ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކޮޕް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅާއެކު ބައިނަލްއަގުއާމީ ދުނިޔެއާއި ރާއްޖެއާއެކު އޮތް ގުޅުން އިތުރަށް ބަދަހިވެފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެެވެ.

ކޮޕް ސަމިޓް ކުރިއަށް ދަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީގައެވެ. ދުނިޔޭގެ ގައުމުތަކުގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ މި ސަމިޓްގައި ބައިވެރިވެޑައިގަތުމަށް ރައީސް މުޢިއްޒު މިވަގުތު ހުންނެވީ ދުބާއީގައެވެެ.

އެމަނިކުފާނު ގެންދަވަނީ އަށާވީސް ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވާކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ގެ ހަވާސާގެ ތެރެއިން ގައުމުތަކުގެ ލީޑަރުންނާއި ބައްދަލު ކުރައްވަމުންނެެވެ.

އެގޮތުން ރައީސް ބައްދަލުކުރައްވާފައިވާ ލީޑަރުންގެ ތެރޭގައި އިނގިރޭސިވިލާތުގެ ރަސްގެފާނު، ޗާލްސް ތިން ވަނަ، ގަތަރުގެ އަމީރް، ޝެއިޚް ތަމީމް ބިން ހަމަދް އަލް ތާނީ، ޕާކިސްތާނުގެ ބޮޑު ވަޒީރު، އަންވަރުލް ހައްގު ކަކަރ، ޔޫއޭއީގެ ރައީސް، ޝެއިޚް މުހްމަދު ބިން ޒައިދް އަލް ނަހްޔާން، އިނގިރޭސިވިލާތުގެ ކުރީގެ ބޮޑު ވަޒީރު، ޓޯނީ ބްލެއާ، އުރުދުންގެ އަބްދުﷲ ރަސްގެފާނު ދެވަނަ، އިތިއޮޕިއާގެ ރައީސް، ސައްލެ ވޯކް ޒިއުޑެ، ބުރުނީގެ ރަސްގެފާނު، ހާޖީ ހަސަނަލް ބޮލްކިއާ މުއިއްޒަދިން އަދި ޖަޕާނުގެ ބޮޑު ވަޒީރު، ފުމިއޯ ކިޝިޑާ ހިމެނެއެވެ.

މީގެ އިތުރުން ވެސް ރައީސް މުޢިއްޒު ވަނީ އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު، ޑޭވިޑް ކެމެރޫން އާއި މިސްރުގެ ރައީސް، ޢަބްދުލް ފައްތާޙުއައްސީސީ އާއި ވެސް ބައްދަލު ކުރައްވާފައެވެ. އަދި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ޗައިނާގެ ފަރސްޓް ވައިސް ޕްރިމިއަރ ޑިންގް ޝުއެޝިއެންގް ރައީސް މި ދަތުރުފުޅުގެ ހަވާސާގެ ތެރެއިން ބައްދަލުކުރެއްވިއެވެ.

ރައީސް އޮފީހުން ބުނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކޮޕް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅާއެކު ބައިނަލް އަގުއާމީ ދުނިޔެއާއި ރާއްޖެ އާއެކު އޮތް ގުޅުން އިތުރަށް ބަދަހިވެފައިވާ ކަމަށެވެ.

މިސަމިޓުގައި ރައީސްގެ އަރިހުގައި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ތޯރިގް އިބްރާހިމް ދާހިލީ ވަޒީރު މޫސާ ޒަމީރު ބައިވެރިވެވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން