މާލޭ މޭޔަރުކަމަށް ޕީޕީއެމް-ޕީއެންސީގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓް ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރެއްވުމަށް ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު ރޭ ފޯމު ހުށަހަޅުއްވައިފި އެވެ.

ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގެ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރުކަންވެސް ކުރެއްވި އާޒިމާ ޝަކުރޫ ވަނީ ޕީއެންސީ އޮފީހަަށް ވަޑައިގެން ފޯމް ހުށައެޅުއްވާފައެވެ. އެގޮތުން އާޒިމާ ވަނީ އެކަމަނާގެ ފޯމް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމު އަބްދުﷲ އާއި ހަވާލުކުރައްވާފަ އެވެ. ރައީސް ޑރ.މުޙައްމަދު މުޢިއްޒު މީގެ ކުރިން ވަނީ އެމަނިކުފާނުގެ ތާއިދު އާޒިމާއަށް އޮތް ކަން ހާމަކުރައްވާފައެވެ.

ފޯމް ހުށައެޅުއްވުމަށްފަހު މީޑިޔާއަށް މައުލޫމާތު ދެއްވަމުން ކުރީގެ ބަންޑާރަ ނައިބް އާޒިމާ ޝަކޫރު ވިދާޅުވީ މޭޔަރުކަމަށް ވާދަކުރައްވަނީ ސަރުކާރާއެކު މަސައްކަތް ކުރާނެ މޭޔަރެއް މިވަގުތައް މުހިއްމު ވާތީކަމަށެވެެ.

މޭޔަރުގެ އިންތިހާބުގައި މިހާތަނަށް 3 ޕާޓީއަކުންނާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފައްދަވަން އުޅޭ ޕީޕަލްސް ނޭޝަނަލް ފޮރެންޓް (ޕީއެންއެފް) ވަނީ ވާދަކުރަން ނިއްމާފައެވެ. އެގޮތުން މޭޔަރުކަމުގެ މަގާމަށް ވާދަކުރައްވާނެކަން މިހާތަނަށް ހާމަކުރައްވާފައިވަނީ އާޒިމާގެ އިތުރުން އެމްޑީޕީގެ ފަރާތުން އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމާއި ދަ ޑިމޮކްރެޓްސްގެ ފަރާތުން މާލޭ ސިޓީގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހް އަދި ރައީސް ޔާމީން އިސްކޮށް ހުންނަވާ އުފައްދަވަން މަސައްކަތްކުރާ، ޕީޕަލްސް ނެޝަަނަލް ފުރަންޓުން، ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު އެވެ.

މޭޔަރު ކަމުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުގެ 13ވަނަ ދުވަހުއެވެ. މާލޭ ސިޓީގެ މޭޔަރު ކަމުގެ މަގާމު ހުސްވީ ކުރިން އެމަގާމުގައި ހުންނެވި ޑރ.މުޙައްމަދު މުޢިއްޒު ރައީސުލްޖުމުހޫރިއްޔާ ކަމުގެ މަގާމާއި ހަވާލުވެވަޑައިގަތުމާއި ގުޅިގެންނެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން