ދަ ޑިމޮކްރެޓްސްގެ ރައީސް ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް އިންތިހާބުވެއްޖެ ކަމަށް އެޕާޓީން މިރޭ އިއުލާންކޮށްފިއެވެ.

އިއްޔެ ހެދުނު 10:00 ހަވީރު 16:00 އަށް ބޭއްވި ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބުގައި އެޕާޓީގެ ރައީސް ކަމަށް ވާދަކުރައްވާފައިވަނީ ކުރީގެ ސަރުކާރުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި ހުސެއިން އަމްރު އާއި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި މިވަގުތު ޑިމޮކްރެޓްސްގެ އިންޓެރިމް ޗެއާޕާސަން ހަސަން ލަތީފެވެ.

ޑިމޮކްރެޓްސްއިން މިރޭ އިއުލާންކުރި ވަގުތީ ނަތީޖާ އިން ދައްކާ ގޮތުގައި ހަސަން ލަތީފު އިންތިހާބު ކާމިޔާބު ކުރެއްވީ 1،704 ވޯޓް ހޯއްދަވައިގެންނެެވެ. ހަސަންއާ ވާދަކުރެއްވި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އަށް ލިބިވަޑައިގެންފައިވަނީ 1،300 ވޯޓެވެ.

ވަގުތީ ނަތީޖާ އިން ދައްކާގޮތުން ޑިމޮކްރެޓްސްގެ ނައިބު ރައީސް ކަމަށް އިންތިހާބުވީ މުހައްމަދު ޝިފާޒު އާއި މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާންގެ އިތުރުން އައިޝަތު އަލައިކާ އަދުނާން އެވެ. ޑިމޮކްރެޓްސްގެ އަންހެނުން ގޮފީގެ ރައީސް ކަމަށް ފާތިމަތު ހަމްދާ އިންތިހާބުވިއިރު ޒުވާނުންގެ ގޮފީގެ ރައީސް ކަމަށް އިންތިހާބުވެފައިވަނީ މުހައްމަދު މާސިހު ކަމަށް ވަގުތީ ނަތީޖާ އިން ދައްކައެވެ.

އިއްޔެ ބޭއްވި ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ 3،029 މެންބަރުން ވޯޓް ލާފައިވާ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. އެ އިންތިހާބުގައި 5،883 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ.

އިންތިހާބުގެ ނަތީޖާ މިރޭ އިއުލާނު ކޮށްފައިވާއިރު ނަތީޖާ އޮޅުވާލާފައިވާ ކަމަށް އެ ޕާޓީގެ ބައެއް މެމްބަރުން ވަނީ ތުހުމަތުކޮށްފައެވެ. އެގޮތުން އިންތިހާބުގެ ނަތީޖާ ނުލިބި ލަސްވުމުން އެކަމުގެ ކަންބޮޑުވުން ހަސަން އާއި ވާދަކުރެއްވި އަމްރު ވެސް ވަނީ ފާޅުކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން