ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން
ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން
ކޯވިޑް-19 އަށް ވެކްސިނެއް އުފެއްދުމުން އެ ވެކްސިން އެންމެ އަވަހަށް ލިބޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަމީން މިހެން ވިދާޅުވީ ލ. ގަމާއި ގއ. ވިލިނގިލީގައި ޤާއިމް ކޮށްފައިވާ ކޯވިޑް-19 މެނޭޖްމަންޓް ފެސިލިޓީތައް ހުޅުވުމަށް ވާޗުއަލްކޮށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ، ސަރުކާރުން ކޯވިޑް-19އާ ދެކޮޅަށް ކުރާ މަސައްކަތްތައް ވަކި ވަގުތަކަށް މަޑުނުކޮށް، ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށެވެ. އަދި ކޯވިޑް-19އަށް ވެކްސިނެއް ހޯދިއްޖެ ހިދެއްގައި ރާއްޖެއަށް އަވަހަށް ވެކްސިނެއް ލިބޭނެ މަގުފަހިކުރުމަށްޓަކާ ކުރަންޖެހޭ މަސައްކަތް ސަރުކާރުން ކުރައްވަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން އިސްނަގައިގެން ފެށި "ކޯލް ފޯރ އެކްޝަން" ގައި އެންމެ ކުރިން ބައިވެރިވި ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަމަށާއި، އެ ހަރަކާތުގައިވެސް ރާއްޖެއިން ބައިވެރިވީ ރާއްޖެފަދަ ވަޞީލަތް މަދު ޤައުމަކަށް ވެކްސިން ހޯދުމުގެ މުހިންމުކަން ސަރުކާރަށް ވަޒަންކުރެވޭތީކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ. އަދި ވެކްސިނެއް ތައްޔާރުކުރެވިއްޖެނަމަ އެންމެ އަވަހަށް ވެކްސިން ލިބޭނެ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމަށް މަސައްކަތް ކުރައްވަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މާރިޗުމަހުގެ މެދެއްހައިތާނގައި އެ ހަރަކާތުގައިވެސް އަޅުގަނޑުމެން ބައިވެރިވީ ރާއްޖެފަދަ ޤައުމަކަށް ވެކްސިނެއްގެ މުހިއްމުކަން ވަޒަންކުރެވޭތީ. މީގެ އިތުރަށް ޑަބްލިއު.އެޗް.އޯ މެދުވެރިކޮށް ވެކްސިނެއް އުފެއްދިއްޖެހިނދެއްގައި ރާއްޖެއަށް އެ ވެކްސިނެއް ހޯދެން ހުރި އެހެން މަގުތައްވެސް ބަލާ އެޖަމިއްޔާއާއެކީ މިހާރުވެސް މިދަނީ މުހިއްމު މަސައްކަތްތަކެއް ކުރަމުން. އިރާދަކުރެއްވިއްޔާ ދުނިޔެއަށް ކޯވިޑް-19ގެ ވެކްސިނެއް ހޯދިއްޖެނަމަ އެންމެ އަވަހަށް ވެކްސިން ލިބޭނެ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމަށްޓަކާ މިދަނީ މަސައްކަތް ކުރަމުން." މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރ އަމީން ވިދާޅުވީ، ކޯވިޑް-19ގެ މި ޙާލަތާއެކު ރާއްޖޭގެ ޞިއްޙީ ނިޒާމު ލާމަރުކަޒުކޮށް، ޓެލެމެޑިސިންގެ މުހިއްމުކަން ވަރަށް ބޮޑަށް ހާމަވެގެންގޮސްފައިވާކަމަށެވެ. އެހެންކަމުން ދިވެހިރާއްޖެއިން ކޯވިޑް-19ގެ މި ޙާލަތުން އަރައިގަނެވުނުހާ އަވަހަކަށް، ޓެލެމެޑިސިންގެ ދާއިރާ އިތުރަށް ހަރުދަނާކޮށް، އަތޮޅުތެރޭގެ ޞިއްޙީ ޚިދުމަތްތަކާއި ވަޞީލަތްތަކަކީ ރައްޔިތުންގެ އިތުބާރާއި ބަލައިގަތުން ލިބިފައިވާ، ޓެކްނޮލޮޖީއާއި ރައްޓެހި ކަންކަކަމަށް ހެއްދެވުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް މިނިސްޓަރ އަމީން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން