މަޖިލީހުގެ ނައިބުރައީސް، އީވާ އަބްދުالله ނައިބު ރައީސް ކަމުގެ މަގާމުން ވަކިވެވަޑައިގަތުމާއި ގުޅިގެން މިއަދުގެ ހެނދުނުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނިންމާލައިފިއެވެ.

އީވާ މަގާމުން ވަކިވެވަޑައިގަނެފައިވަނީ މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެޖެންޑާ ކުރެވިފައިވާ ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް މަޤާމުން ވަކިކުރުމަށް ހުށައަޅާފައިވާ މައްސަލައިގެ ބަހުސް ފެށުމުގެ ކުރިން މަގާމު ދިފާއުކޮށް ޖަވާބުދާރީ ވެވަޑައިގަތުމަށް ވާހަކަ ދެއްކެވުމަށްފަހުއެވެ.

އީވާ މަޤާމުން ވަކިކުރުމަށް ހުށައަޅާފައިވަނީ 50 މެންބަރުން ސޮއި ކުރެއްވުމަށް ފަހުއެވެ. މި މައްސަލަ ހުށަހެޅީ އީވާ ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަސް އެޅުއްވުމުންނެވެ.

މިމައްސަލައިގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން ވަކިކުރުމުގެ މައްސަލަ އަކީ އެމްޑީޕީގެ ސަރުކާރާ ނުރުހުނީމާ ދޭ އަދަބެއް ކަމަށެވެ. އަދި އެކަމަނާ އަކީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސެއްގެ ގޮތުގައި ނާގާބިލު މީހެކޭ ވިދާޅުވެވޭނެ އެއްވެސް މެމްބަރަކު ނުހުންނާނެކަމަށެވެ.

އީވާ މަގާމުން އިސްތިއެފާ ދެއްވުމާއެކު، މަޖިލީސް ރައީސް ވަނީ އީވާގެ އިސްތިއުފާ ސިޓީ މެމްބަރުންނަށް އިއްވަވާ، އިސްތިއުފާގެ ސިޓީ ރިޔާސަތުން ބަލައިގަނެ، އީވާ މަޤާމުން ވަކިކުރުމަށް ހުށައަޅާފައިވާ މައްސަލަ ދެން އިތުރަށް ކުރިއަށް ނުގެންދެވޭނެކަން ވިދާޅުވެ މިއަދުގެ ޖަލްސާ ނިންމަވާ ލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން