ދާއިމީ އެއްވެސް މުވައްޒަފެއް ވަޒީފާއިން ވަކިނުކުރާނެ ކަމަށް ފެނަކަ ކޯޕަޜޭޝަނުން ހާމަކޮށްފިއެވެ.

ފެނަކަ ކޮޕަރޭޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެކުންފުންޏަށް އެކި މަޝްރޫޢުތަކަށް މީހުން ނަގާފައިވަނީ ނޮވެމްބަރ 30 ގައި ކޮންޓްރެކްޓްގެ މުއްދަތު ހަމަވާ އުސޫލުން ކަމަށެވެ. އެހެންކަމުން، އެ މުވައްޒަފުން ނެގުނު ބޭނުން ފުރިހަމަވުމުން އެ މުވައްޒަފުންނާއެކު ހަދާފައިވާ އެެއްބަސްވުމުގެ މުއްދަތު އިތުރު ނުކުރާނެ ކަމަށް ފެނަކައިން ބުނެފައި ވެއެވެ.

ނިމިދިޔަ ސަރުކާރުން ވަޒީފާ ދީފައިވާ މީހުން ވަކިކުރަން އުޅޭކަމަށް ބުނެ ގިނަ ބަޔަކު ވަނީ މީސް މީޑިއާގައި ނުރުހުން ފާޅުކޮށްފައެވެ. އަދި މިއަދުގެ މަޖިލީހުގެ ޖަލްސާގައި މިކަމާއި ގުޅުންހުރި ކުއްލި މައްސަލައެއްވެސް ހުށަހަޅާފައި ވެއެވެ. މިކަމަށް ރައްދުު ދެމުން ފެނަކައިން ބުނީ އެކުންފުންޏާއި ބެހޭގޮތުން ބައެއް ފަރާތްތަކުން މީޑިއާ މެދުވެރިކޮށް އަދި އެހެނިހެން ގޮތްގޮތުން ޙަގީޤަތް އޮޅުވާލައިގެން ވާހަކަތައް ފަތުރަމުންދާ ކަމަށެވެ.

"ބައެއް ރަށްރަށުގައި އިންޖީނުގެއާއި އޮފީސް އިމާރާތްކުރުމަށް ފަށާފައިވާ މަޝްރޫއުތައް ނިމި ބައެއް މަޝްރޫތަކަށް ބޭނުންވާ ތަކެތި ހުސްވެ ކުރެވޭނެ އެއްވެސް މަސައްކަތެއް ނެތްއިރު އެ މަޝްރޫއުތަކަށް ކޮންޓްރެކްޓް އުސޫލުން ނަގާފައިވާ ވަގުތީ މުވައްޒަފުންގެ ކޮންޓްރެކްޓްގެ މުއްދަތު ރިޔާސީ އިންތިހާބާ ދިމާކޮށް އަދި އިންތިހާބުގެ ފަހުން މިދިޔަ މަހުގެ 30 އަށް އިތުރުކޮށްފައިވާކަން ފާހަގަކުރެވިފައިވެއެވެ." ފެނަކައިން ބުނެފައިވެއެވެ.

އެ ކަމަކީ ކުންފުނިން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި އިތުބާރާއި ޔަގީންކަމާ އެކު ފޯރުކޮށްދިނުމަށް ހުރަސް އެޅޭގޮތަށް ކޮށްފައިވާ ކަމެއް ކަަމަށްވެސް ބުނެފައި ވެއެވެ. އަދި ކުންފުނީގެ މިހާރުގެ މެނޭޖްމަންޓުން ކުންފުނިން ހިދުމަތް ފޯރުކޮށްދޭ ހުރިހާ ރައްޔިތުންގެ ހައްގުތައް ފުރިހަމައަށް ހިމާޔަތްކުރެވޭނެ މަގުން ކަންކަން އިންތިޒާމު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފެނަަކައިން ބުނެފައި ވެއެވެ.

"މަޝްރޫތަކަށް އަދި ފާއިދުވެދިޔަ ތިން މަސްދުވަހު އެއްވެސް މަސައްކަތެއް ކުރިއަށް ގޮސްފައިނުވާ މި ވަގުތަށް ކުރެވޭނެ އެއްވެސް މަސައްކަތެއް ނެތް މަޝްރޫތަަކަށް ވަގުތީގޮތުން ކޮންޓްރެކްޓް އުސޫލުން ނަގައި އާ ސަރުކާރަކާއި ކުންފުނީގެ އާ މެނޭޖްމަންޓް ބުރައަކަށް ވާގޮތަށް މިދިޔަ މަހުގެ 30 ގެ ނިޔަލަށް ކޮންޓްރެކްޓް މުއްދަތު ހަމަވާގޮތަށް ހަމަޖައްސާފައިވާ މުވައްޒަފުންގެ ކޮންޓްރެކްޓްތައް އައު ނުކުރުމަށް ވަނީ ނިންމާފައެވެ." ފެނަކައިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ މުވައްޒަފުންގެ އޮނިގަނޑުން ބޭރުން ވެސް ގިނަ އަދަދަކަށް މުވައްޒަުން ނަގައި ދާއިމީކޮށްފައިވާއިރު އެއްވެސް ދާއިމީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަކީ ކުންފުނީގެ މިހާރުގެ މެނޭޖެމްނަޓުން ކުރުމަށް ނިންމާފައިވާ ކަމެއް ނޫން ކަމަށް ފެނަކައިން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން