ޕީޕީއެމްގެ ފުރަތަމަ ސަރުކާރުގައިވެސް މަގުތައް ނާމާންވެ، ގެދޮރުގެ ހަތަރު އިންފާރަކީ އަމިއްލަ ނަފްސުގެ ރައްކާތެރިކަން ކަށަވަރު ނުކުރެވޭ ތަންތަނަށް ވެގެންދިޔަކަމަށާއި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އަމަލުތައްވެސް ހުރީ އެމަގުންކަމަށް ބުނެ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދިވެހިރާއްޖޭގެ އަމާންކަން ގެއްލި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުށްކުރުމާއި މާރާމާރީތައް އިތުރުވުމަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ނުހަނު ކަންބޮޑުވާ ކަމެއްކަމަށެވެ. އަދި ދިރިއުޅޭ ހިޔާވަހީގެ ރައްކާތެރިކަމާއި، މަގުތަކުގެ އަމާންކަން ގައުމުގައި ގާއިމު ނުކުރެވުމަކީ އެ ޕާޓީއަށް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށްވެސް ބަޔާނުގައިވެއެވެ.

ބަޔާނުގައި ބުނީ އެމްޑީޕީން ވަކާލާތު ކުރާ އަބުރުވެރި ދިރިއުޅުމަކަށް ގެދޮރުގެ ހުރުމަތް ކޮންމެ ރައްޔިތަކަށްމެ ކަށަވަރު ކޮށްދޭން ޖެހޭނެ ކަމަށެވެ.

"އަމާން ރާއްޖެ އެއްގެ ހިޔާ ދަށުގައި، ފިކުރުބޮޑު ނުވާ ދިރިއުޅުމެއްގެ އުފާ ލިބެންވާނެ." ބަޔާނުގައިވެއެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނީ މާޒީގައިވެސް، ޕީޕީއެމް-ޕީއެންސީގެ ވެރިކަން ބައްޓަން ކުރީ އެމްޑީޕީގެ އަސާސްތަކާއި ނުކިއްސަރުކޮށް ކަމަށެވެ. އަދި ޕީޕީއެމްގެ ފުރަތަމަ ސަރުކާރުގައިވެސް މަގުތައް ނާމާންވެ، ގެދޮރުގެ ހަތަރު އިންފާރަކީ އަމިއްލަ ނަފްސުގެ ރައްކާތެރިކަން ކަށަވަރު ނުކުރެވޭ ތަންތަނަށް ވެގެންދިޔަކަމަށާއި އެ ޕާޓީއަށް ފެންނަ ފެނުމުގައި، މި ސަރުކާރުގެ އަމަލުތައްވެސް މިހިރީ އެ މަގުންކަމަށް ބަޔާނުގައިވެއެވެ.

އެމްޑީޕީން ވަނީ މިއަދާ ހަމައަށްވެސް ގައުމުގެ އަމަން ބެލަހެއްޓުމުގެ ޒިންމާ މަތިކޮށްފައިވާ ފުލުހުންގެ ހިދުމަތަށް އިސްވެރިޔަކު އައްޔަނުކޮށްފައި ނުވާކަން އެ ފާހަގަ ކޮށްފައެވެ. އަދި މިއީ ފުލުހުންގެ ޒިންމާތައް އެންމެ ފުރިހަމައަށް އަދާކުރަން އޮތް ހުރަހެއްކަމަށާއި އެހެންކަމުން ކޮމިޝަނަރަކު އައްޔަނު ކުރުން ޕޮލިސް ބޯޑު މެދުވެރިކޮށް އަވަސްކުރުމަށް މި ބަޔާނުގައި އެމްޑީޕީން ގޮވާލާފައިވެއެވެ.

އެމްޑީޕީން ބުނީ ނިމިގެންދިޔަ ސަރުކާރަކީ ފާއިތުވި 15 އަހަރު ތެރޭގައިވެސް ދިވެހިރާއްޖޭގައި އެންމެ ކުށް މަދު ކުރެވުނު ފަސް އަހަރުކަމަށެވެ. އެއީ އަމާންކަން ނެގެހެއްޓުމަކީ ދައުލަތުގެ އެންމެ އިސް ޒިންމާ ކަމުގައި ދެކި، ގިނަ މުއައްސަސާތަކެއް ގުޅިގެން ރޭވުންތެރިކަމާއެކު ކުރެވުނު މަސައްކަތުގެ ނަތީޖާކަމަށްވެސް ބަޔާނުގައިވެއެވެ.

އެހެންކަމުން ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އެ ޕާޓީން ގޮވާލަނީ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދީ ބިރުވެރިކަމެއް ނެތި އުޅެވޭނެ މުޖުތަމައެއް ގާއިމުކޮށްދިނުމަށްކަމަށްވެސް އެމްޑީޕީން ނެރުނު ބަޔާނުގައެވެ.

އެމްޑީޕީން މި ބަޔާން ނެރެފައި މިވަނީ ރާއްޖޭގައި ނުރައްކާތެރި މާރާމާރީތަކެއް ހިނގައި، އާއްމުންގެ މެދުގައި ބިރުވެރިކަމެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން