ސްމޯލް އައިލެންޑް ޑިވެލޮޕްމަންޓް ސްޓޭޓްސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް ދައުވަތު ދީފިއެވެ.

މި ދައުވަތު ރައީސް މުޢިއްޒަށް އަރުވާފައިވަނީ ކޮޕް 28 ކޮންފަރެންސްގެ ހަވާސާގައި، އެންޓިގުއާ އެންޑް ބާބިއުޑާގެ ބޮޑުވަޒީރު ގެސްޓޮން ބްރައުންއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

ރައީސުލްޖުމްހޫރިއްޔާއާއި ބޮޑުވަޒީރުގެ މަޝްވަރާތަކުގައި ބޮޑަށް އަލިއަޅުވާލައްވާފައިވަނީ، ތަރައްޤީވަމުންދާ ކުދި ޖަޒީރާ ޤައުމުތަކުން އިސްކަންދޭ ދާއިރާތައް ކަމަށްވާ ތިމާވެށްޓާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ފަތުރުވެރިކަމުގެ ދާއިރާއިން އެއްޤައުމު އަނެއް ޤައުމަށް އެއްބާރުލުން ދިނުމާ ގުޅޭގޮތުންނެވެ.

މި ބައްދަލުކުރެއްވުމުގައި ބޮޑުވަޒީރު ގެސްޓޮން ބްރައުން ވަނީ، 2024 ވަނަ އަހަރުގެ މެއި މަހު އެންޓިގުއާ އެންޑް ބާބިއުޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ 4 ވަނަ ކޮންފަރެންސް އޮފް ސްމޯލް އައިލެންޑް ޑިވެލޮޕްމަންޓް ސްޓޭޓްސްގައި ބައިވެރިވެވަޑައިގަތުމަށް ރައިސުލްޖުމްހޫރިއްޔާއަށް ދަޢުވަތު ދެއްވާފައެވެ.

ދެ ބޭފުޅުން މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ ދެޤައުމުގެ ދެމެދުގައި އިތުރަށް އެއްބާރުލުން އިތުރުކުރުމަށް ޝައުގުވެރިކަން ފާޅުކުރައްވަމުންނެވެ.

ދިވެހިރާއްޖެ އާއި އެންޓިގުއާ އެންޑް ބާބިއުޑާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރެވުނީ 2002 ވަނަ އަހަރުގެ މާރިޗު މަހުގެ 25 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން