ސިފައިންނާއި، ފުލުހުންގެ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް 2013 ވަނަ އަހަރުން ފެށިގެން އަޅަމުންދާ ފްލެޓްތައް އަދާހަމައަށްވެސް ނިމިފައިނުވާ މައްސަލަ ބަލައި އެކަމުގައި އަޅަންޖެހޭ ފިޔަވަޅު އެޅުމަށް މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲއެވެ. އޭނާ ހުށަހެޅުއްވި މިމައްސަލާގައި ބުނެފައިވަނީ ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އަދި ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) މެދުވެރިވެގެން ސިފައިންނާއި ފުލުހުންނަށް ޚާއްޞަކޮށްގެން ސިފައިންނާއި ފުލުހުންގެ ޢާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި ހުޅުމާލޭގައި އަޅަމުން ގެންދާ 600 ފްލެޓަކީ 2013 ވަނަ އަހަރުގެ މެދުތެރެއިން ފެށިގެން ކޮންޓްރެކްޓަރުންނާ ޙަވާލުކޮށްގެން ތަރައްޤީކުރަމުން އަންނަ ފްލެޓްތަކެއް ކަމަށާއި އަދާއިހަމަޔަށްވެސް އެ ފްލެޓްތައް ނިމިފައި ނުވާކަމަށެވެ. އަދި ފްލެޓްތަކުގެ މަސައްކަތްދާ ގޮތުން އަވަސް މުއްދައްތެއްގައި އެ ތަންތަން ނިމޭނެ ކަމަށް ނުބެލެވޭކަމަށް ވެސް އެ ހުށައެޅުމުގައި ވެއެވެ.

މި ފްލެޓްތައް ހަދަމުންގެންދަނީ ސަރުކާރުން ޚަރަދުކޮށްގެން ނުވަތަ ލޯނު ނަގައިގެން ކަމުގައިވިޔަސް ފްލެޓްތައް ލިބޭ ސިފައިންނާއި ފުލުހުންވެސް މި ފްލެޓްތަކަށް ޑައުން ޕޭމަންޓްގެ ގޮތުގައި ފައިސާ ދައްކައިފައިވާއިރު، ބެލެވޭ ގޮތުން ގިނަ ސިފައިންނާއި ފުލުހުން މި ފައިސާ ދެއްކުމަށްޓަކައި ބޭންކްތަކުން ލޯނު ނަގައިފައިވާ އިރު، އެ ފަރާތްތަކަށް މިހާރު ލޯނު ފައިސާ އަނބުރައި ދައްކަންޖެހި އަދި ދިރިއުޅެމުން ގެންދާ ތަނަށް ވެސް ކުލި ދައްކަންޖެހިފައިވުމުން އެ ކަން ވަނީ ބޮޑު ތަކުލީފަކަށްވެ، އެ ސިފައިންނާއި ފުލުހުންނަށް އަދި އެ މީހުންގެ ޢާއިލާތަކަށް ބޮޑު ނިކަމެތިކަމަކަށް ވެފައިވާކަމަށް ޔައުގޫބުގެ މައްސަލާގައި ބުނެފައިވެއެވެ.

މި ފްލެޓްތައް ނިންމުމަށްފަހު ޙަވާލުކުރަން ދިން މުއްދަތު އެތައް ފަހަރަކު ލަސްވެ، 24 މަސްދުވަހުގެ ތެރޭގައި ނިންމުމަށް އޮތް މުއްދަތަށް މިހާރު 8 އަހަރު ވެގެން ގޮސްފައިވާއިރު، 2018 ވަނަ އަހަރު، ވެރިކަން ބަދަލުވުމަށްފަހުވެސް، މި ފްލެޓްތައް ނިންމުމަށް ތާރީޚެއް ކަނޑައެޅި ނަމަވެސް، އެ މުއްދަތު ފާއިތުވެ ދިޔައިރުވެސް، މި ފްލެޓްތައް ނުނިމުމަކީ ކަންބޮޑުވާކަމެއްކަމަށް މައްސަލާގައި ބުނެފައިވެއެވެ.

ޔައުޤޫބް ހުށަހަޅުއްވާފައިވާ މިމައްސަލާގައި 5 ކަމެއް ސާފުކުރުމަށް ވަނީ ހުށަހަޅާފައެވެ.

ސިފައިންނާއި، ފުލުހުންގެ ފްލެޓްތައް އިމާރާތް ކުރުމުގެ މިމަޝްރޫޢުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް (ނޫމަޑި)އާއެވެ. މަސައްކަތް ހަވާލުކުރި ނޫމަޑިއާއިއެކު ވެފައިވާ އެއްބަސްވުން ސަރުކާރުންވަނީ އުވާލާފައެވެ. އެއްބަސްވުން އުވާލިއިރު އެކުންފުންޏަށް ގިނަ އަދަދެއްގެ ފައިސާ ސަރުކާރުން ދައްކަން ޖެހި ދެފަރާތުގެ މެދުގައި އުފެދިފައިވާ ދެބަސް ވުމަށްވެސް އަދި ވަނީ ހައްލެއް ނުހޯދިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން