ބޭރުގެ ފަސް ޤައުމަކަށް ކަނޑައަޅާ މަޖިލީހަށް ފޮނުއްވި 5 ބޭފުޅުން މިއަދު ސަފީރު ކަމަށް އައްޔަންކުރުމާއިއެކު ބޭރުގެ ގައުމުތަކުގައި ތިބި ދިވެހި ސަރީރުންގެ މިންތީގެ ހަމަހަމަކަން އެއްވަރުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ސަފީރުކަމަށް އައްޔަންކުރައްވާފައިވާ 5 ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވުމަށްފަހު މަޖިލީހުގެ ރައީސް ވިދާޅުވީ މިބޭފުޅުންނަށް ރުހުން ލިބުމާއިއެކު މިވަގުތު ރާއްޖެއިން ބޭރުގެ ހުރިހާ ޤައުމެއްގައި ތިބި ސަފީރުންގެ މިނިްތީގެ ހަމަހަމަކަން ގާއިމް ކުރެވިފައިވާކަމަށެވެ. މިއީ އަންހެނުންނަށް ލިބިގެންދިޔަ ވަރަށްބޮޑު ކުރިއެރުމެއްގެ ގޮތުގައި ފާހަގަ ކުރައްވައި މަޖިލިސް ރައީސްވަނީ އެކަމަށް މަރުހަބާ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީން މިފަސް ސަފީރުންނަށް ރުހުން ދެއްވާފައިވަނީ ކޮމިޓީން ގެނައި ބަދަލާއިއެކު، ސަފީރުންނަށް ކަނޑައަޅާ ބޭފުޅުންނާއި އިންޓަރވިއުކުރުމަށް ފަހުގައެވެ.

ސަފީރުކަމުގެ މަޤާމަށް އައްޔަން ކުރެއްވުމަށް ފޮނުވާފައިވާ ބޭފުޅުންގެ ތެރެއިން ބަންގްލަދޭޝް ސަފީރުކަމަށް ޝިރުޒިމަތު ސަމީރު އައްޔަން ކުރުމަށް 68 މެމްބަރުން ވޯޓް ދެއްވާފައިވެއެވެ. ޕާކިސްތާނު ސަފީރު ކަމަށް ފަރުޒާނާ ޒާހިރަށް ރުހުން ދެއްވާފައިވަނީ 70 މެމްބަރުންނެވެ. އެކުވެރި ޢަރަބި އިމާރާތު ސަފީރު ކަމަށް އާމިނަތު ޝަބީނާ އައްޔަން ކުރުމަށް ފާސްވެފައިވަނީ 70 މެމްބަރުންގެ ވޯޓުންނެވެ. އިންޑިއާ ސަފީރު ކަމަށް، އަދި ނޭޕާލް، ބޫޓާން، އަފްޣާނިސްތާނަށް ކަނޑައަޅާ ނޮން- ރެޒިޑެންޓް ސަފީރު ކަމަށް ޑޮކްޓަރ ޙުސައިން ނިޔާޒު އައްޔަން ކޮށްފައިވަނީ 70 މެމްބަރުންގެ ވޯޓުންނެވެ. ޖެނީވާ އޮފީހުގެ ޕާރމަނަންޓް ރެޕްރެޒެންޓެޓިވް އަދި ސްވިސް ކޮންފެޑެރޭޝަނަށް ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރު ކަމަށް ޑރ. އާސިމް އަޙްމަދު އައްޔަން ކުރައްވާފައިވަނީ 69 މެމްބަރުންގެ ވޯޓުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން