ޗާގޯސް މައްސަލައިގައި ރާއްޖެއަށް ގެއްލުނު ސަރަހައްދު ހޯދަން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ގޮވާލައްވައިފިއެވެ.

ގާސިމް މިކަމަށް ގޮވާލެއްވީ ޗާގޯސްގެ ރަށްތައް މޮރިޝަސްއާ ހަވާލުކުރަން އިނގިރޭސިވިލާތުން ނިންމި ނިންމުން ބަދަލުކުރަން ނިންމާފައިވާކަމަށް ބުނާ ހަބަރުތަކާއި ގުޅިގެނެވެ.

ގާސިމް ވަނީ އިނގިރޭސި ދައުލަތުން ޗާގޮސް އެކިޕެލާގޯ، މޮރިޝަސް އާއި ހަވާލު ކުރުމަށް ކުރިން ނިންމި ނިންމުން ބަދަލު ކުރިކަން އެ ޤައުމުގެ ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާ މި ދަނޑިވަޅުގައި، އިޓްލޮސް ގެ ނިންމުމާއި އެކު ރާއްޖެއާއި ޗާގޮސްގެ މައްސަލައިގައި ދިވެހީންނަށް ގެއްލިފައިވާ ސަރަހައްދު ހޯއްދަވައިދެއްވުމަށް ވިސްނުންތެރިކަމާއެކު ވީހާވެސް ހަލުވިކޮށް މަސައްކަތްޕުޅު ފައްޓަވައިދެއްވުން އެދި ދިވެހިރާއްޖޭގެ ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އަރިހުގައި އިޙްތިރާމާއިއެކު ދަންނަވާފައެވެ.

ގާސިމްގެ ވާހަކަފުޅުގައި ރައީސް ޑރ. މުޢިއްޒު ވަނީ އެމަނިކުފާނުގެ ކެންޕޭނުގައި ، ވެރިކަމަށް ވަޑައިގެންފިނަމަ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެ މައްސަލަ އިސްތިއުނާފަށް ވައްދާނެކަމަށް ވަޢުދުވެވަޑައިގެންފައި ކަންވެސް ފާހަގަކުރެއްވިއެެވެ.

"މިމައްސަލަ އަކީ އަޅުގަނޑުވެސް ފާއިތުވި ރިޔާސީ އިންތިޚާބުގައި ހައްލުހޯދުމުގެ ޢަޒުމުގައި ނުހަނު ބޮޑަށް ވަކާލާތު ކުރި ޤައުމީ މައްސަލައެއް ކަމުގައި ވާތީއާއި، އިނގިރޭސި ދައުލަތުން ފަހުން ނިންމާފައިމިވާ ނިންމުމުގެ ސަބަބުން ދިވެހީން ޒަމާނުއްސުރެ މަސްވެރިކަން ކުރަމުންއައި ކަނޑުގެ ސަރަޙައްދު އަލުން ދިވެހީންނަށް ފުރިހަމައަށް ލިބުމުގެ ފުރުޞަތު ބޮޑުވެފައިވާތީ، އިނގިރޭސި ދައުލަތާއިއެކު އަވަސް މަޝްވަރާތަކެއް ފައްޓަވާ ޒަމާނުއްސުރެ ދިވެހީން ގެންގުޅެމުން އައި ސްޓޭންޑް ދަމަހައްޓަވާ މި ކަމުގައި ދިވެހީންނަށް ކާމިޔާބު ހޯއްދަވައިދެއްވުމަށް މަނިކުފާނު މަސައްކަތްޕުޅު ކުރައްވާނޭކަމަށް އަޅުގަނޑު ޔަޤީންކުރަން." ގާސިމް ވިދާޅުވިއެވެ.



ގާސިމް ވިދާޅުވީ މި މަސައްކަތުގައި ދެއްވެން އޮތް ކޮންމެ އެހީތެރިކަމަކާއި އެއްބާރުލުމެއް ދިނުމަށް އެމަނިކުފާނާއި ޖުމްހޫރީ ޕާޓީން ތައްޔާރަށް އޮތް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން