ވީހާވެސް ޚަރަދު ކުޑަކޮށްގެން މަސައްކަތް ކުރެއްވުމަށް ދަޢުލަތުގެ މުޢައްސަސާތަކަށް މާލީ ވަޒީރު ޑރ. އަބްދުﷲ ޝަފިޤު މިއަދު އިލްތިމާސް ކުރަށްވައިފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓުގައި ޚަރަދު ކުޑަކުރަން ހުށަހަޅާފައިވާ ސިޔާސަތުތަކުގެ ތެރޭގައި އިންޑައިރެކްޓް ސަބްސިޑީގެ ބަދަލުގައި، އާމްދަނީ އާއި ދިރިއުޅުމުގެ ފެންވަރަށް ބަލައި، ޓާގެޓަޑް ސަބްސިޑީ ދިނުމަށް ވަނީ ކަނޑައަޅާފައެވެ. އަދި، އާސަންދަވެސް ޓާގެޓިން ނިޒާމާ ގުޅުވާލައި، މެޑިކަލް ކޮންސިއުމަބަލްސް ބަލްކް ޕްރޮކިއުމަންޓްގެ ދަށުން ހޯދުމަށް ކަނޑައަޅާފައިވެއެވެ.

އެކަމާގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ބަހުސްގައި މާލީ ވަޒީރު މިއަދު ވިދާޅުވީ، ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތަށް ބަދަލު ގެންނަން ޖެހޭ ކަމަށާއި، ހަމައެކަނި ބަޖެޓްރީ ކޮންޓްރޯލްތަކުން ބޭނުންވާ މިންވަރަށް ފައިސާ ރައްކާ ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން ވީހާ ވެސް ޚަރަދު ކުޑަކުރަން ދައުލަތުގެ ވުޒާރާތަކާއި އިދާރާތަކުން ގުޅިގެން މަސައްކަތް ކުރުމަކީ ބޭނުންތެރިކަމެއް ކަމަށް ޑރ. ޝަފީޤް ވިދާޅުވިއެވެ.

ޑރ. ޝަފީޤު ވިދާޅުވީ އަންނައަހަރު ހިލޭ އެހީގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވާއިރު، އޭގެ ތެރޭގައި 50 މިލިއަން ޑޮލަރު ހިމަނާފައިވުމަކީ ނުރައްކަލެއް ކަމަށެވެ. ނަމަވެސް އެ މިންވަރަށް އެހީ ހޯދުމަށް މަސައްކަތް ކުރަށްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ޚަރަދު ކުޑަކޮށްގެން ކުރިއަށްއޮތް ދުވަސްތަކުގައި މަސައްކަތް ކުރުމަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކަކަށް އަޅުގަނޑު އިލްތިމާސްކުރަން." ޑރ. ޝަފީޤް ވިދާޅުވިއެވެ.

މާލީ ވަޒީރު ޑރ. ޝަފީގް ވިދާޅުވީ، މިއަހަރުގެ ބާކީ މިއޮތް ދެމަސްދުވަހު ކޭޝް ފުލޯ މެނޭޖްކުރަން ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ކޭޝް ފުލޯ މެނޭޖްކުރަން 200 މިލިއަން ޑޮލަރު މިހާރުން މިހާރަށް ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް ދަޢުލަތުން ހުށައަޅާފައިވަނީ 49.4 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓުގައި އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ ގާތްގަނޑަކަށް 34 ބިލިއަން ރުފިޔާއެވެ. ކުރީގެ މާލީ ވަޒީރު އަމީރު ވިދާޅުވީ އެ ބަޖެޓަކީ 13 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން