އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މަޖިލީހުގެ ތިން ބައިކުޅަ ދެ ބައި މެޖޯރިޓީ ސަރުކާރަށް ލިބޭނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުން ތިބީ އެމަނިކުފާނާއި މިސަރުކާރާއި އެކުގައި ކަމަށެވެ. އެގޮތުން ދިވެހި ރައްޔިތުން މިއަދު ތިބީ ޕީޕިއެމް-ޕީއެންސީއާއި އެކުގައި ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"ޕީޕިއެމް-ޕީއެންސީ އާއެކީގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުން އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ 3 ބައިކުޅަ 2 ބައި ދެއްވާނެ،" ރަައީސް މުޢިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން ސަރުކާރުގެ ވަޒީރުންނަށް ރުހުން ނުދޭނެ ކަމަށް ބުނެ އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ދައްކަވާ ވާހަކަތަކާއި ގުޅިގެން ރައީސް މުޢިއްޒު ވިދާޅުވީ ކެބިނެޓަށް ރުހުން ނުދޭނީ ރުހުން ނުދޭވަރުގެ ކަމެއް އޮތްނަމަ ކަމަށެވެ. ކެބިނެޓަށް ރުހުން ދިނުމުގައި އިދިކޮޅު ޕާޓީން އަމަލުކުރާނީ ވަރަށް ޒިންމާދާރުކޮށް ކަަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ކެބިނެޓަށް ރުހުން ދިނުމުގައި ސިޔާސީ ޕާޓީތަކުން ގައުމީ މަސްލަހަތު އިސްކުރާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑަށް ހަމަ ޔަގީން ވަރަށް ރެސްޕޮންސިބަލް އޮޕްޒިޝަނެއް ރާއްޖޭގައި އޮންނާނީ، ވަރަށް ވިސްނާވަޑައިގެން ހަމަ ގައުމީ މަސްލަހަތު އިސްކުރައްވައިގެން މި ހުތޫރަތްތެރި ދަނޑިވަޅުގައި ގައުމައިގެން ކުރިއަށް ދިޔުމުގެ ވިސްނުން މަޖިލީހުގައި ވެސް އޮންނާނީ. އަޅުގަނޑު ގަބޫލެއް ނުކުރަން އެ ނޫން ވިސްނުމެއްގައި އެއްވެސް ސިޔާސީ ޕާޓީއަކުން މަސައްކަތް ކުރައްވާނެ ކަމަކަށް. އަޅުގަނޑު ގަބޫލުކުރަނީ އެންމެން އެކީގައި ކުރިއަށް އޮތްތަނުގައި މި ދަނޑިވަޅުގައި ޑިމޮކްރަސީގެ ރީތި ހަމަ އިސްކުރައްވާނެ ކަމަށް." މުޢިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން