ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ބޭފުޅަކަށް ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު ހަމަޖައްސައިފިއެވެ.

މާލޭގެ މޭޔަރު ކަމަށް ވާދަކުރަން ބޭނުންވާ ފަރާތްތަކުގެ ތެރެއިން ޕީޕީއެމް ޕީއެންސީގެ ޓިކެޓް ދޭނެ ފަރާތެއް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލުމުން ފޯމް ހުށަހެޅީ އާޒިމާ އެކަންޏެވެ. އެހެންކަމުން އާޒިމާއަށް ޕީޕީއެމް ޕީއެންސީގެ ޓިކެޓް ދޭން ވަނީ ނިންމާފައެވެ.

އާޒިމާ ވިދާޅުވީ މޭޔަރުކަމަށް އިންތިހާބު ވެވަޑައިގެންފި ނަމަ ދެމިހުންނަވާނީ މާލޭގެ ކުރީގެ މޭޔަރު އަދި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެއަށް ގެންގުޅުއްވި ތަސައްވަރު ކާމިޔާބު ކުރެއްވުމުގައިކަމަށެވެ.

މާލޭ މޭޔަރުގެ ގޮނޑި ހުސްވީ އެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިންތިހާބުވެވަޑައިގަތުމުންނެވެ.

މޭޔަރުގެ އިތުރުން މާފަންނު ދެކުނު ދާއިރާ އާއި މެދުހެންވޭރު ދާއިރާ އަދި ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރުންގެ ބައި އިލެކްޝަންސްވެސް ބޭއްްވުމަށް ވަނީ ނިންމާފައެވެ.

ބައި އިލެކްޝަން ބާއްވަން އީސީން ނިންމާފައި ވަނީ އަންނަ މަހުގެ 13 ވަނަ ދުވަހުއެވެ.

އާޒިމާގެ އިތުރުން އިންތިހާބުގައި ވާދަކުރައްވާނީ އެމްޑީޕީގެ ފަރާތުން އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމާއި ޑިމޮކްރެޓްސްގެ ފަރާތުން ސިޓީ ކައުންސިލްގެ ކައުންސިލަރަކަށް ހުންނެވި މުހައްމަދު ސައިފް ފާތިހު އާއި ރައީސް ޔާމީންގެ ޕީއެންއެފްގެ ފަރާތުން ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން