ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ނައިބު ރައީސް މުހައްމަދު ޒާހިދު އެ ކޮމިޝަނުގެ މެންބަރު ކަމުން ވަކިކުރުމާއިއެކު ކޮމިޝަން ޤާނޫނީ ހުސްކަމަކަށް ގޮސްފިއެވެ.

ފަސް މެމްބަރުން ތިއްބަވާ އެޗްއާރުސީއެމްގެ މެމްބަރުގެ މަޤާމުން ޒާހިދު ވަކިކޮށްފައިވަނީ މިއަދު މަޖިލީހުގައި ނެގި ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 61 މެމްބަރުންގެ ވޯޓުންނެވެ. ޒާހިދު ކޮމިޝަނުން ވަކިކުރުމާއިއެކު ކޮމިޝަންގައި މިވަގުތު ހުންނެވީ ނައިވީން ޢަބްދުﷲ އެވެ. އޭނާވެސް ހުންނެވީ ޗުއްޓީގައެވެ. ކޮމިޝަންގައި ދެންތިއްބެވި 3 މެމްބަރުންވެސް މަޤާމުން ވަކިކުރުމުގެ މަސައްކަތް ފެށުމާއިއެކު އެމެންބަރުން ވަނީ ކޮމިޝަނުން އިސްތިއުފާ ދެއްވާފައެވެ.

ކޮމިޝަނުން އިސްތިއުފާ ދެއްވަފައިވަނީ ކޮމިޝަންގެ ރައީސާ އާމިނަތު އީނާސާއި މެންބަރު ޢާއިޝަތު އަފްރީން މުހަޢްމަދާއި، މެމްބަރު މޫސާ ޢަލީ ކަލޭފާނެވެ.

ޒާހިދު ވަކިކުރަން ހުށަހަޅާފައި ވަނީ، އެޗްއާރުސީއެމްގެ މެންބަރުންގެ މައްސަލަތައް ބެލުމަށްފަހު، މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާ ރިޕޯޓްގައެވެ. ޒާހިދު މަގާމުން ވަކި ކުރަން އެދި އެ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓްގައި ބުނެފައިވަނީ، ކޮމިޓީގެ ބެލުންތަކުން ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ މަގާމު އަދާކުރުމުގެ ގާބިލުކަން އޭނާގެ ކިބައިގައި ނެތްކަމަށް ފާހަގަ ކުރެވޭތީ ކަމަށެވެ.

އެބޭފުޅުންގެ ގާބިލްކަން ނެތް ކަމަށް ކޮމިޓީ ރިޕޯޓްގައި ގިނަ ކަންތައްތަކެއް ވަނީ ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ގެއްލުވާލާފައިވާ އަދި މަރާލާފައިވާ މީހުންގެ ތެރެއިން ރިޟުވާންގެ މައްސަލައާއި، މިނޫންވެސް ގިނަ މައްސަލަތައް ހިމެނެއެވެ. މީގެއިތުރުން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިންސާނިއްޔަތާއި ޚިލާފަށް ހިންގި އެއްވެސް އަމަލެއް ބަލާފައި ނުވާކަމަށްވެސް ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން