އަންނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓުގައި ދަޢުލަތުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް 500 މިލިއަން ރުފިޔާ ހިމަނާފައިވާކަމަށް ދަޢުލަތުގެ މާލީ ވުޒާރާއިން ހާމަކޮށްފިއެވެ.

އަންނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުން ދައުލަތުގެ 44،281 މުވައްޒަފުންގެ މުސާރަ އެންމެ ދަށްވެގެން 40 ޕަސެންޓް ބޮޑުވާނެ ކަމަށް ރައީސް ޞާލިޙް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މާލީ ވުޒާރާއިން ބަޖެޓް ތައްޔާރު ކޮށްފައިވަނީ އެ ޢަދަދުތައް ހިމަނައިގެންނެވެ.

އަންނަ އަހަރަށް ލަފާކުރާ 49.5 ބިލިއަން ރުފިޔާގެ ބަޖެޓުގައި އެންމެ ބޮޑު ޚަރަދެއް ހިނގާނެ ކަމަށް ލަފާކުރާ އެއްދާއިރާއަކީ މުވައްޒަފުންގެ މުސާރައެވެ. އެއީ އެ ބަޖެޓުގެ ހަތަރު ބައިކުޅަ އެއްބައެވެ. އެގޮތުން މުސާރައަށް އެކަނި 11.9 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ބަޖެޓުގައި ވަނީ އަންދާޒާ ކޮށްފައެވެ.

މިދިޔަ އަހަރުން ފެށިގެން ސަރުކާރުން ދަނީ ދައުލަތުގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑުގައި ހުރި މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެގޮތުން މުސާރައިގައި ހުރި ފަރަގުތައް ކުޑަކޮށް، ޕޭ ހާމަނައިޒްކުރުން ނުވަތަ މުސާރަ އެއްހަމަކުރުމުގެ މަސައްކަތްކުރަމުންނެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުން ދަރަންޏާއި ލޯނު އަދާކުރަން ދައްކާ ފައިސާ އުނިކުރުމަށް ފަހު، ބަޖެޓުގެ ޖުމުލަ ހަރަދަކީ 47.3 ބިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން ރިކަރަންޓު ހަރަދަށް 34.8 ބިލިއަން ރުފިޔާ ހޭދަވާއިރު، ޕީއެސްއައިޕީ އަށް 8.6 ބިލިއަން ރުފިޔާ އަދި އެހެނިހެން ކެޕިޓަލް ހަރަދަށް 6 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެ އެވެ.

ބަޖެޓު ފޮތުގައި ބަޔާންކޮށްފައިވާ ގޮތުގައި އަންނަ އަހަރު ޖުމުލަ 33.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރާއިރު، 25.6 ބިލިއަން ރުފިޔާއަކީ ޓެކުހުގެ އާމްދަނީ އެވެ. އެހެނިހެން އާމްދަނީގެ ގޮތުގައި 6.6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަލާއިރު، ހިލޭ އެހީގައި ލިބޭނެ ކަމަށް ފޮތުގައި ލިޔެފައި އޮތީ 1.3 ބިލިއަން ރުފިޔާ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން