ޑިފެންސް މިނިސްޓަރު މާރިޔާ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް މަޖިލީހުގެ ކޮމެޓީގައި ބައިވެރިވެވަޑައިގަންނަވަނީ
ޑިފެންސް މިނިސްޓަރު މާރިޔާ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް މަޖިލީހުގެ ކޮމެޓީގައި ބައިވެރިވެވަޑައިގަންނަވަނީ
ރާއްޖޭގައި ގަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ގައުމީ ސަލާމަތަށް ހުރި ނުރައްކަލަކަށް ވެފައިވާ ކަމަށާއި ރާއްޖެއިން ފެންނަމުންދަނީ ބޭރުގެ އިސްތިއުމާރީ ބާރަކުން ގައުމަށް އެރުމުން ފެންނާނެ ފަދަ މަންޒަރުތަކެއް ކަމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް  މިއަދު ވިދާޅުވެއްޖެއެވެ.

ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަމުން ޝަމާލް ވިދާޅުވީ ގަވައިދާ ހިލާފު ބިދޭސީންގެ މައްސަލައަކީ އެތައް އަހަރެއްވެ ހައްލު ނުވެ އޮތް ބޮޑު މައްސަލަ އެއް ކަމަށެެވެ. އަދި ރާއްޖޭގައި މިއަދު 179،954 ބިދޭސީން ރަޖިސްޓަރީ ވެފައިވާއިރު 66،000 އަށް ވުރެ ގިނަ ބިދޭސީން ޑޮކިއުމަންޓެއް ނެތި އުޅޭ ކަން ޝަމާލް ވަނީ ފާހަގަކުރެއްވިއެވެ. ޗީފް ވިދާޅުވީ ކުރިއަށް އޮތް ހައެއްކަ އަހަރަށް ވާވަރަށް ބިދޭސީން ރާއްޖެ އެތެރެކޮށްފައިވާ ކަމަށެވެ.

"އެހެން ގޮތަކަށް ދަންނަވާނަމަ 250،000 އެއްހާ މީހުން އެބައުޅޭ ބޭރު މީހުން. މީގެ ތެރެއިން ބޮޑު ޕަސެންޓަކީ ރަޖިސްޓާ ނުކޮށް ތިބި މީހުން. މިކަމަކީ ރާއްޖޭގެ ގައުމީ ސަލާމަތައް އޮތް ބޮޑު ނުރައްކަލެއް." ޝަމާލް ވިދާޅުވި އެވެ.

ޑިފެންސް ޗީފް، ޝަމާލު ވިދާޅުވީ މި ޒަމާނަކީ އެއް ގައުމު އަނެއް ގައުމަށް ހަތިޔާރު ހިފައިގެން އަރާ ހިފާ ޒަމާނެއް ނޫން ކަމަށާއި އެހެން ނަމަވެސް ރާއްޖެ ކައިރީގައި އޮތް ބަޔަކު ވަނީ ހުޅުވިފައިވާ އަދި ރެގިއުލޭޓް ނުކުރެވި އޮތް ބޯޑަރުތަކެއްގެ ތެރެއިން ރާއްޖެއަށް އަރާފައި ކަމަށެވެ. އަަދި މިހާރު ރާއްޖެއިން ފެންނަނީ ވެސް ބޭރުގެ އިސްތިއުމާރީ ބާރަކުން ގައުމަކަށް އަރާ ހިފިޔަސް ފެންނާނެ ފަދަ މަންޒަރުތަކެއް ކަމަށް ޝަމާލު ވިދާޅުވިއެވެ.

"ބޭރުގެ އިސްތިއުމާރީ ބާރަކުން ގައުމަކަށް އަރާ ހިފިޔަސް ފެންނަން މި ހުންނަ ކަންކަން މި ފެންނަނީ މިހާރު ބިދޭސީންގެ ފަރާތުން. އަަޅުގަނޑުމެންގެ ސޮސައިޓީގެ ހުރިހާ ދިމާލަކުން މިވަނީ އެ މީހުން ފޫއަޅުވާލައި ވަދެފައި. ދިވެހިންނާ ކައިވެނި ކުރުމާއި މިހެން ގޮސް ހުރިހާ ދިމާލަކަށް... މިހާރު އަދި ކުށްތަކުގައި ވެސް އެ މީހުން ޝާމިލުވެ ވަރަށް ބޮޑަށް ހަރަކާތްތެރި ވަމުން މިދަނީ.. އެހެން ގޮސް އެންމެ ފަހުން ފުލުހުންނާ އެ މީހުން ކުރިމަތިލީ." ޝަމާލް ވިދާޅުވި އެވެ.

ގައުމީ ސަލާމަތަށް ނުރައްކަލަކަށް މި މައްސަލަ ވެގެން ދަނީ އެހެން ގައުމެއްގެ ބަޔަކު އަރާ އަދި އެ މީހުންގެ މައްޗަށް ގާނޫނެއް އަދި ގަވައިދެއް ވެސް ނުހިންގޭ އިލީގަލް މީހުން ކަމަށްވާތީ ކަމަށް ޝަމާލް ވިދާޅުވި އެވެ. އަދި މިހާރު މިކަން ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ ހިސާބަށް ގޮސްފައިވާ ކަމަށާއި، ރާއްޖޭގެ ޒުވާނުންގެ އާބާދީއަށް ވުރެ ރާއްޖޭގައި އޮތް ބިދޭސީންގެ އާބާދީ ބޮޑު ކަން ވެސް ޝަމާލް ފާހަގަކުރެއްވި އެވެ. އެ ސީރިޔަސް މައްސަލަ ހައްލު ކުރަން ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި އިދާރާތައް ގުޅިގެން މަސައްކަތް ކުރުުމަށް ޝަމާލު ވަނީ އެދިވަޑައިގެންފައެވެ.

"ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ބައްދަލު ކޮށްފަައި މިކަމަކީ ނޭޝަނަލް ސެކިއުރިޓީއަށް، ރާއްޖެއަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ވަނީ ނިންމާފައި. އެ ހިސާބުން ފެށިގެން މި އޮތީ ވަރަށް ބޮޑަށް ނޯމަލް ޕްރޮސީޖާއަށް ވުރެ ބޮޑަށް ފާސްޓް ޓެރެކެއްގައި އެ މީހުން ހައްޔަރު ކުރުމާއި ފޮނުވާލަން ޖެހޭ މީހުން ފޮނުވުމާއި މިކަހަލަ މުހިންމު ފިޔަވަޅުތައް އެޅުމަށްޓަކައި މަޝްވަރާ ކުރެވިފައިވޭ." ޝަމާލް ވިދާޅުވި އެވެ.

ޗީފް ވިދާޅުވީ ރާއްޖޭގެ ނަންމަޝްހޫރު ކުންފުނިތަކުން ގަަވައިދާ ހިލާފު އެތައް ބިދޭސީންތަކެއް އެތެރެ ކުރާ ކަމަށާއި ކުރިޔަށް އޮތް ހަ އަހަރުގެ މަޝްރޫއުތަކަށް ބޭނުންވާ އަދަދަށް ވެސް ރާއްޖޭގައި ބިދޭސީން އެބަތިބި ކަމަށެވެ. އެހެންކަމުން އެ ބިދޭސީން އަލުން ގާނޫނުގެ ތެރެއަށް ވައްދާ ބޭނުން ހިފުން ފަދަ ހައްލުތައް ގެންނަން ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަަށް ލަފާ ދީފައިވާނެ ކަމަށްވެސް ޝަމާލު ވިދާޅުވިއެވެ.

"މިއީ ބޮޑު ކަމެއް. 24 ގަޑިއިރުން ހައްލުވާނެ ކަމެއް ނޫން. ރާއްޖޭގެ ސޮވިރިނިޓީއަށް (ސިޔާދަތަށް) ނޭޝަނަލް ސެކިއުރިޓީއަށް އޮތް ތުރެޓެއް މިއީ. މިކަމަށް ވަރަށް ރެޑިކަލް އިޝޫއެއް. އެހެންވެ ރެޑިކަލް މައްސަލައަކަށް ރެޑިކަލް ސޮލިއުޝަނެއް ކަންނޭނގެ ގެންނަން ޖެހެނީ." ޝަމާލް ވިދާޅުވި އެވެ.

މި ވާހަކަތައް ޝަމާލް ވިދާޅުވުމާއެކު ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ މުގައްރިރު މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވަނީ ކޮމިޓީ އާންމުކޮށް ހުޅުވާލެވިފައިވާ ކަން އަންގަވާފައެވެ. އަދި ގައުމީ ސަލާމަތާ ބެހޭ ސިއްރު ވާހަކަތަކެއް ހާމަ ކުރަން ބޭނުންފުޅުވެ ވަޑައިގަންނަވާ ނަމަ ކޮމިޓީ ސިއްރުކޮށްގެން ކުރިޔަށް ގެންދެވިދާނެ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ. އެހާ ހިސާބުން ކޮމިޓީގެ މެމްބަރުންގެ މެދުގައި ނެގުނު ވޯޓަކުން ކޮމެޓީ ވަނީ ސިއްރުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން