ފަލަސްތީނަށް އެހީވުމުގެ ގޮތުން އަތޮޅު ތެރެއިގައި ހިންގުނު ފަންޑްރައިޒިން ހަރަކާތްތަކުގެ ތެރެއިން މިހާތަނަށް ހިންގުނު އެންމެ ކާމިޔާބު ހަރާކާތުގެ ގޮތުގައ ފާހަގަވެގެންދިޔަ، އައްޑޫ ސިޓީ މަރަދޫއިން ކުރިއަށް ގެންދިޔަ "ފަލަސްޠީނާއެކު މަރަދޫ ރައްޔިތުން" އިން ހޯދުނު ފައިސާ ދިވެހިރެޑްކްރެސެންޓާ ހަވާލުކޮށްފިއެވެ.

ޣައްޒާގައި ޙާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމަށް އައްޑޫ ސިޓީގައި މަރަދޫގެ ރައްޔިތުން ކުރިއަށް ގެންދިޔަ މިހަރަކާތުގައި ލިބުނު ފައިސާގެ އަދަދަކީ ގްރޭޓާމާލެ ފިޔަވައި ރާއްޖޭގައި ހިންގުނު އެންމެ ކާމިޔާބު ހަރަކާތެވެ. އެގޮތުން މި ފަންޑްރައިޒިން ހަރަކާތުން ޖުމްލަ 777،799.47 ރުފިޔާ އެއްކޮށްފައިވެއެވެ. އޭގެ ތެރޭގައި މަރަދޫ ތެރެއިން އެއްކުރެވުނު 280،264.89 ރުފިޔާ ހިމެނެއެވެ. މިފަންޑް ރައިޒިން ޙަރަކާތަށް މަރަދޫގެ 9 ދޯނަކުން ފަންޑަށް ފައިސާ ހަދިޔާ ކޮށްފައިވެއެވެ. އެ ނުވަ ދޯނިން 230958.40 ރުފިޔާ ލިބިފައިވެއެވެ. އެވަރަޖެކޮށް ކޮންމެ ދޯންޏަކުން ވަނީ އެއްޓަނު މަހަށް ވާފައިސާއަށްވުރެ ގިނަ ފައިސާ ފަންޑަށް ހަދިޔާކޮށްފައެވެ.



ފަލަސްތީނާއެކު މަރަދޫ ރައްޔިތުންގެ ހަރަކާތުން އެއްކުރުވުނު ފައިސާ ދިވެހި ރެޑް ކްރެސެންޓާއި ހަވާލުކުރުމާއި ރެޑް ކްރެސެންޓާއިއެކު އެމްއޯޔޫގައި ސޮއިކުރުމުގެ ރަސްމީޔާތު އޮތީ 2023 ނޮވެމްބަރ 10 ވަނަ ދުވަހުގެ ހަވީރު މަރަދޫ ބަނދަރު ސަރަހައްދުގައި ކުރިއަށް ގެންދެވުނު ޚާއްޞަ ހަރަކާތުގެ ތެރޭގައެވެ. ދިވެހި ރެޑް ކްރެސެންޓުގެ ފަރާތުން މި ފައިސާއާއި ހަވާލުވެވަޑައިގަތީ ރެޑް ކްރެސެންޓު އައްޑޫ ގޮފީގެ މެނޭޖަރ ޝަފްނާ އަޙުމަދު ދީދީއެވެ.

"ފަލަސްތީނާއެކު މަރަދޫ ރައްޔިތުން"ގެ ނަމުގައި ހިންގި މިހަރަކާތަކީ އޮކްޓޯބަރު 12 ވަނަ ދުވަހުން ފެށިގެން 03 ނޮވެމްބަރަށް ކުރިއަށް ގެންދެވުނު 23 ދުވަހުގެ ހަރަކާތެކެވެ. މިހަރަކާތާގުޅޭގޮތުން ރަސްއޮންލައިން އަށް މަޢުލޫމާތު ދެއްވަމުން މި ހަރަކާތް އިންތިޒާމްކުރި ކޮމިޓީގެ އިސްކޮށް ހަރަކާތްތެރިވި، އެ ކޮމިޓީގެ ޗެއަރ، ޢަލީ ޝައުޒޫން ﷲ އަށް ޙަމްދުކުރައްވަމުން ވިދާޅުވީ މިހާ ބޮޑު އަދަދެއް އެއްކުރެވުނީތީ އުފާކުރާކަމަށެވެ. އަދި ވިދާޅުވީ އޭނާ މިކަމަށް އިސްނެންގެވިއިރުވެސް ފަލަސްޠީނުގެ ރައްޔިތުން ތަޙަމަލްކުރަމުންއެދާ ނާމާންކަމާއި ބިރުވެރިކަން ފެނި، ފަލަސްޠީނުގެ ތުއްތުކުދީން ނާ އާއްމުރައްޔިތުން ސަލާމަތްތެރިކަމުގެ އަތެއް ދިއްކޮށްލުމަށް ރަށުގެ ކުދިބޮޑުއެންމެންވެސް ބޭނުންވެފައިވާ މިންވަރު ތަޞައްވަރުކުރެވުނު ކަމަށެވެ.

"މިއީ ޚާއްޞަކޮށް މަރަދޫގެ ރައްޔިތުން އަދި ޢާއްމުކޮށް އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ރައްޔިތުން އިންސާނިއްޔަތަށްޓަކައި އަޅުގަނޑުމެންގެ އުއްމަތުގެ ހައްޤުގައި އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންނަށްޓަކައި، ވަރަށް ޖޯޝާއެކު އެންމެންއެކުވެގެން ކުރެވުނު، ވަރަށް މާތް މަސައްކަތެއް." ޝައުޒޫން ވިދާޅުވިއެވެ.



ފަލަސްތީނާއެކު މަރަދޫ ރައްޔިތުން ހަރަކާތް ފެށިގެން ދިޔައީ އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހު މަރަދޫގައި ބޭއްވި ހިނގާލުމާއެކުގައެވެ. ކޮންމެ ދުވަހަކުވެސް އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި ފަންޑް ފޮށި ހިފައިގެން ފައިސާ އެއްކުރުމަށް ކުރި 23 ދުވަހުގެ މަސައްކަތަށް އާއްމުގެން ތަރުޙީބު ލިބުނީ ހީވެސް ނުކުރާ މިންވަރަށެވެ.

"ކޮންމެ ދުވަހަކު ހަވީރު 4 އިން 6 އަށް އަޅުގަނޑުމެން މި ހަރަކާތް ކުރިޔަށް ގެންދިޔައިން. ހިތަދޫ މަގުތަކުގައި 4 ދުވަސް ވަންދެން ހިނގައިގެން 76،096.38 ރުފިޔާ އެއްކުރެވުނު. މަރަދޫ ފޭދޫ އިން 20،5656.40 ލިބުނު. މަރަދޫގައި އެކި ދުވަސްވަންދެން މިސްކިތްތަކުގައި ފަންޑްފޮށި ބަހައްޓައިގެންނާއި އެއްކޮށް 280،264.89 އެއްކުރެވުނު. މަރަދޫ އަވަށު އޮފީހާއި ސްކީމް ޖަމިއްޔާއާއި އެހެނިހެން މުއައްސަސާތަކާއި އަމިއްލަ ފަރާތްތައް ގުޅިގެން 3 ނޮވެމްބަރ 2023 ވީ ހުކުރު ދުވަހު ބޭއްވި ޚާއްޞަ ފަންޑު ރައިޒިން ޙަރަކާތަކުން 109،762.60 ރުފިޔާ ލިބުނު. 2 ގަޑިއިރުގެ އެ ހަރަކާތުގައި މަރަދޫ ސްކޫލާއި މަރަދޫ ހެލްތް ސެންޓަރާއި މަރަދޫ އޮފީހާއި ކަމަނަ މޮޑެސްޓީއާއި ހައްވާ ހީނާގެ ޓީމް ބައިވެރިވި" ޝައުޒޫން ތަފްސީލްކޮށްދެއްވަމުން ވިދާޅުވިއެވެ.

ޝައުޒޫން ވިދާޅުވީ އައްޑޫގެ ބައެއް މުޢައްސަސާތަކާއި ސްކޫލުތަކުންވެސް މި ފަންޑަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން އައްޑޫ ހައި ސްކޫލާއި ފެނަކަ މަރަދޫ ފޭދޫ ޕްރޮޖެކްޓް ސްޓާފުންގެ ފަރާތުން ފައިސާ ހަދިޔާކޮށްފައިވާއިރު ބައެއް ވިޔަފާރިތަކުންވެސް ވަނީ ފައިސާ ހަދިޔާކޮށްފައެވެ. އޭގެ ތެރޭގައި ސަނަމް ކެފޭ، މަރަދޫ ޕާމް ވިލެޖް، މަރަދޫ ނައިސްވޭ ހާޑްވެއާ ހިމެނެއެވެ.

އެއްކުރުވުނު ފައިސާގެ ތަފްސީލު:- ނޮވެމްބަރު 3 ގައި ބޭއްވި ހަރަކާތުން 109،792.60 ރުފިޔާ - މަރަދޫ މަސްދޯނި ތަކުން 230958.40 ރުފިޔާ - މަރަދޫ ތެރެއިން 280،264.89 ރުފިޔާ - މަރަދޫ-ފޭދޫ ތެރެއިން 20،5656.40 ރުފިޔާ - ހިތަދޫ އެތެރެއިން 76،096.38 ރުފިޔާ - 3 ނޮވެމްބަރ ގެ ފަންޑް ރައިޒިން ޙަރަކާތުގައި ބައިވެރި ނުވާ މުއައްސަސާތަކުން 38821.80 ރުފިޔާ - ވިޔަފާރިތަކުން 21،300 ރުފިޔާ



ޝައުޒޫންވިދާޅުވިގޮތުގައި މި ހަރަކާތަކީ އައްޑޫ ރައްޔިތުންނާއި ވަކިން ޚާއްސަކޮށް މަރަދޫގެ ހުރިހާ ރައްޔިތުންގެ އެއްބާރުލުން ލިބިގެންދިޔަ، ވަރަށް ރަނގަޅަށް އިންތިޒާމުކުރެވިގެން ކުރިއަށް ގެންދެވުނު ހަރަކާތެއް ކަމަށެވެ.

"މިފުރުޞަތުގައި ރަށުގެ ކުދިބޮޑު އެންމެންނަށާއި ދީލަތި އެހީވެދެއްވި އައްޑޫސިޓީ އެއްމެހާ ފަރާތްތަކަށާއި މަރަދޫގެ މަސްވެރިންނަށާއި މަރަދޫގެ ހުރިހާ ރައްޔިތުންނަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން. މާތް ﷲ އަޅުގަނޑުމެން އެންމެނަށް ދަރުމައާއި ޘަވާބު ލައްވާށި އާމީން" ޝައުޒޫން ވިދާޅުވިއެވެ.

އައްޑޫސިޓީ މަރަދޫއަކީ މިފަހަކަށް އައިސް ސިޓީ ލެވެލްގައި ގައުމީތަފާތު ހަރަކާތްތަށް ބާވަމުން އަންނަ ރަށެވެ. އެގޮތުން މަރަދޫގައި ބާއްވާ ބޮޑުޢީދުގެ ހަރަކާތްތަކަކީ 2009 ވަނަ އަހަރުން ފެށިގެން ވަރަށް ފޯރިގަދަކޮށް ބާއްވަމުން އަންނަ ޙަރަކާތެއްކަން މުޅި ސިޓީގައި ފާހަގަ ކުރެވިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން