މިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދޫކުރި ފްލެޓްތަކުގެ ތެރެއިން އެއްވެސް މަކަރެއް ނުހަދާ ޕޮއިންޓް ހޯދި އެންމެންނަށް ގޯއްޗާއި ފްލެޓް ލިބޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ރައީސް މުއިއްޒު ވަނީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ދީފައިވާ އެއްވެސް ފްލެޓެއް ނުވަތަ ގޯއްޗެއް އަތުނުލައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ އޭރު ގެޒެޓް ކުރި ލިސްޓްތަކުގައި ހިމެނޭ މީހުންގެ ތެރެއިން ލިއުމެއް ނުލިބި ހުރި މީހުންނަށްވެސް ފްލެޓާއި ގޯތި ލިބޭނެ ކަމަށެވެ.

"ރަސްމީކޮށް ގެެޒެޓްކޮށްފައި އޮވެއްޖެއްޔާ އެމީހާއަށް އެއޮތީ [ފްލެޓް ނުވަތަ ގޯތި] ލިބިފައި. އަދި ލިޔުން ނުލިބިވެސް ހުރެދާނެ ބައެއް ފަރާތްތަކަށް، ރަޖިސްޓްރީ ނުހެދި ވެސް ހުރެދާނެ. އެއީ އަދި އެހެން ކަމެއް، އެެހެންވީމާ ފައިނަލް ލިސްޓެއް ގެޒެޓްކުރެވިފައި އޮވެއްޖެއްޔާ އެއޮތީ ސަރުކާރުގެ ނިންމުމެއް. ދެން ސަރުކާރުގެ ނިންމުމެއް އޮވެއްޖެއްޔާ ލިބޭނެ." ރައީސް ވިދާޅުވިއެވެ.

އެހެން ނަމަވެސް، ފްލެޓާއި ގޯތި ލިބިފައިވާ ގޮތާއި ދޭތެރޭ މީހަކު މައްސަލަ ޖެއްސުމުން، ކަމާއި ގުޅޭ އިދާރާތަކުން އެކަން ބެލުމަކީ އެއީ ވަކި ކަމެއް ކަމަށް ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ. އަދި މަކަރު ހަދައިގެން ދޮގު މައުލޫމާތެއް ހުށަހަަޅައިގެން ލިސްޓެއްގައި ހިމެނުނު މީހުންނަށް ފެލްޓް ނުލިބޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މިސާލަކަށް ވަކިން އެހެން ފަރާތަކުން މައްސަލަ ޖައްސަނީ މީހަކު ނުގަވައިދުން [ފްލެޓެއް ނުވަތަ ގޯއްޗެއް] ހޯދާފައި އޮތްތޯ ބަލަން. އެއީކީ އެއް މިކަމާ ގުޅޭ ކަމެއް ނޫން، މިސާލަކަށް މީހަކު އޮތީ މަކަރު ހަދައިގެން އޮޅުވާލައިގެން، ނުބައި މައުލޫމާތެއް ފޯޖްކޮށްގެން ލައިގެން ޕޮއިންޓް ހަމަކޮށްގެން ލިބިފައި، އެއީ ވަކި ކޭސްއެއް." ރައީސް ވިދާޅުވިއެވެ.

މަކަރެއް ހަދައިގެން ދޮގު މައުލޫމާތެއް ހުށަހަަޅައިގެން ލިސްޓެއްގައި ހިމެނުނު މީހުންނަށް ޝަރުއީ ހުކުމެއް އަތުވެދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން