އައްޑޫސިޓީގައި ރޭ ދެ ގުރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީގައި އަނިޔާވި ޒުވާނާ އިތުރު ފަރުވާއަށް މާލެ ފޮނުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

އައްޑޫގައި ރޭ ދެ ގްރޫޕެއް ދެމެދު ހިނގި މި މާރާމާރީގައި އަނިޔާވެފައިވަނީ އުމުރުން 30 އަހަރުގެ ދިވެހި ޒުވާނަކަށެވެ. އެ މާރާމާރީގައި އެ ޒުވާނާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު އޭނާއަށް ފަރުވާ ދެމުން ގެންދަނީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައެވެ.

މީޑިޔާއަށް މައުލޫމާތު ދެމުން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ބުނީ މާރާމާރީގައި އަނިޔާވި 30 އަހަރުގެ ޒުވާނާގެ ހާލު ސީރިއަސް ކަމަށެވެ އެގޮތުން އޭނާގެ ބޮލަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާއިރު، އޭނާ ގައިގެ އެހެން ތަންތަނުގައި ޒަހަމްތައް ހުރި ކަމަށާއި މިހާރު އިތުރު ފަރުވާއަށް މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

ރޭގެ ހިނގި މާރާމާރީގައި ޒުވާނަކަށް ލިބިފައި ހުރި އަނިޔާތަކުގެ ފޮޓޯ ސޯޝަލް މިޑީއާގައި ވަނީ އާންމުވެފައެވެ. އެ ފޮޓޯތަކުން ފެންނަގޮތުގައި އޭނާ ނިއްކުރިން ބޮޑުތަނެއް ކަފައިގެން ވަނީ ގޮސްފައެވެ.

އައްޑޫގައި ހިނގި މާރާމާރީއާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. މިމައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެެވެ.

އައްޑޫގައި މިދުވަސްވަރު ހިންގަމުންދާ ސިލްސިލާ މާރާމާރީތަކާއި ގުޅިގެން އައްޑޫސިޓީ ޕޮލިހުން ހާއްސަ އޮޕަރޭޝަނެއް މިހާރު ވަނީ ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން