އިމިގްރޭޝަން ޤާނޫނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ހުށަހަޅާފައިވާ އިސްލާހުގެ ހަގީގީ ބޭނުމަކީ ކޮބައިކަން ސާފުކުރެއްވުމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައި ނުގަނެ މަޖިލީހުން ބޭރުކޮށްފައިފިއެވެ.

ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ހުށަހެޅުއްވި ކުއްލި މައްސަލަ ތަޅުމަށް ބަލައިގަނެ ބަހުސަށް ހުޅުވާލަން ފެންނަ ކަމަށް ވޯޓު ދެއްވީ 16 މެންބަރުންނެވެ. ބަހުސަށް ހުޅުވާލަން ނުފެންނަ ކަމަށް 19 މެންބަރުން ވޯޓު ދެއްވި އެވެ. ބަހުސް ކުރެވޭނީ 18 މެމްބަރުންގެ ވޯޓާއެކުގައިކަމަށްވުމުން، މިމައްސަލަވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ.

ނަޝީދު ހުށަހެޅުއްވި ކުއްލި މައްސަލާގައި ބުނަނީ އިމިގްރޭޝަންގެ ގާނޫނަށް އެ އިސްލާހު ރައީސް ނަޝީދު ގެންނަން ބޭނުންފުޅުވާ ހަގީގަތް ހޯދަން ޖެހޭނެ ކަމަށެވެ. އޭގެ އެއް ސަބަބަކީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ތެރޭގައި ހިމެނޭ ބާރުގަދަ ގައުމެއްގެ 25،000 ވަރަކަށް މީހުންނަށް ދާއިމީކޮށް ރާއްޖޭގައި ތިބެވޭ ގޮތް ހެދުމަށް ފަހު، ރަށްވެހިކަން ދިނުން ކަމަށް މައުލޫމާތު ލިބޭ ކަމަށް އެ ކުއްލި މައްސަލަ ތަޅުމަށް ތައާރަފު ކޮށްދެއްވަމުން ނަޝީދު ވިދާޅުވި އެވެ.

"ބިދޭސީންގެ ތެރެއިން ބާރުގަދަ އަވަށްޓެރި ޤައުމަކަށް ނިސްބަތްވާ 25،000 ބިދޭސީންނަށް ރާއްޖޭގައި ދާއިމީ ގޮތެއްގައި އުޅެވޭނެ ގޮތަށް މަގުފަހި ކުރުކަމުގައި، މިކަމުގައި އެންމެ ފުރިހަމަ މައުލޫމާތު އެނގިހުރި ފަރާތަކުން މައުލޫމާތު އަރުވާފައިވާކަމުން އެކަން މަޖިލީހުގެ ސަމާލުކަމަށް ގެންނަން ބޭނުންވާކަމަށް. އަދި މިކަން ތަރުތީބު ކުރެވިގެން ދަނީ ވަކި ހިސާބަކުން އެމީހުންނަށް ދިވެހިރާއްޖޭގެ ރައްޔިތުންކަން ދިނުމަށްކަމަށާއި، އޭގެ ކުރިން ދާއިމަށް ތިބެން ފެށުމާއި އެކު ރާއްޖޭގެ އެއްބައިވަންތަކަން ގެއްލޭނެ ފަދަ ކަންކަން ކުރުމަށް ރާވާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާކަމަށް" ނަޝީދު މައްސަލާގައި ބުނެފައިވެއެވެ.

އެމީހުން ބޭނުންވާ ދީނަށް އުޅުމަށް ފައްޅި އެޅުމާއި، އެމީހުންގެ ދަރީން ސްކޫލަށް ދާއިރު އެމީހުންގެ ދީނީ ތައުލީމު ލިބޭނެ ގޮތް ފަހިކުރުމަށް ވަކާލާތު ކުރާނެ ކަމަށާއި، އަދި މިކަންކަން ކުރުމަށް ހަމަޖެހިފައިވަނީ އިންސާނީ ހައްޤުތަކުގެ ނަމުގައި ކަމަށްވެސް މި މައްސަލާގައި ބުނެފައިވެއެވެ. އަދި ނުޤަވާއިދުން އުޅޭ ބިދޭސީންގެ މައްސަލައަށް އޮތް ހައްލަކީ އެމީހުންނަށް ރާއްޖޭގެ ރައްޔިތުކަން ދިނުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ވިދާޅުވުމަކީ މިކަމަށް ބާރު ލިބިދޭ އިތުރު ހެއްކެއްކަން މިމައްސަލާގައި އޭނާ ވަނީ ފާހަގަކުރައްވާފައިވެއެވެ.

"25,000 މީހުންނަށް ރާއްޖޭގައި ދާއިމަށް ތިބެވޭނެ ގޮތް ހަދައި ވަކި ހިސާބަކުން ރައްޔިތުކަން ދީފިނަމަ ރާއްޖޭގައި ކުރިއަށް ބާއްވާ އިންތިހާބުތަކަށް ވަރަށް ބޮޑަށް އެހެން ޤައުމަކަށް ނުފޫޒު ފޯރުވޭނެ. މިއަދަދު ބޭނުންކޮށްގެން ދިވެހިންގެ މަދުބައެއްގެ ވޯޓްކޮޅަކާއެކީ އިންތިޚާބެއް ކާމިޔާބު ކުރެވޭނެ. ދިވެހިރާއްޖެ މިވަގުތުވެސް އޮތީ ނުރައްކާތެރި ހާލަތެއްގައި ކަން އަޅުގަނޑު މަޖިލީހުގެ ސަމާލުކަމަށް ގެންނަން ބޭނުން. މިގޮތުން އަވަށްޓެރި ޤައުމެއްގެ ޖާސޫސީ އިދާރާއަށް ނިސްބަތްވާ ބަޔަކު ރާއްޖޭގެ އެންމެ ދެކުނުގައާއި ހައްދުންމަތީގައާއި، މާލޭގައި ހަތިޔާރާއި އެކު މިހާރުވެސް ހަރަކާތްތެރިވަމުން ދިއުމަކީ އެކަށީގެންވާ ކަމެއް." ނަޝީދުގެ މައްސަލާގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން