނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން