ޕީޖީ ޙުސައިން ޝަމީމް
ޕީޖީ ޙުސައިން ޝަމީމް
ކޯވިޑް19 އާއި ގުޅިގެން ލޮކްޑައުން އަމުރާ ޚިލާފުވެގެން ޝަރުޢީ ކޯޓުތަކަށް ހުށަހެޅި ޖިނާއީ އެންމެހައި ދަޢުވާތައް ކޯޓުން އަނބުރާ ގެނެސް، އެފަރާތްތަކާއިމެދު ދައުވާ ނުކުރުމަށް ނިންމާފައިވާކަމަށް ޕީޖީއޮފީހުން ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 އާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ނެރުނު ލޮކްޑައުން އަމުރާ ޚިލާފުވެގެން ދަޢުވާ ކޮށްފައިވާ މައްސަލަތަކާއި އެ އަމުރާ ޚިލާފުވެގެން ދަޢުވާ ކުރުމަށް ފުލުހުން ޕީޖީއަށް ހުށަހެޅި މައްސަލަތަކާ ގުޅިގެން ކޯޓަށް ހުށަހެޅި މައްސަލަތައް އަބުރައި ކޯޓުތަކުން ނަގައި ޕޮލިހަށް ފޮނުވުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ.

ޕީޖީ އޮފީހުން ވިދާޅުވީ ޖިނާއީ ޢަދުލުގެ ނިޒާމުގެ މައިގަނޑު އަސާސަކީ، މީހުންނަށް އަދަބު ދިނުންކަމަށް ނުވާ ގޮތަށް، ވީ ވަރަކުން، އަލަށް ކުށްކުރާ ޙާލަތުގައާއި، ކުށުގެ ޢަމަލުގެ ސަބަބުން މީހަކަށް ނުވަތަ ބަޔަކަށް ގެއްލުމެއް ނުލިބޭ ބާވަތުގެ މައްސަލަތަކުގައި، ޖިނާއީ ކުށުގެ ދަޢުވާ އުފުލުމަކާ ނުލައި، ޤާނޫނުގައި ކަނޑައަޅައިދީފައިވާ އެހެނިހެން ގޮތްގޮތުން މައްސަލައިގައި ފިޔަވަޅު އެޅޭނެ ނިޒާމެއް ޤާއިމުކޮށް ހިންގުން ކަމަށް އޮންނާތީ، ލޮކްޑައުން އަމުރާ ޚިލާފުވެގެން ކުރެވުނު ޖޫރިމަނާގެ ކަންކަން، ހަރުދަނާކަމާއެކު ހަމަ އެގޮތުގައި ތަންފީޒުކުރުން، މިވަގުތަށް ޢާންމު މަޞްލަހަތަށް ބަލާއިރު، ރަނގަޅުކަމަށް ފެންނަކަމަށެވެ.

އަދި އެމައްސަލަތައް ނަގަން ނިންމީ ކޯވިޑް-19 އާ ގުޅިގެން ދައުލަތާއި ވިޔަފާރިތަކާއި މުޅި ދިވެހިރާއްޖެ ހުއްޓުމަކަށް އައިސް، އެތައް ބައެއްގެ ވަޒީފާ ގެއްލި، ނިކަމެތިވެފައިވާ ދަނޑިވަޅެއްގައި، އެޙާލަތުގެ ތެރެއިން އުފެދިގެންއައި ކަމެއްގައި ޖިނާއީ މައްސަލައެއްގެ ތެރެއިން ކުށުގެ ރެކޯޑެއް އުފަންކުރުމަކީ މިވަގުތަށް މުޖްތަމަޢުގެ ޢާންމު މަޞްލަޙަތު އޮތް ކަމެއް ކަމަށް ނުފެންނާތީކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ.

މި މައްސަލަތަކުގައި ދަޢުވާ ނުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމެވި ނިންމެވުން ބިނާކުރައްވާ ކަންތައްތަކުގެ ތެރޭގައި ލޮކްޑައުން އަމުރާ ޚިލާފުވެގެން ފިޔަވަޅު އެޅޭ މީހުންނާމެދު ހަމަހަމަ އުޞޫލަކުން ޢަމަލުކުރުމަކީ ދުސްތޫރީ ގޮތުން ލާޒިމުކަމެއްކަމަށްވުމާއި، ލޮކްޑައުން އަމުރާ ޚިލާފުވި މީހުންގެ ތެރޭގައި، އެކި އެކި ސަބަބުތަކާހުރެ، މާލޭގައި ތާށިވެފައިތިބި މީހުން ތިބިއިރު، އެމީހުން ލޮކްޑައުން އަމުރާ ޚިލާފުވާންޖެހުނު މަޤްބޫލު ސަބަބުތަކެއް ހުރިކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރީތީ، އެކަމުގެ މައްޗަށް ބަލައި، ޖިނާއީ ކުށުގެ ރެކޯޑެއް އުފަން ކުރުމުގައި މުޖްތަމަޢުގެ ޢާންމު މަޞްލަޙަތެއް އޮތްކަމަށް ފެނިވަޑައި ނުގެންނެވުން ހިމެނެއެވެ.

ޤާނޫނު އަސާސީން ޕީޖީއަށް ލިބިދީފައިވާ ބާރުތަކުގެ ތެރެއިން ލޮކްޑައުންގައި ކޯޓްތަކަށް ދައުވާކުރަން ފޮނުވުނު މައްސަލަތަކުގެ ތެރެއިން ލޮކްޑައުން އަމުރާ ޚިލާފުވެގެން ދަޢުވާކޮށް ޝަރުޢީ ކޯޓުތަކަށް ހުށަހަޅާފައިވާ މައްސަލަތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމައި، އެމައްސަލަތައްވެސް އަނބުރާ ގެނެސް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަނބުރާ ފޮނުވާލުމަށް ވަނީ ނިންމާފައެވެ. އަދި ލޮކްޑައުން އަމުރާ ޚިލާފުވެގެން ފުލުހުން ތަޙްޤީޤްކޮށް ޕީޖީއަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ދަޢުވާ ނުކުރުމަށް ނިންމައި މައްސަލަތައް އަނބުރާ ފޮނުވާލުމުގެ އިތުރުން ލޮކްޑައުން އަމުރާ ޚިލާފުވެގެން ކޮށްފައިވާ ޖޫރިމަނާ ތަންފީޒުކޮށް އެފައިސާ ހޯއްދެވުމަށް ދައުލަތުން ކުރަންޖެހޭ ކަންކަން ކުރުމަށް، ދައުލަތުގެ މުއައްސަސާތަކުގައި ދެންނެވުމަށްވެސް ވަނީ ނިންމަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން