ރައްޔިތުންގެ މަޖިިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ
ރައްޔިތުންގެ މަޖިިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ
ޓޫރިޒަމް ދާއިރާއިން ދިވެހި ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ދިނުމުގައި އިސްކަން ދިނުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޕެޓިޝަން މަޖިލީހުން ފާސްކޮށްފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޕެޓިޝަން ކޮމެޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް ފާސްކުރީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 70 މެމްބަރުންގެ އިއްތިފާގުންނެވެ.

ކޮވިޑް-19އާ ގުޅިގެން ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައިވާ ފަރާތްތަކުން، ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިން ބާރުވެރިކުރުވަން ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅިގެން، މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓްގައި، އެޕެޓިޝަނާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީއާއި ރިސޯޓް ވިޔަފާރި ހިންގާ ކުންފުނިތަކާއި އަދި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ހިޔާލުތަކަށް ރިއާޔަތްކޮށް، މައިގަނޑު ދެކަމެއް ކޮމެޓީން ވަނީ ފާހަގަކޮށްފައެވެ.

ފުރަތަމަ ކަމަކީ ރިސޯޓްތަކުގެ ހިންގުމުގެ ދާއިރާގެ ވަޒީފާތަކަށް ދިވެހި މުވައްޒަފުންނަށް އިސްކަން ދިނުމަށެވެ. އެގޮތުން މެނޭޖިރިއަލް މަގާމުތަކަށް ދިވެހިންނަށް ފުރުސަތު ދިނުމަށާއި އަދި އެފަދަ މަގާމުތަކަށް ދިވެހިން ނުލިބިއްޖެ ހާލަތެއްގައި މެނުވީ ބިދޭސީ މުވައްޒަފުން ނުނެގުމަށް ވެސް ކޮމެޓީން ހުށައެޅިއެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ކޮމެޓީން ހުށަހަޅާފައިވަނީ، ރިސޯޓްތަކަށް ދިވެހިން ތަމްރީން ކުރުމުގެ މުހިއްމުކަން ދިނުމަށެވެ. އެގޮތުން، ފަތުރުވެރިކަމުގެ ސިނާއަތުގައި ދިވެހިންނަށް ފުރުސަތު ފަހިކުރުމަށްޓަކައި ބޭނުންވާނެ ތައުލީމާއި ތަމްރީންތައް ދިވެހިންނަށް ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސާ ދިނުން މުހިއްމު ކަމަށާއި އެކަމަށް މަގުފަހިކުރުމުގެ ގޮތުން ކަމާގުޅޭ އިދާރާތަކަށް ބާރުއެޅުން ހިމެނެ އެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީފާތަކަށް ބޭނުންވާ އިލްމާއި ހިލްމު އިތުރުކުރުމަށް ސްކޫލް މަންހަޖަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށްވާނަމަ އެބަދަލު ގެނައުމަށާއި، ސަރުކާރުގެ ފަރާތުން، ޓޫރިޒަމް ދާއިރާއިން ކިޔަވާ ފަރާތްތަކަށް އެޕްރެންޓިސް ޕްރޮގްރާމްތައް ހިންގުމާއި އަދި އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވާ ފަރާތްތަކަށް ސްޓައިޕެންޑް ފޯރުކޮށްދިނުމަށް ކޮމެޓީން ހުށައަޅާފައިވެއެވެ.

ކޮވިޑް-19 އާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އެއްކޮށް ހުއްޓި، ގިނަ ބަޔެއްގެ ވަޒީފާތައް ގެއްލި އާމްދަނީ ވަނީ ހުއްޓިފައެވެ. އަދި ރިސޯޓްތަކުން ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާއިރު، މުސާރަ ކުޑަކޮށް، އަދި މުސާރަ ނުލިބޭގޮތަށް ޗުއްޓީއަށް ދިއުމަށްވެސް ބައެއް ރިސޯޓްތަކުން އަންގާފައިވާ ކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން