ރައީސް ސޯލިހް ނިއުމަތަށް މަގާމުގެ ފަތްކޮޅު އަރުއްވަނީ
ރައީސް ސޯލިހް ނިއުމަތަށް މަގާމުގެ ފަތްކޮޅު އަރުއްވަނީ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ޗިލްޑްރެންސް އޮމްބަޑްސްޕާސަން ކަމަށް މ. މާފުށި، ނިއުމަތު ޝަފީގު މިއަދު އައްޔަން ކުރައްވައިފިއެވެ.

އެކަމަނާއަށް މަޤާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވަވާފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ނިއުމަތު މީގެކުރިން ހުންނެވީ ޔުނައިޓެޑް ނޭޝަންސް އިންޓަރނޭޝަނަލް ޗިލްޑްރަންސް އެމަޖެންސީ ފަންޑު (ޔުނިސެފް) ގެ ކޮންސަލްޓަންޓެއްގެ މަގާމުގައެވެ.

އަދި، ވޮލެންޓިއަކޮށް މޯލްޑިވްސް ގަލް ގައިޑްސް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރުގެ މަގާމު ފުރުއްވުމުގެ އިތުރުން އޭނާ ވަނީ ޕާޓް-ޓައިމްކޮށް މަތީ ތައުލީމު އުނގަންނައިދޭ ބައެއް މުއަައްސަސާތަކުގައި ލެކްޗަރާއެއްގެ މަގާމު އަދާކުރައްވައިފައެވެ. ނިޢުމަތު ޝަފީގަކީ އިންޓަނޭޝަނަލް މާސްޓަ އިން އާލީ ޗައިލްޑްހުޑް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން، އޭނާ ވަނީ އޮސްޓްރޭލިއާގެ ޔުނިވަސިޓީ އޮފް ސަދަން ކުއީންސްލެންޑުން ބެޗެލަރ އޮފް އާލީ ޗައިލްޑްހުޑް ހާސިލް ކުރައްވައިފައެވެ.

ޗިލްރަންސް އޮމްބަޑްސްޕަސަންގެ އޮފީހަކީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އުފައްދަވާފައިވާ މިނިވަން، މުސްތަގިއްލު އިދާރާއެކެވެ.

ޗިލްޑްރެންސް އޮމްބަޑްސްޕާސަން އަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ތަންފީޒު ކުރަން ޖެހޭ ކަންކަން ތަންފީޒު ކުރެވޭ މިންވަރު މޮނިޓާ ކުރުމަށާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާ ގުޅޭ މުއައްސަސާތައް މޮނިޓާކޮށް އިވެލުއޭޓު ކުރުމަށާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކަމާ ބެހޭ މުއާހަދާއާ އެއްގޮތަށް އަމަލު ކުރާ މިންވަރު ބެލުމާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަަސައްކަތް ކުރާ މުވައްޒަފުންގެ އަމަލުތައް ތަހުގީގުކޮށް މުތާލިއާ ކުރަން އައްޔަން ކުރާ މަގާމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން