އެންޓިބޮޑީ ޓެސްޓް ނަތީޖާ ދައްކުވައިދޭ މަންޒަރެއް
އެންޓިބޮޑީ ޓެސްޓް ނަތީޖާ ދައްކުވައިދޭ މަންޒަރެއް
މާސް އެންޓި-ބޮޑީ ޓެސްޓް ނެގެޓިވްވުމަކީ މީހާގެ ގައިގައި ބަލި ނެތްކަން ސާބިތުވާކަމެއް ނޫންކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީޤް މިރޭ ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ޑރ.ނަޒްލާ ރަފީޤް ވިދާޅުވީ، ގިނަ އޮފީސްތަކާއި އިދާރާތަކުން ކޯވިޑް-19އިން މުއައްޒަފުން ރައްކާތެރިކުރުމަށް މާސް އެންޓި-ބޮޑީ ޓެސްޓް ހެދުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އޮފީސްތަކުގެ މުވައްޒަފުން އެންޓި-ބޮޑީ ޓެސްޓްހެދުމަކީ ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރެވޭނެކަމެއް ނޫންކަން ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.

"ބަލި ކޮންޓްރޯލެއް ނުކުރެވޭނެ ހަމައެކަނި ޓެސްޓް ހަދައިގެންނެއް، ޚާއްސަކޮށް އެންޓި-ބޮޑީ ޓެސްޓް ހަދައިގެން، އެއީ ބަލި ކޮންޓްރޯލް ކުރުމަށް އެހާ ފައިދާ ހުރި ކަމެއް ނޫން، އެހެން ނަމަވެސް ވަކި ހާލަތެއްގައި ވަކި ކަންކަމެއްގައި މީތި ބޭނުން ކުރެވިދާނެ، އަޅުގަނޑު ހަމަ ހުރިހާ އޮފީސްތައް ހިންގާ ފަރާތްތަކަށް ބުނެލަން ބޭނުން މިވަގުތު އެންޓި-ބޮޑީ ޓެސްޓް ސްޓާފުން ހެއްދުމަކީ އެބޭފުޅުން ބޭނުންވާ ނަތީޖާ އެއް ނުވަތަ ފައިދާ އެއް ލިބޭނެ ކަމެއް ނޫނޭ، މިއަދު ޓެސްޓް ނެގެޓިވް ވިއަސް މާދަމާ ނޫން ކަން ނޭގޭ އެމީހަކު އެކްސްޕޯސް ވާނީ ބައްޔަށް، ކޮންމެ ހަފުތާ އަކު އެއް ފަހަރު ޓެސްޓް ހަދަހަދަ އެއްވެސް ނުތިބެވޭނެ." ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން މިޓެސްޓަކީ ބަލި ޖެހުމަށްފަހު އިންސާނާގެ ގައިގައި ކޮރޯނާ ވައިރަސްއާ ދެކޮޅަށް މަސައްކަތްކުރަން އުފެދޭ އެންޓި-ބޮޑީ ހުރިތޯ ބެލުމަށް ހަދާ ޓެސްޓެއްކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. މި ޓެސްޓް ހަދައި ނެގެޓިވް ވުމަކީ މީހާގެ ގައިގައި ބަލި ނެތްކަން ސާބިތުވާކަމެއް ނޫންކަމަށް ނަޒްލާ ވިދާޅުވިއެވެ. އެގޮތުން އެންޓިބޮޑީ އުފެދުމަށް ވަގުތުނަގާކަމަށާ، ބަލީގެ އެކި ސްޓޭޖްތަކުގައި އުފެދެނީ އެކި ވައްތަރުގެ އެންޓި-ބޮޑީކަން ޑރ.ނަޒްލާ ވަނީ ފާހަގަ ކުރައްވާފައެވެ.

" އަޅުގަނޑުމެން އެންޓިބޮޑީ ޓެސްޓް މި ބޭނުންކުރަނީ މުޅި މުޖުތަމައުގައި ބަލިޖެހިފައިހުރީ ކިތައް ޕަސެންޓްތޯ ކިހާވަރެއްތޯ ބަލި ފެތުރިފައި ހުރީ އެ މިންވަރު ދެނެގަތުމަށްޓަކައި އަސްލު ކުރާ ޓެސްޓެއްމީ، ވަކިވަކި މީހުންނަށް އެންޓިބޮޑީ ޓެސްޓް ހެދުމަކީ އެއިން މާބޮޑު މައުލޫމާތެއް ނުލިބޭ އޭނާ އާއި ދޭތެރޭގައި ގޮތެއް ނިއްމާކަށް އެމީހާއަކީ ޕޮޒިޓިވް މީހެއްތޯ ނޫންތޯ އެއް." ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ މިހާރު ރާއްޖޭގައި ހަދާ އެންޓި-ބޮޑީ ޓެސްޓުން މިބަލީގެ ސަބަބުން އުފެދޭ ދެ އެންޓި-ބޮޑީ (އައިޖީއެމް، އައިޖީޖީ) ވަކިވަކިން ދެނެ ނުގަނެވޭކަމަށެވެ. މިޓެސްޓުން ބަލިމީހާ ކަޑައްތުކުރަނީ ބަލީގެ ކިތައްވަނަ ސްޓޭޖްކަންވެސް ސާފުނުވާކަމަށާއި، ބަލި ހުރިތޯ ބެލުމަށް ހަދަން ޖެހޭނީ ޕީސީއާރް ޓެސްޓް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. ބަލި ޖެހުންތޯ ބެލުމަށް އެންޓި-ބޮޑީ ޓެސްޓް ހެދުމަކީ ބުއްދިވެރިކަމެއް ނޫންކަމަށް ނަޒްލާ ވިދާޅުވިއެވެ.

ޑރ.ނަޒްލާވަނީ އޮފީސް މާޙައުލުގައި ބަލި ކޮންޓްރޯލްކުރުމަށް ބަލީގެ ޢަލާމާތެއް ހުރިނަމަ އޮފީހަށް ނުގޮސް މަޑުކޮށްލުމަށާއި ވީއެންމެ އަވަހަކަށް ޕީސީއާރް ޓެސްޓް ހެދުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި އޮފީހާއި އޮފީހުން ބޭރުގައިވެސް މާސްކް އަޅައި ސާފުތާހިރުކަމާއި ގައިދުރުކަން ހިފެހެއްޓުމުގެ މުހިންމުކަން ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން