އަންނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓުގައި ތިލަމާލެ ބްރިޖާއި ގުޅިފަޅު ޕޯޓް މަޝްރޫއަށް 1.6 ބިލިއަން ރުފިޔާ ހިމަނައިފިއެވެ.

މާލީ ވުޒާރާއިން އިއްޔެ ބުނެފައިވަނީ ޤާނޫނު އަސާސީގެ 69 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން 2024 ވަނަ އަހަރަށް ލަފާކުރާ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ. ސަރުކާރުން ރައްޔިތުންގެ މަޖިލީހުގައި އެދިފައިވަނީ އަންނަ އަހަރަށް ލަފާކޮށް 49.5 ބިލިޔަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްދިނުމަށެވެ.

މާލީ ވުޒާރާއިން މަޖިލީހަށް ފޮނުވި އަންނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓުގައި ތިލަމާލެ ބްރިޖު މަޝްރޫއަށް 827 މިލިއަން ރުފިޔާ ހިމަނާފައި ވެއެވެ. އަދި ގުޅިފަޅު ޕޯޓް މަޝްރޫއަށް 527 މިލިއަން ރުފިޔާވެސް ވަނީ ހިމަނާފަ އެވެ.

ސަރުކާރުން މީގެކުރިން ބުނެފައިވަނީ ތިލަމާލެ ބްރިޖުގެ މަސައްކަތް މިއަހަރު ފަހުކޮޅު ނިމޭނެ ކަމަށެވެ. އަދި އަންނަ އަހަރު ތިލަފުއްޓާ އެބްރިޖު ގުޅާލެވޭނެ ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ. ގުޅިފަޅުގައި ހެދުމަށް ނިންމާފައިވާ ބަނދަރުގެ މަސައްކަތް 2026 ވަނަ އަހަރު ނިމޭނެ ކަމަށް މިސަރުކާރުން ލަފާކުރެ އެވެ.

ތިލަމާލެ ބްރިޖާއި ގުޅިފަޅު ޕޯޓް މަޝްރޫއަކީ އިންޑިއާއިން ރާއްޖެއަށް ދީފައިވާ ކްރެޑިޓް ފެސިލިޓީގެ ދަށުން ތަރައްޤީކުރާ ތަންތަނެވެ. ޖުމުލަ 500 މިލިއަން ޑޮލަރު ހަރަދުކޮށްގެން އަޅާ ތިލަމާލެ ބްރިޖަކީ އިންޑިޔާގެ އެގްޒިމް ބޭންކުގެ 400 މިލިއަން ޑޮލަރުގެ ލޯނަކާއި އިންޑިޔާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއެކު އަޅާ ބްރިޖެކެެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުން ދަރަންޏާއި ލޯނު އަދާކުރަން ދައްކާ ފައިސާ އުނިކުރުމަށްފަހު، ބަޖެޓުގެ ޖުމުލަ ހަރަދަކީ 47.3 ބިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން ރިކަރަންޓު ހަރަދަށް 34.8 ބިލިއަން ރުފިޔާ ހޭދަވާއިރު، ޕީއެސްއައިޕީ އަށް 8.6 ބިލިއަން ރުފިޔާ އަދި އެހެނިހެން ކެޕިޓަލް ހަރަދަށް 6 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެ އެވެ.

ބަޖެޓު ފޮތުގައި ބަޔާންކޮށްފައިވާ ގޮތުގައި އަންނަ އަހަރު ޖުމުލަ 33.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރާއިރު، 25.6 ބިލިއަން ރުފިޔާއަކީ ޓެކުހުގެ އާމްދަނީ އެވެ. އެހެނިހެން އާމްދަނީގެ ގޮތުގައި 6.6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަލާއިރު، ހިލޭ އެހީގައި ލިބޭނެ ކަމަށް ފޮތުގައި ލިޔެފައި އޮތީ 1.3 ބިލިއަން ރުފިޔާ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން