ކޯވިޑް-19 އަށް ފައްސިވެފައިވާ މީހަކާއި ސީދާ ކޮންޓެކްޓްވެ، ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުޤައްރިރު އަހުމަދު އީސަ ހޯމް ކަރަންޓީންގައި މަޑުކުރަން ޖެހިފައިވާކަމަށް މަޖިލީގު ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ވިދާޅުވީ އިޖުތިމާއީ ކޮމިޓީގެ މުޤައްރިރު ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހަކާއި ޕްރައިމަރީ ކޮންޓެކްޓަކަށްވުމުގެ ސަބަބުން އޭނާ ގޭގައި މަޑުކުރައްވަން އަންގަވާފައިވާކަމަށެވެ. ރައީސް ނަޝީދުވަނީ މިހާލަތުގައި ހުރިހާ މެމްބަރުންވެސް އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި، މާސްކު އެޅުއްވުމަށް އިލްތިމާސް ކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މަސައްކަތް ކުރާ މުވައްޒަފަކު އިއްޔެވެސް ވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. ޕޮޒިޓިވްވެފައި ވަނީ މަޖިލީހުގެ އިދާރާގައި މަސައްކަތްކުރާ އަންހެން މުވައްޒިފެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި އޭނާ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އޮފީހަށް ނުކުމެފައިވެސް ވެއެވެ.

މީގެ ދުވަސްކޮޅެއް ކުރިންވެސް މަޖިލީހުގެ އިދާރާގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އެފަހަރުވެސް ޕޮޒިޓިވްވި މުވައްޒިފުންނާއި، ކޮންޓެކްޓްވި މީހުން އެކަހެރިކޮށް މަޖިލިސް އިދާރާ ޑިސްއިންފެކްޓް ކުރިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން