ސިޓީކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ރަށުކައުންސިލްތައް އުވާލުމާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ނަމުގައި އުފައްދާފައިވާ މުޢައްސަސާ އުވާލުމަށް ގޮވާލައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ޤަރާރު ބަލައި ނުގަނެ ބޭރުކޮށްލިފިއެވެ.

ޖާބިރުގެ ޤަރާރު ބަލައިގަތުމާއިމެދު ނެގުނު ވޯޓުގައި ޤަރާރު ބަލައި ނުގަންނަން 60 މެމްބަރަކު ވަނީ ވޯޓްދެއްވާފައެވެ. މި ޤަރާރު ބަލައިގަތުމަށް ޖާބިރުވެސް ވޯޓްދެއްވާފައެއް ނުވެއެވެ. ޖާބިރުވަނީ މީގެ ކުރިންވެސް މަޖިލީހަށް އެތައް ޤަރާރެއް ހުށަހަޅުއްވާފައެވެ. ނަމަވެސް ބޭކާރު، ތާކުންތާކު ނުޖެހޭ ގަރާރުތަކުގެ ގޮތުގައި ފާހަގަކުރެވޭ އޭނާމެ ގިނަ ޤަރާރުތައް ބަލައި ނުގަނެ ބޭރުކޮށްލަނީއެވެ.

ޖާބިރު ހުށަހެޅުއްވި ޤަރާރުގައި ބުނެފައި ވަނީ "ކޯވިޑް19 ވައިރަސް" ގެ ސަބަބުން ރާއްޖޭގެ އެންމެހާ ސިނާޢަތްތައް މުޅިން ހުއްޓި، ރާއްޖޭގެ އިޤްތިޞާދު ފުނޑުފުނޑުވެ، ދައުލަތް ބަނގުރޫޓް ވުމާއި ދިމާއަށް މިޞްރާބު ޖަހާފައިވާކަމަށެވެ.

ޚަރަދުކުޑަކުރުމަށްޓަކައި ޖާބިރުގެ ޤަރާރުގައި ހުށަހަޅާފައި ވަނީ ޤާނޫނު އަސާސީގެ 8 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އުފައްދާފައިވާ އެންމެހައި ކައުންސިލްތަކާއި، ކައުންސިލްތަކުގެ ޒިންމާދާރު ފަރާތް އެލްޖީއޭ ވެސް އުވާލުމަށެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ރާއްޖޭގައި އުފައްދާފައިވާ ސިޓީކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ރަށުކައުންސިލް ތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރޭތޯ ބެލުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ" ގެ ނަމުގައި އުފައްދާފައިވާ މުޢައްސަސާ އުވާލުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހިނދުން މިހިނދަށް ފެއްޓެވުމަށް ޖާބިރުުގެ ޤަރާރުގައި ވަނީ ހުށަހަޅުއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން