ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ކޯވިޑް-19ގައި ޤައުމަށްޓަކައި ފުރާނަ އަތްމައްޗަށްލައިގެން ބޮޑު ޤުރުބާނީއެއް ވެފައިވާ ފަރާތްތަކަށް ސަރުކާރުން ދޭން ބުނި އެލަވަންސް ވީހާވެސް އަވަހަށް ދިނުމަށް ގޮވާލައި ހުށަހެޅި ކުއްލި މައްސަލަ ބަލައި ނުގަނެ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމެވެ. މަޖިލީހަށް މިއަދު ހުށަހެޅި މިމައްސަލަ ބަލައި ނުގަތުމަށް ވޯޓްދެއްވާފައިވަނީ 14 މެމްބަރުންނެވެ. މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ 8 މެމްބަރުންނެވެ. މިމައްސަލަ އަށް ބަހުސް ކުރެއްވުމަށް 12 މެމްބަރުންގެ ވޯޓު ބޭނުންވެއެވެ. މި މައްސަލައިގައި މަޖިލީހުގައި ބަހުސްކުރަން ނުފެންނަކަމަށް ނިންމައި މައްސަލަވަނީ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލާފައެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ ކޯވިޑް-19އާއި ގުޅިގެން ފްރޮންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްސަ އެލަވަންސެއް ދޭނެ ކަމަށް ސަރުކާރުން އިޢުލާންކޮށްފައިވީ ނަމަވެސް މިހާތަނަށްވެސް އެއްވެސް ފަރާތަކަށް މި އެލަވަންސް ނުލިބި އެތައް ދުވަހެއް ފާއިތުވެގެން ގޮސްފައިވާކަމަށެވެ.

މެއި މަހުގެ 7 ވަނަ ދުވަހު ބޭއްވި ނޫސްކޮންފަރެންސެއްގައި ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު މިކަން އިޢުލާން ކުރައްވަމުން، މިއެލަވަންސް ތިން ގިންތިއަކަށް ބަހާލައިގެން ދެއްވާނެކަމަށާއި، އެގޮތުން އެންމެ ހައިރިސްކް، ފަރާތްތަކަށް ކޮންމެ ދުވާލަކަށް، 500 ރުފިޔާ އަދި ދެވަނަ ގިންތީގެ ފަރާތްތަކަށް ދުވާލަކަށް 250 ރުފިޔާ އަދި އެންމެ ލޯ ރިސްކް ފަރާތްތަކަށް ދުވާލަކަށް 200 ރުފިޔާ ދެވޭނެ ކަމަށް ވިދާޅުވެފައިވާކަމަށެވެ.

ނަމަވެސް މިއަދާއިހަމައަށްވެސް މިއެލަވަންސް ލިބިފައި ނުވާތީ، ކޯވިޑް-19އާއި ގުޅިގެން ފްރޮންޓްލައިންގައި މަސައްކަތް ކުރެއްވި ޑޮކްޓަރުންނާއި، ނަރުހުންނާއި، ޞިއްޙީއެހީތެރިންނާއި، ފުލުހުންނާއި، ސިފައިންނާއި، އެއަރލައިންތަކުގެ މުވައްޒަފުންނާއި، އަދިވެސް އެހެނިހެން ދާއިރާތަކުންވެސް މިކަމުގައި ޙަރަކާތްތެރިވި ފަރާތްތަކުގެ ތެރެއިން މި ނުރައްކާތެރި ދަނޑިވަޅުގައި ރައްޔިތުންނާއި ޤައުމަށްޓަކައި ފުރާނަ އަތްމައްޗަށްލައިގެން ވަރަށް ބޮޑު ޤުރުބާނީއެއް ވެފައިވާއިރު، އެފަރާތްތަކަށް ލިބެންޖެހޭ އެލަވަންސް ވީހާވެސް އަވަހަށް ދިނުމަށް ގަރާރުގައި ގޮވާލާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން